އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް އަދިވެސް ނެތް: އުމަރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާ ކޯލިޝަން ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އަމިއްލަގޮތުން ފުރަތަމަ ބުރުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އުމަރެވެ. އޭނާ ވަނީ 6،343 ވޯޓު ހޯއްދަވައިފައެވެ. އެއީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ލިބުނު ވޯޓަށްވުރެ އިތުރު އަދަދެކެވެ.
ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާއެކު އުމަރު ކޯލިޝަން ހައްދަވާނަންތޯ "ވަން" އިން ސުވާލުކުރުމުން ވިދާޅުވީ "ނަތިން އިސް ޝެޑިއުލްޑް" ކަމަށެވެ. އަދި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހަދަން އުމަރު އަމިއްްލައަށް ހަށަހެޅުމެއް ހުށަހަޅުއްވާފައިވާނެތޯ ސުވާލުކުރުމުން އެކަމަށް ވަކި ޖަވާބެއް ދެއްވައިފައެއް ނުވެއެވެ.
އުމަރު މީގެ ކުރިންވެސް ވިދާޅުވެފައިވަނީ އޭނާގެ އޮތީ ހަމައެކަނި ޕްލޭން "އޭ" ކަމަށާއި އިންތިހާބުގައި ކާމިޔާބުނުވި ނަމަވެސް، ޕްލޭން "ބީ" އާ މެދު ނުވިސްނަވާނެ ކަމަށެވެ. އަދި އެހެން ސަރުކާރަކާ ކޯލިޝަން ހެދުމަށްފަހު، ވަޒީރުކަމެއް ނުވަތަ ސަރުކާރުގެ 20 ޕަސެންޓާއި 30 ޕަސެންޓު ހޯއްދެވުމަށްފަހު އާއިލާ މީހުން ސަރުކާރުގެ ވަޒީފާތަކުގައި ބޭއްތިއްބުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.
އެހެން ޕާޓީއަކާއެކު ކޯލިޝަން ހެދުމަށްވުރެ އޭނާ ކުރާ އަމިއްލަ ވިޔަފާރިކޮށްގެން އުޅުން މާރަނގަޅު ކަމަށާއި އެހެން ޕާޓީތަކުން އިންތިހާބު ކާމިޔާބު ނުވުމުން މައި ޕާޓީތަކާ ގުޅޭ އުސޫލު ނުގެންގުޅޭ ކަމަށްވެސް އުމަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އެ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒާއި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން އެކި ޕާޓީތަކުން ދަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ރަސްމީކޮށް ކޯލިޝަނަކާ ގުޅިފައިވަނީ ހަމައެކަނި އެމްއެންޕީންނެވެ. އެ ޕާޓީން ކޯލިޝަން ހަދާފައިވަނީ ޕީޕީއެމް-ޕީއެންސީއާއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނާޒިމަށް ލިބިވަޑައިގެންފައިވަނީ 1،907 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ