އީ-ވޭސްޓް ހެކަތޯން ބޭއްވުމަށް ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އާ އެކު ދިރާގުން ބައިވެރިވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 28 އިން އަންނަ މަހު 7އަށް ކުރިއަށްގެންދާ މި ހެކަތޯންގައި ދަރިވަރުންނާއި އުފެއްދުންތެރި ޒުވާނުން އަދި ތިމާވެށި ހިމާޔަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް އެއްވެ، އީ-ވޭސްޓް މަދުކުރެވޭނެ ގޮތްގޮތާ މެދު މަޝްވަރާކުރާނެ އެވެ.
މި ހެކަތޯން އަމާޒުކޮށްފައިވަނީ ސާނަވީ ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށާއި ކޮލެޖް އަދި ޔުނިވަސިޓީ ދަރިވަރުންނަށެވެ.
ތަފްސީލް - އީ-ވޭސްޓަކީ އުކާލެވޭ ކަރަންޓު ނުވަތަ އިލެކްޓްރޯނިކް އާލާތްތަކަށް ކިޔާ ނަމެކެވެ. މީގެ ތެރޭގައި އުކާލާ ކޮމްޕިއުޓަރު، ފޯނު، ޓީވީ، ފްރިޖު، ބެޓެރީ އަދި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ހިމެނެ އެވެ.
އީ-ވޭސްޓަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އަދި އަލަށް ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެވެ.
'އިނޮވޭޓިން ފޯ އަ ސާކިއުލާ އިކޮނޮމީ: ޓެކްލިން ދަ އީ-ވޭސްޓް ކްރައިސިސް' ތީމްގެ ދަށުން ކުރިއަށްގެންދާ މި ހެކަތޯންގައި:
އީ-ވޭސްޓް ބޭނުންކޮށްގެން އެހެން ތަކެތި އުފެއްދޭނެ ގޮތްތަކާއި ދެމެހެއްޓިނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ފަހު ހައްލުތައް ހޯދުމަށް ބައިވެރިންނާ ހަވާލުކުރާނެ
މި މައްސަލަތަކަށް ހައްލުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ބެހޭ މާހިރުންނާ އެކު ވޯކްޝޮޕްތައް ހިންގައި އެ ފަރާތްތަކުން އިރުޝާދު ދޭނެ
މި ހައްލުތައް ޖަޖުންގެ ޕެނަލްއަށް ހުށަހެޅުމުގެ ކުރިން، ކުނި މެނޭޖްކުރާ ތަންތަނާއި ރީސައިކަލް ސެންޓަރުތަކަށް ޒިޔާރަތް ކުރާނެ
މި ހެކަތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހު 25ގެ ކުރިން މި ކަމަށް ހާއްސަކޮށްފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އީ-ވޭސްޓް ހެކަތޯން ބާއްވަން ދިރާގުން އެމްއެންޔޫއާ ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ