ރާއްޖެއިން ބޭރުން ތައުލީމުގެ ހުރިހާ ފުރުސަތެއް ތަނަވަސްކޮށްދޭނަން: ގާސިމް
ތައުލީމީ ގޮތުން ރަނގަޅު ގާބިލް މީހުން ބިނާކުރުމަށްޓަކައި، ވަކި ފަރުދެއް ނެތި އެންމެން ޝާމިލްވާގޮތަށް، ރާއްޖޭންނާއި ރާއްޖެއިން ބޭރުން ތައުލީމް ހާސިލްކުރުމުގެ ހުރިހާ ފުރުސަތެއް ތަނަވަސްކޮށްދޭނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މާލޭ ދާއިރާގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި 35-18 ހަރަކާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ޖޭޕީ އިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ، ވަޒީފާ އަދާކުރަންކެރޭ ހުރިހާ ފަރަތްތަކަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޒުވާނުންނަށް ވަޒީފާ އަދާރުކުރެވޭނެ މަގު ތަނަވަސްކޮށްދީ، އެކަމުގެ ހުނަރު ހުރި ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ ޒުވާނުން ތަނަވަސް މީހުންނަށް ހެދުމަށްޓަކައި ސަރުކާރެއްގައި ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. މިހެން ދަންވާއިރުވެސް އެންގިވަޑައިގަންވާނެ، ވަޒީފާއަކަށްދާއިރު، އެކުއްޖެއްގެ ސްކިލްހުރި ގޮތަކުން، އެކުއްޖެއްގެ ތައުލީމީ ފެންވަރު ހުރި ގޮތަކުން އެކުއްޖަކަށް ރަނގަޅު ވަޒީފާތައް ލިބުމާއި ނުލިބުން އޮންނާނީ. އެހެންނަމަވެސް ދަންނަވަން މިއުޅޭ ވާހަކައަކީ ޒުވާން އެއްވެސް ކުއްޖަކަށް ވަޒީފާއެއް ނުލިބި ހުންނާކަށް ނުޖެހޭނެ. ގާސިމް އިބްރާހީމް ގާސިމް ވިދާޅުވީ، ތައުލީމީ ގޮތުން ރަނގަޅު ގާބިލް ކުއްޖަކަށް ހެދުމަށްޓަކައި، ހުރިހާ ކުދިންނަށްވެސް ވަކި ފަރުދެއް ނެތި އެންމެން ޝާމިލްވާގޮތަށް، ރާއްޖޭންނާއި ރާއްޖެއިން ބޭރުން ތައުލީމް ހާސިލްކުރުމުގެ ހުރިހާ ފުރުސަތެއްވެސް ތަނަވަސްކޮށްދޭނެ ކަމަށެވެ. އޭނާގެ ސަރުކާރެއްގައި ހުރިހާ އުމުރުފުރާއަކަށް ފުރިހަމަ ސިއްހީ ފަރުވާ ލިބޭނެކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާނަމަ ހުރިހާ ހަރަދަކާއި އަދި އެހީތެރިއަކަށް ދާ މީހެއްގެ ކެއުމާއި ހުރުމުގެ ހުރިހާ ހަރަދެއްގެ އިތުރުން ފޯރުކޮށްދޭނެކަމަށެވެ. ހަމައެއާއެކީގައި ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން މަދުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހަށްދެއްގައި އޭގެތެރޭގައި މާލެވެސް ހިމެނިގެންދާގޮތަށް ހުރިހާ ބަލިބައްޔަށް ބޭސްފަރުވާ ކުރެވޭނެ ނިޒާމު ހަމަޖެއްސުމަށްޓަކައި އެންމެ ގިނަވެގެންވެސް އަޅުގަނޑުމެންގެ ވެރިކަމުގެ ތިންވަނަ އަހަރު ފެށިގެންދާއިރު، ނުވަތަ ދެވަނަ އަހަރު ފެށިގެންދާއިރު، އެވަސީލަތްތައް ގާއިމްކޮށް، ރާއްޖޭން ބޭރަށް ދިޔުމުގެ ދަތި އުނދަގޫ ބުރަ މަސްއޫލިއްޔަތުން ސަލާމަތްކުރާނަން. ގާސިމް އިބްރާހީމް ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ ދިމާއެއް ކަމުގައިވިޔަސް، އަދި އެއީ ސަރުކާރުން ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓެއް ނުވަތަ ގެއެއް ކަމަށްވިޔަސް ދައުލަތަށް ލާރި ދައްކާކަމަށް ވާނަމަ އެހުރިހާ ފައިސާއެއް މާފުކޮށްދޭނެ ކަމަށެވެ. އެގޮތުން މީގެ ކުރިން ބުނި ފަދައިން 20،000 ހައުސިން ޔުނިޓް އަޅައި އެ ހައުސިން ޔުނިޓްތައް ވެގެންދާނީ ފައިސާ ނުނަގާ ގޮތަށް ދޫކުރާ ޔުނިޓްތައް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޔުނިޓުތައް ބެހުމުގައި އެއީ އެކަމަށް ގާބިލް، އެންމެ އެކަށީގެންވާ އަދި ގެދޮރަށް ބޭނުންވެފައިވާ މީހުންނަށް ބަލައި އެފަދަ މީހުންނަށް އެކަން ފަހިކޮށްދޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބަށް ޖޭޕީން، ގާސިމަށް ވަނީ ރިޔާސީ ޓިކެޓް އަރުވާފައެވެ. އެހެންނަމަވެސް ޖޭޕީ، އެމްއެންޕީ އަދި ޑީމޮކްރެޓްސްއިން ވަނީ އިންތިޚާބަށް އެއް ކެންޑިޑޭޓެއް ނެރުމަށް އެއްބަސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ