ސައުދީގެ އިސް މުފްތީ އަވަހާރަވެއްޖެ، ރާއްޖޭގައި ވެސް ކަށު ނަމާދު ކުރަނީ
ސައޫދީ އަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަދި އެންމެ މަތީ މުފްތީ ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލު ޝައިޚު މިއަދު އަވަހާރަވެއްޖެއެވެ. މާތް ވެގެންވާ އިސްލާމްދީނަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ, ޝައިޚު މިއަދު އަވަހާރަވިއިރު އުމުރު ފުޅުން 82 އަހަރެވެ. ޝައިޚު ވަނީ އެތައް އަހަރެއް ވަންދެން ޢަރަފާތުގެ މާތް ބިމުގައި ޙައްޖު ޚުޠުބާ ދެއްވާފައިވެއެވެ. ޝައިޚު މައްޗަށް ކުރެވޭ ކަށު ނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހު ރިޔާދުގައި ހުންނަ, އިމާމް ތުރުކީ ބިން ޢަބްދުالله މިސްކިތުގައެވެ. ޣައިބަށް ރާއްޖޭގައި ވެސް ކަށު ނަމާދު ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ރާއްޖޭގައި ކުރާ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. ސައުދީގެ އިސް މުފްތީގެ މަގާމަށް ޝައިޚު އައްޔަން ކުރައްވާފައިވަނީ 1999 ވަނަ އަހަރުގެ ޖޫން މަހުއެވެ. ޝެއިޚް އުފަންވެވަޑައިގަތީ 30 ނޮވެމްބަރު 1943 ގައި މައްކާއަށެވެ. ވަރަށް ތުއްޕުޅުއިރު ބައްޕަ އަވަހާރަވުމުން ޝެއިޚް ބޮޑުކުރެއްވީ މަންމާފުޅެވެ. ކުޑައިރުއްސުރެ އޭނާގެ ލޮލުގެ ފެނުން ދަށްވެ، އުމުރުން 17 އަހަރުގައި ވަނީ މުޅިން ލޯފަން ވެފައެވެ. އެހެންނަމަވެސް، ޤުރުއާން ހިތުދަސްކުރައްވައި، ވަރަށް ސާބިތުކަމާއެކު، ދީނީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ