އަބްދުﷲ މަރުވުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން މިނިސްޓަރު އިމްރާން އަންގަވައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގދ. ހޯނޑެއްދޫ ސްވާން، އަބްދުﷲ ރަޝީދު މަރުވުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ފުލުހުންގެ އިދާރާއަށް އަންގަވައިފިއެވެ. މިރޭ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ މަރުވެފައިވާތީ އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސްއިން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުން ވެސް އެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ބެލުމަށް އެންގެވި ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ސާބިތުވެއްޖެ ނަމަ އެކަމާ ގުޅިގެން އަޅަންވާ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އުމުރުން 43 އަހަރުގެ އަބްދުﷲ އަކީ ހޯނޑެއްދޫގެ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ ރައީސެވެ. ފުލުހުން މިރޭ ނޫސްވެރިންނާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާގެ މެއަށް ތަދެއް އަރައި، ފިޓު ޖެހުން ފަދަ އަލާމާތްތަކެއް ފެނުނެވެ. އޭގެ ސަބަބުން އޭނާ ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ހާދިސާއާ ބެހޭ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވާނެ ކަމަށެވެ. އޭނާ މަރުވި ސަބަބު ހޯދަން އޮޓޮޕްސީ ހަދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ