މެންޗެސްޓާ (ނޮވެމްބަރު 22) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރަޔާން އެމްބެއުމޯ އާއި އަމަދު ޑިއާލޯ އަދި ނުސައިރު މަޒްރައޮއީ، އަންނަ މަހު ފަށާ އެފްރިކަން ކަޕް ކުޅެން ގައުމީ ޓީމަށް ރިލީސްކުރުން ފަސްކުރެވޭތޯ ޔުނައިޓެޑުން މަސައްކަތް ފަށައިފި އެވެ.
ފީފާގެ ގަވާއިދު ބުނާގޮތުން، ގައުމީ ޓީމުގެ ރަސްމީ މުބާރާތެއްގެ ދެ ހަފްތާ ކުރިން އެންމެ ލަސްވެގެން، ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްކޮށްދޭން ޖެހޭނެ އެވެ.
އަންނަ މަހު 21 ވަނަ ދުވަހު އެފްރިކަން ކަޕް ފަށާއިރު، އޭގެ މާނަ އަކީ ޔުނައިޓެޑުން، ޑިސެމްބަަރު މަހުގެ ފުރަތަމަ ހަފްތާ އަށް ފަހު، އެމްބެއުމޯ، އަމަދު އަދި މަޒްރައޮރީ، ގައުމީ ޓީމަށް ދޫކުރަން ޖެހޭނެ އެވެ.
މަޒްރައޮއީ ކުޅެމުން އަންނަ މޮރޮކޯ އިން އެފްރިކަން ކަޕްގެ ފުރަަތަމަ މެޗުގައި އަންނަ މަހުގެ 21 ވަނަ ދުވަހު ކޮމޮރޯސްއާ ކުޅޭއިރު، އޭގެ ތިން ދުވަސް ފަހު، ކެމަރޫންއާ އެކު އެމްބެއުމޯ އާއި އައިވަރީ ކޯސްޓާއާ އެކު، އަމަދު ކުޅޭ މެޗުތައް އޮންނާނެ އެވެ. އެފްރިކަން ކަޕްގެ ފައިނަލަށް މި ކުޅުންތެރިންގެ ގައުމުތައް ގޮސްފިނަމަ، އެނބުރި އާދެވޭނީ ޖެނުއަރީ 18 ގެ ފަހުންނެވެ. އެ ގޮތަށް ދިމާވެއްޖެނަމަ، ޕްރިމިއާ ލީގުގެ އަށް މެޗާއި އެފްއޭ ކަޕްގެ މެޗެއް ގެއްލޭނެ އެވެ.
އެމްބެއުމޯ އާއި އަމަދަކީ ޔުނައިޓެޑްގެ ފުރަތަަމަ އެގާރައިގައި ގިނަ މެޗުތަކެއް މި ސީޒަނުގައި ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. އަނިޔާ އާއި ފިޓްނަސްއާ ހެދި މަޒްރައޮއީ އަށް އަދި އެންމެ ރަނގަޅު ކުޅުމެއް މި ސީޒަނުގައި ނުދެއްކުނު ނަމަވެސް އޭނާ ވެސް އަންނަނީ ކުޅުން ރަނގަޅުކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަނީ، ޑިސެމްބަރު 15 ވަނަ ދުވަހު ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްކުރާ ގޮތަށް ހެދޭތޯ މަސައްކަތް ކުރަމުންނެވެ. އެ ކަމާ ގުޅޭގޮތުން، ސުވާލުކުރުމުން ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނީ، ގަވާއިދުތަކެއް ހެދިފައި ހުންނައިރު، އޭގެއާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު، ހާލަތުގެ ގޮތުން ގަވާއިދުގެ ތެރެއިން ލުއި ގޮތްތައް ހޯދުމަކީ ވެސް ކުރެެވެން އޮތް ކަމެއް ކަމަށާއި އެފްރިކަން ކަޕަށް ކުޅުންތެރިން ރިލީސްކުރުމުގައި ޔުނައިޓެޑުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެފްރިކަން ކަޕަށް ކުޅުންތެރިން ވީއްލުން ފަސްކުރެވޭތޯ ޔުނައިޓެޑުން މަސައްކަތްކުރަނީ އެފްރިކަން ކަޕަށް ކުޅުންތެރިން ވީއްލުން ފަސްކުރެވޭތޯ ޔުނައިޓެޑުން މަސައްކަތްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ