ނަޝީދަށް ފާސް ނުދިނީ ރަސްމީކޮށް ނޭދޭތީ ކަމަށް ސަރުކާރުން ބުނެފި ނަޝީދަށް ފާސް ނުދިނީ ރަސްމީކޮށް ނޭދޭތީ ކަމަށް ސަރުކާރުން ބުނެފި

އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާސް ނުދިނީ ރަސްމީކޮށް އެދިވަޑައިގެންފައި ނުވާތީ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ނަޝީދަށް ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން އެ މިނިސްޓްރީގައި ރަސްމީކޮށް އެދިފައި ނުވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނީ އދ. ގެ މައި މަރުކަޒަށް ވަނުމަށް ބޭނުންވާ ފާސް ހޯދުމަށް ނަޝީދު އެދިވަޑައިގަތުމުން އެ އިންތިޒާމު ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ އެމަނިކުފާނުގެ އޮފީހުން އިއްޔެ ބަޔާނެއް ނެރެފައި ވަނިކޮށެވެ.
ނަޝީދުގެ އޮފީހުން ބުނީ ލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދަށް އެ ތަނަށް ވަނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އެކަމަކު އަބަދުވެސް ދިވެހި ދިދަ އާއި ނިޝާން ޖެހި ފާހުގައި ތަމްސީލުވާން ނަޝީދު އެދިވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެ ފާސް ހޯދުމަށް އެދިވަޑައިގަތީ އެ ސަބަބާ ގުޅިގެން ކަމަށެވެ.
"ދައުލަތާއި ސަރުކާރުގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައި ތިއްބާވާ ބޭބޭފުޅުން، އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ފުށުން ހައިސިއްޔަތުން ލިބިވަޑައިގެން، ބައިނަލްއަގުވާމީ ރަސްމީ ޖަލްސާތަކާއި، ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގުވާމީ ދަނޑުގެ އާދަކާދަ،" ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ނަޝީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅަކަށްވާތީ، ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ އިއްޒަތް އެމަނިކުފާނަށް އަރުވަމުންދާ ކަމަށެވެ.
"ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން، ބޭރުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް މި މިނިސްޓްރީއާއި އެ ޤައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން މިހާތަނަށް ވެސް ވާނީ ހަމަޖައްސާފައި،" ފޮރިން މިނިސްޓްރިން ބުންޏެވެ.
ކުރިއަށް އޮތްތާނގައިވެސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ހަމަޖައްސަމުން ގެންދާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ