ރާއްޖެގެ ބައެއް ސަރަހައްދަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ބ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ. އަދި މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9 ޖެހުމާއި ހަމައަށް ކަމަށެވެ.
އެ އިދާރާ އިން ވިދާޅުވީ އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނޭ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރޭ ކަމަށެވެ.
އެހެންކަމުން މި ސަރަހައްދުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށާއި މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރެއްވުމަށް އެދިފައި ވެއެވެ. އަދި ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ސަލާމަތީ ގޮތުން ހުންނަން ޖެހޭ އާލާތްތައް ހަމައަށް ހުރިތޯ ބަލައި، ޗެކްކުރުމަަށްފަހު ދަތުރަށް ފެށުމަށް ވެސް އެދިފައިވެއެވެ.
މިއަދަކީ ހުޅަނގު މޫސުމުގެ ފުރަ ނަކަތުން 6 ވަނަ ދުވަހެވެ. ފުރަ ނަކަތަކީ ހުޅަނގު މޫސުމުގެ 12 ވަނަ ނަކަތެވެ. މި ނަކަތް ދެމިގެންދާނީ އޮގަސްޓްމަހުގެ 24 ން ފެށިގެން ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ނަކަތުގައި ހަޅަ ޖަހައި ވައި ބާރުވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ކާބަފައިން ބުނެފައި ވެއެވެ.
މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ