ކުއްލިއަކަށް ކުރިމަތިވި ބަލިތަކަކަށް ފަހު، ރިޕަބްލިކަން ޕާޓީގެ ގިނަ ދުވަސްވީ ސެނެޓަރު ލިންޑްސީ ގްރަހަމް، އުމުރުން 71 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އޭނާގެ އޮފީހުން މިއަދު ބުނެފި އެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޭ ކެޕިޓަލް ހިލްގައި ހުންނަ ގްރަހަމްގެ އޮފީހުގައި ހާޓް އެޓޭކެއް ޖެހިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާ އެކު ކުއްލި ހާލަތްތަކުގައި އެހީތެރިވާ ފަރާތްތަކުން އެ ތަނަށް ދިޔަ އެވެ. އޭނާ އަވަހާރަވީ ދާދި ފަހުން ޔޫކްރެއިނަށް ކުރެއްވި ދަތުރަކަށް ފަހު އެނބުރި ވަޑައިގެން، އެންބީސީގެ 'މީޓް ދަ ޕްރެސް' ޕްރޮގްރާމަށް މިއަދު އަރާވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގްރަހަމްގެ ހަނދާންތައް އާކުރައްވައި ތައުޒިޔާ ވިދާޅުވެފަ އެވެ. ޓްރަމްޕް އޭނާ ސިފަކުރެއްވީ "އަޅުގަނޑަށް އެނގުނު އެންމެ މާތް މީހުންނާއި ސެނެޓަރުންގެ ތެރެއިން އެކަކު"ގެ ގޮތުގަ އެވެ. އަދި އޭނާއަކީ "ބުރަކޮށް މަސައްކަތްކުރެއްވި، ގައުމު ދެކެ ލޯބިވި ބަތަލެއް" ކަމަށް ވެސް ވިދާޅުވި އެވެ.
ގްރަހަމްއަކީ 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނު ތެރޭގައި އެންމެ ފުރަތަމަ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. އެ ދުވަސްވަރު އޭނާ ޓްރަމްޕް ސިފަކުރެއްވީ "ނަސްލީ ތަފާތުކުރުން ގެންގުޅޭ، ބޭރު މީހުން ދެކެ ޖެހިލުންވާ އަދި ދީނީ ގޮތުން ހަރުކަށި ބޭފުޅެއް"ގެ ގޮތުގަ އެވެ.
ނަމަވެސް ފަހުން އޭނާ ވެގެންދިޔައީ ކޮންގްރެސްގައި ޓްރަމްޕްގެ އެންމެ އަރިސް އެއް ބައިވެރިޔާ އަށެވެ. ނަމަވެސް، 6 ޖެނުއަރީ 2021ގައި ކެޕިޓަލްއަށް ދިން ހަމަލާގައި ބައިވެރިވި މީހުންނަށް ޓްރަމްޕް މާފުދެއްވި މައްސަލަ ފަދަ ބައެއް ކަންކަމުގައި އޭނާ ވަނީ ޓްރަމްޕްގެ ނިންމެވުންތަކާ ދެކޮޅު ވެސް ހައްދަވާފަ އެވެ.
އެމެރިކާގެ ގައުމީ ސަލާމަތަށް ވަކާލާތުކުރެއްވި ގްރަހަމްއަކީ އިޒްރޭލާއި ޔޫކްރެއިނަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި އަދި އީރާނާ ދެކޮޅަށް ފާޅުގައި ވާހަކަދެއްކެވި ބޭފުޅެކެވެ.
"އިޒްރޭލަށް މި ގެއްލުނީ އެންމެ ބޮޑު އެއް އެކުވެރިޔާ. އެމެރިކާއަށް ގެއްލުނީ ގައުމީ ބަތަލެއް. އަދި އަޅުގަނޑަށް މި ގެއްލުނީ ލޯބިވާ އެކުވެރިއެއް،" އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި އެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ހިދުމަތް ކުރެއްވުމަށް ފަހު، 2002 ވަނަ އަހަރު ސެނެޓަށް ފުރަތަމަ ފަހަރަށް އިންތިހާބުވި ގްރަހަމް ވަނީ، އޭނާގެ ސިޔާސީ ހަޔާތުގައި ސެނެޓް ބަޖެޓް ކޮމިޓީގެ މުގައްރިރުކަން ކުރެއްވުމުގެ އިތުރުން ކޮންގްރެސްގެ މުހިންމު ބައެއް ކޮމިޓީތަކުގައި ވެސް ހިދުމަތް ކުރައްވާފަ އެވެ.
ޓްރަމްޕަށް ވާގިވެރިވި ސެނެޓަރު ލިންޑްސީ ގްރަހަމް އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ