ތިލަފުށީގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 836 ބިދޭސީން ބަލައި ފާސްކޮށް 32 މީހަކު ހައްޔަރުކޮށްފި
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން، ކ. ތިލަފުށީގައި އިއްޔެ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިދޭސީން ބަލައި ފާސްކޮށް 32 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތެކެވެ. މި ރެއިޑްގެ ތެރެއިން ޖުމްލަ 836 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. އިމިގްރޭޝަނުން ތިލަފުށީގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން... ފޮޓޯ/ އިމިގްރޭޝަން މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި މީހުންގެ ތެރެއިން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަސައްކަތުގެ ބައެކެވެ. އިމިގްރޭޝަނުން ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް މާލެ ސަރަހައްދާއި އަތޮޅުތެރޭގައި މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. އިމިގްރޭޝަނުން ވަނީ ދާދި ފަހުން ގަވައިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ބަލައިފާސްކޮށް، އޭގެތެރެއިން 27 ބިދޭސިއަކު މާލޭ ހުޅަނގު ބަނދަރު ސަރަހައްދުގެ ފުޑް ކޯޓުތައް ހުންނަ ސަރަހައްދުން ހައްޔަރުކޮށްފައެވެ. މާލޭ ހުޅަނގު ބަދަރުގައި ހުންނަ ފުޑްކޯޓުތައް ބަލައި ފާސްކުރުން.. ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހިންގާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހު މާލެ ސަރަހައްދުގައި ވަނީ ފަށައިފައެވެ. މިދިޔަ މެއި މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރުން އެހާތަނަށް ވަނީ 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައެވެ. އަދި ދެ އަހަރާއި ބައިގެ ތެރޭގައި މި ސަރުކާރުން 206،400 މީހުންގެ ބައޯމެޓްރިކްސް ނަގައިފައިވާ ކަމަށާއި، އެ މައުލޫމާތު ނުލިބެނީ އެއް ޕަސެންޓު ބިދޭސީންގެ ފަރާތުން ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ