ސުޕްރީމް ކޯޓަށް ގޮސް އިންތިހާބު ބާތިލްކުރާ ވަރަށް ވޯޓު ބާތިލްކުރި: މާރިޔާ

ސުޕްރީމް ކޯޓަށް ގޮސް ރިޔާސީ އިންތިހާބު ބާތިލް ކުރާ ވަރަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވޯޓު ބާތިލްކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އަދި އެމްޑީޕީގެ މާލެ ދާއިރާގެ ކޯޑިނޭޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ.މާރިޔާ މިހެން ވިދާޅުވީ "އާ ޖޯޝަކާ އެކީ ކުރިއަށް" ނަމުގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 4،000 އަށް ވުރެ ގިނަ ވޯޓު ބާތިލް ކަމަށް ކަނޑައަޅާފައިވެ އެވެ. ގިނަ ވޯޓުތައް ބާތިލްވެފައިވަނީ ފާހަގަ މަތިން ދެފަހަރަށް ފާހަގަ ޖަހާފައި ހުރުމުންނެވެ. އެއް ފާހަގައަށްވުރެ ގިނައިން ވޯޓު ކަރުދާހުގައި ލާފައިވާ ނަމަ، އިލެކްޝަންގެ އުސޫލުގައިވާ ގޮތުން ވޯޓު ބާތިލްވާނެ އެވެ.ރޭ އެމްޑީޕީ ޖަގަހައިގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ސުޕްރީމް ކޯޓަށް ގޮސްގެން އިންތިހާބު ބާތިލްކުރާ މިންވަރަށް ބާތިލް ވޯޓު މި އިންތިހާބުގައި އެބަހުރި ކަމަށެވެ. އެކަމަކު، އެކަމެއް ނުކުރާނެ ކަމަށާއި މަސައްކަތްކުރާނީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދަން ކަމަށް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ އުމުރުން ދުވަސްވީ މީހަކަށް ރަނގަޅަށް ލޮލަށް ނުފެނި، ފާހަގަ ޔަގީންކޮށްލަން ފާހަގަ މަތީ ދެވަނަ ފަހަރަށް ފަވާލުމުން ވެސް ވޯޓު ބާތިލްކޮށްފައިވާ ކަމަށެވެ."ކަނޑައެޅިގެން އެއީ ހެޔޮ ފާހަގަކަން އެނގޭއިރު ވެސް ތިމަންނަމެންގެ ގަވައިދު ތަން ނުދެއޭ ކިޔާފައި ވޯޓު ބާތިލްކޮށްފައި އެބަ ހުއްޓޭ. ބައްލަވާ އިލެކްޝަން ކޮމިޝަންގެ މެންބަރުން އިންނަންވީ ނޫންތޯ އެތާ ތި މޮޅު ފާހަގަ ޖައްސަވަން. އަޅުގަނޑުމެންގެ ދުވަސްވީ މީހުންނަށް އެ ފާހަގަ ޖަހާކަށް ނޭނގެއޭ،" މާރިޔާ ވިދާޅުވި އެވެއޭނާ ވިދާޅުވީ، ކިޔު ދިގުވުމުގެ ސަބަބުން އެތައް ބަލި މީހުންނެއް ވޯޓު ނުލެވި ގެއަށް ވެސް ގޮސްފައިވާ ކަމަށެވެ.މި އަހަރުގެ އިންތިޚާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހާއިރު ޖެހޭނީ އެންމެ ރަނގަޅު ފާހަގައެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ވޯޓުގެ ސައްހަކަށް ކަށަވަރު ކުރުމަށެވެ. އަދި، އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި އެއް ފާހަގައަށް ވުރެ ގިނައިން ރަނގަޅު ފާހަގަ ޖަހާފައި ވާނަމަ އެ ވޯޓަކީ ބާތިލު ވޯޓެއް ކަމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ