އާންމުވީ އަދީބުގެ ޗެޓްލޮގުގެ އެއްބައި، ބާކީ އާންމުވެއްޖެނަމަ އެމްޑީޕީގެ ވެރިން "އޮރިޔާންވާނެ": އުމަރު
ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތް، އެމްއެމްޕީއާރުސީގެ މުގުލުގައި ހުރިކަން ސާބިތުވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލީކުވި ޗެޓްލޮގަކީ އަދި އެއްބައި ކަމަށާއި، މުޅި ޗެޓްލޮގު ލީކުވިނަމަ އިދިކޮޅު އެމްޑީޕީގެ ހުރިހާ ވެރިން ވެސް ''އޮރިޔާންވާނެ'' ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ. އެގާރަ އަހަރު ފަހުން އަދީބުގެ ފޯނުން 2014 ވަނަ އަހަރުގެ ފަހުކޮޅު ހިންގި ބައެއް މުއާމަލާތްތައް ހިމެނޭ ރިޕޯޓެއް ލީކްކޮށްލީ ޖުބްރާން ޝަރީފްގެ ނަމުގައި ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގާ އެކައުންޓަކުންނެވެ. އެއީ، އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ 'ފަރަޑޭ ފޮރެންސިކްސް'އިން 2015 ވަނަ އަހަރު ނެގި މައުލޫމާތެވެ. އެއިރު މައްސަލައިގެ ތަހުގީގުގައި ޝާމިލުވި ބޭފުޅެއްގެ ހައިސިއްޔަތުން އުމަރު ވަނީ އެ ޗެޓްލޮގުތަކާ ގުޅޭ ގޮތުން އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ މިހާރު ލީކުވެފައިވާ ޗެޓްލޮގަކީ، އެއްބައި ކަމަށެވެ. އެއިރު އެމްއެމްޕީއާރްސީ މައްސަލަ ތަހުގީގުކުރަން ދިވެހި ފުލުހުން އަދީބުގެ ފޯނާއި، ލެޕްޓޮޕް ހޯދަން އުޅުމުން އެ ތަކެތި ލިބިފައިނުވާ ކަމަށާއި، އެ ތަކެތި ގެންދިޔައީ ލަންޑަނަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެތަކެތި ލިބުނީ އެ ތަނުގައި ތިބި އެމްޑީޕީ ބަޔަކަށް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް ވިދާޅުނުވެއެވެ. އުމަރު ތުހުމަތުުކުރެއްވި ގޮތުގައި އެމްޑީޕީއަށް ނިސްބަތްވާ އެ މީހުން ވަނީ އެއިން އޭގައި އެ މީހުންނާ ގުޅުންހުރި ހުރިހާ މެސެޖުތަކެއް އުނިކޮށްފައެވެ. އަދި މިހާރު އާންމުވެގެން އުޅެނީ އެ އުނިކުރި ބައި ނޫން، އެހެން ބައިތައް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ފުރިހަމަ ޗެޓްލޮގެއް އާންމުވާ ދުވަހު އެމްޑީޕީގެ ވެރިން ވެސް "އޮރިޔާން" ވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. "އަޅުގަނޑު ހަމަ ޔަގީންކަމަކަށް ތިބޭފުޅުންނަށް މި ދަންނަވަނީ އިނގޭތޯ. އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގައި އޭރު ތިބި މެންބަރުންގެ ތެރެއިން ތިން ހަތަރު މީހަކު ނޫން އެހެން ހުރިހާ އެންމެންނަކީ އަދީބުގެ ފައިސާގައި ޖެހުނު މީހުން އިނގޭތޯ... ހަމަ އެކަމުގެ ރެކޯޑު އަޅުގަނޑަށް އެނގޭތީވެ އަޅުގަނޑު މި ދަންނަވަނީ. މި މައްސަލަ ތަހުގީގުކުރުމުގައި އެންމެ އިސްކޮށް އުޅުނު އެކަކަކީ އަޅުގަނޑުކަމަށްވާތީ،" އުމަރު ވިދާޅުވިއެވެ. https://sun.mv/211650 ކުށް ސާބިތުވެ، މިނިވަންވެފައި ތިބި އަދީބާއި ޒިޔަތު: އުމަރު ވިދާޅުވީ، ލީކުވި އަދީބު ޗެޓުލޮގުން ހާމަވަނީ ސިޔާސީ ޕާޓީތަކުގައި ކޮރަޕްޝަންގެ ފުޅަ އަޅާފައި އޮތް މިންވަރު ކަމަށް ---- މީގެ އިތުރުން އުމަރު ވިދާޅުވީ، އެ ޗެޓުލޮގުން ހާމަވަނީ ސިޔާސީ ޕާޓީތަކުގައި "ކޮރަޕްޝަންގެ ފުޅަ" އަޅައިފައި އޮތް މިންވަރު ކަމަށެވެ. "ޕާޓީތަކުގެ އެތެރޭގައި ކޮރަޕްޝަންގެ ފުޅަ އަޅާފައި އޮތްވަރު މި ޗެޓްލޮގުގެ އެއްބައިން އަޅުގަނޑަށް މި ފެންނަނީ. ސިޔާސީ ޕާޓީތަކުގައި، ފަނޑިޔާރު ގޭގައި އަޅާފައި އޮތްވަރު. ސިޔާސީ ޕާޓީތަކުން ވެރިކަމަށް އަންނަނީ ތިޖޫރީ ގެންނަން ރާވައިގެން،" އުމަރު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، 2،973 ސަފުހާގެ ލީކުވި ރިޕޯޓުގައި ކޯލުތަކާއި މުއާމަލާތްތަކުގެ އިތުރަށް، 81،167 މެސެޖު އެބައޮތެވެ. ފަނޑިޔާރުންނާއި މިނިސްޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ އެއްކޮޅާއި ދެކޮޅު މެންބަރުންނާއި، ނޫސްވެރިންގެ ގޮތުގައި ތިއްބެވި އެތައް ބަޔަކާއި ސަލާމަތީ ބާރުތަކުގައި ބޭކަލުންގެ އެތައް ވާހަކަތަކެއް އެބަހުއްޓެވެ. އަދީބާއި ޒިޔަތުގެ މައްޗަށް ކުށް ސާބިތުވިއިރު ދައުލަތުން ވަނީ އެ ދެބޭފުޅުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. މި މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެކަމަކު، އެ ހުކުމް އިއްވިއިރު ވެސް ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު ބަލި ހާލާތު ހުރި ގޮތުން ކަމަށް ބުނެ އަދީބު ހުންނެވީ ގޭ ބަންދުގައެވެ. https://sun.mv/184611 މި ހިޔާނާތް ސާބިތުވެ، ޒިޔަތުގެ މައްޗަށް ވަނީ ޖުމުލަ 31 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވައި، އެ ފައިސާ ހޯއްދަވާނެ ކަމަށް ވިދާޅުވެ، ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޒިޔަތާއި އަދީބަށް މައާފު ދެއްވާފައެވެ. އެއީ، އެމަނިކުފާނުގެ ދައުރު ނިމެން ތިން ދުވަހަށް ވެފައި އޮއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ