އެފްއޭއެމްގެ ގައިރު ހާޒިރުގައި ވަގުތީ އަމުރު ނެރެން އެދުނު ފަޒީލްގެ ކުންފުނިން ހާޒިރުނުވެގެން އަޑުއެހުން ކެންސަލްވެއްޖެ

ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު އިބްރާހީމް ފަޒީލް (އޮއްޕޮ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހިންގާ ފިއުޗާ ހޯމްސް ކުންފުންޏަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުން ދޫކޮށްފައިވާ ބިމުގައި އެ ކުންފުނިން ހަދާފައިވާ އިމާރާތް ހުސްކުރުމަށް އެންގި މައްސަލާގައި މިއަދު ސިވިލް ކޯޓުގައި ބާއްވަން އުޅުނު ވަގުތީ އަމުރުގެ އަޑުއެހުން ކެންސަލްވެއްޖެ އެވެ.
މައްސަލައިގެ ފެށުން - ފަޒީލްގެ ކުންފުންޏާ އެކު، އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން 2023 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް 2،700 އަކަފޫޓުގެ ބިމެއް ދޫކޮށްފައިވަނީ 25 އަހަރުގެ މުއްދަތަަކަށެވެ.
އެފްއޭއެމަށް ފުޓުބޯޅަ އެރީނާއެެއް ހަދަން ދޫކޮށްފައިވާ އެ ބިމުގައި މިހާރު ދެ ބުރި އިމާރާތެއް ވަނީ އަޅައިފަ އެވެ. އެ ތަން ހުސްކުރުމަށް އެފްއޭއެމުން ތަކުރާރުކޮށް އެދުމުން ވެސް އެ ތަން ހުސްނުކުރާތީ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ވީކިިހިނެއް؟ - އެފްއޭއެމްެގެ މިހާރުގެ ލީޑާޝިޕުން ނިންމި ނިންމުމަކީ ފަޒީލްގެ ކުންފުންޏާ އެކު އެ އެސޯސިއޭޝަނުން ހަދާފައިވާ އެއްބަސްވުމާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ފަޒީލްގެ ކުންފުނި، ފިއުޗާ ހޯމްސްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.
އެފްއޭއެމްގެ ގައިރު ހާޒިރުގައި ވަގުތީ އަމުރެއް ނެރުމަށް ފިއުޗާ ހޯމްސްގެ ފަރާތުން އެދިފައިވަނީ:
ސިވިލް ކޯޓުން ގޮތެއް ނިމެންދެން، އެފްއޭއެމްގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް
އިމާރާތް ހުސްކުރުމަށް އެއްވެސް ފިޔަވަޅެއް އެޅުން ހުއްޓުވަން
ތަފްސީލް - މި މައްސަލާގައި ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 12:30 އަށެވެ. ނަމަވެސް ސިވިލް ކޯޓުން ބުނީ ދައުވާކުރާ ފަރާތުން މިއަދުގެ އަޑުއެހުމުގައި ބައިވެރިވެވެން ނެތުމުގެ ސަބަބުން މިއަދުގެ އަޑުއެހުން ކެންސަލް ކުރެވިފައިވާ ކަމަށެވެ.
ސިވިލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސް ގާޒީ މަރްޔަމް ވަހީދެވެ.
ފިއުޗާ ހޯމްސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސާލަގައި ބުނެފައިވަނީ އެ ތަނުގައި އިމާރާތެއް އެޅީ އެފްއޭއެމާ އެކު ހެދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކަމަށެވެ. ހުށަހެޅި މައްސާލަގައި ބުނެފައިވާ ގޮތުގައި:
އެ އިމާރާތަކީ ޓާފް ދަނޑުގެ ދެކުނުގައިވާ ކުނިތައް ނެގުމާއި، ސާފުކުރުމާއި ޗޭންޖިން ރޫމެއްގެ ބޭނުމުގައި ހެދި އިމާރާތެއް
ކުއްޔަކާ ނުލާ ބިން ދޫކޮށްފައިވަނީ އެ މަސައްކަތުގެ ބަދަލެއްގެ ގޮތުގައި
އިމާރާތުގެ މަސައްކަތް ނިމެންދެން ތިރީ ފަންގިފިލާގައި ބަހައްޓާފައިވަނީ ކޮންސްޓްރަކްޝަނަށް ބޭނުންވާ އެކި މުދާ؛ އެ ތަނުގައި ހުރި މުދަލުގެ އަގު 3 މިލިއަން ރުފިޔާއަށް އަރާނެ
ފުރަތަމަ ފަންގިފިލާގައި އިވެންޓް ހޯލެއް ހެދުމަށް ނިންމާފައިވަނީ ވެސް އިމާރާތް ހެދުމާ ހަވާލުވީ އެއިން ވެސް ކުންފުންޏަށް މަންފާ ލިބޭނެ ގޮތަކަށް އަޅަން ވެގެން؛ ނަމަވެސް ތަން ހުސްކުރަން އެންގީ އެއިން މަންފާއެއް ވެސް ނުނެގެނީސް
އެ ބިމުގައި ހުރި ގާކުނޑި އާއި އިމާރާތްކުރަން ބޭނުންވާ ސާމާނުގެ ތެރެއިން ކުންޏަށް ވެފައި ހުރި ބަރުތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް ވެސް ކޮށްދިން؛ މި މަސައްކަތްތައް ވެސް އެ ކުންފުނިން ކޮށްދީފައިވަނީ ބިން ދިނުމުގެ ބަދަލެއްގެ ގޮތުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ