އެމްޑީޕީ އަންހެނުންގެ ގޮފީގެ އިވެންޓަކަށް ފުލުހުން ހުރަސްއަޅައިފި އެމްޑީޕީ އަންހެނުންގެ ގޮފީގެ އިވެންޓަކަށް ފުލުހުން ހުރަސްއަޅައިފި

އިދިކޮޅު އެމްޑީޕީން އަންނަ މަހުގެ ތިންވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީގެ އަންހެނުންގެ ގޮފިން މިއަދު ބޭއްވި އިވެންޓަކަށް ފުލުހުން ހުރަސްއަޅައިފި އެވެ.
"އަންހެނުންގެ އަޑު" ގެ ނަމުގައި އެމްޑީޕީގެ އަންހެނުންގެ ގޮފިން މިއަދު ބޭއްވި ވެހިކަލް ބުރު ފެށީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. އެ ހަރަކާތް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް ފުލުހުން އައިސް ސައުންޑު ސިސްޓަމް ބަހައްޓާފައި ހުރި ޕިކަޕު ހުއްޓުވި އެވެ.
ޕިކަޕު ދުއްވޭނީ ހުއްދަ ނަގައިގެން ކަމަށާއި އެހެން އެކަން ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ޕިކަޕުގެ ޑްރައިވަަރަށް ދިން ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ބުންޏެވެ. އެ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ދަނީ ދައުރުވަމުންނެވެ.
ފުލުހުން މިހެން ބުނުމާއެކު އެތަނުގައި ތިބި އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ގޮތް ދޫކޮށް ހަރަކާތަށް ފުރުސަތު ދޭން ފުލުހުން ނިންމީ އެތަނުގައި ތިބި ބައެއް ގާނޫނީ ވަކީލުން ފުލުހުންނާއި ވާހަކަ ދެއްކުމުން ކަމަށް އެމްޑީޕީގެ ބައެއް ސަޕޯޓަރުން ބުނެ އެވެ.
މިއަދުގެ ހަރަކާތުގެ ޕިކަޕުގެ ފަހަތުން އެމްޑީޕީގެ އަންހެނުންގެ ގޮފީގެ އިސްވެރިންނާއި އަންހެން މެންބަރުން ދުއްވާފައި ވަނީ ސައިކަލުތަކެއްގަ އެވެ. ސަރުކާރަށް ފާޑުކިޔުމުގެ އިތުރުން އޮކްޓޯބަރު 3، ގެ ބޮޑު އެއްވުމަށް މި ހަރަކާތުގައި ދައުވަތު ދީފައިވެ އެވެ.
ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިގުޅައިގަނެ ރައްޔިތުންނަށް ހިޔާނާތްތެރިވަމުން ދާތީ އެކަމާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް އިދިކޮޅު އެމްޑީޕީން ނިންމާ އޮކްޓޯބަރު 3، ގައި މާލޭގެ މަގުތަކަށް ނުކުންނާނެކަން އިއުލާނުކުރީ ސެޕްޓެމްބަރު 1، ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ