ހެޔޮލަފާ މީހުން އިތުރުވި ނަމަވެސް ގިނަވަނީ ފާތައް ކުރުމުގައި ހައްދުފަހަނައަޅާފައިވާ މީހުންކަން އެއީ ފެންނަމުން އަންނަ ކަމެކެވެ. އަޅުގަނޑުގެ އަމިއްލަ ނަފްސަށް ކުރެވޭ ސުވާލެއް އެބަ އޮތެވެ. ފައުޅުގައި ފާޙިޝް ޢަމަލުތައް ކުރަމުން ގެންދާއިރު އަދި އެނޫންވެސް ބޮޑެތި ފާފަތައް ކުރަމުން ގެންދާއިރު ﷲ ތަޢާލާ މީސްތަކުންނަށް ކޯފާ ނުލައްވަވަނީ ކީއްވެގެން ހެއްޔެވެ؟ ކުރީގެ މީސްތަކުންނަށް ފޮނުއްވެވި ފަދަ ވަރުގަދަ އިންޒާރުތައް ނުފޮނުއްވަވަނީ ކީއްވެގެން ހެއްޔެވެ؟
ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ ކަންތަކުގައި ދަންނަވަން އޮތީ މިހާރުވެސް ކޯފާ ފޮނުއްވަވައެވެ. ޤައުމުތަކަށް ބާރުގަދަ ޠޫފާންތައް އަރައެވެ. ބޮޑެތި ބަލިތައް ފޮނުއްވަވައެވެ. ބިންގަނޑު ކަނޑައިގެންގޮސް ގިނަބައަކު ވަޅުލެވި މަރުވެއެވެ. މިނޫންވެސް ތަފާތު އެތައް ކަންތައްތަކެއް އަންނަނީ މެދުވެރިވަމުންނެވެ. ދާދިފަހުން ފެތުރިގެންދިއަ ކޮރޯނާ ވައިރަސް މުޅި ދުނިޔެ ސިއްސުވައިލިއެވެ. ނަމަވެސް ބިރުވެތިވެވުނީ ކޮރޯނާ ފިލަންދެންނެވެ. އަދި އިންޒާރުތައްވެސް ފޮނުއްވަވައެވެ. އެކަންކަން ލޯތަކަށް ދައްކަވައެވެ. ނަމަވެސް މީސްތަކުންނަށް ވިސްނޭ ގޮތް ތަފާތުވަނީއެވެ. ބިރުވެތި ނުވެވެނީއެވެ.
ފަހުޒަމާނުގައި ކަންތައްތައް މެދުވެރިކުރައްވަވާނެ ގޮތް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ޙަދީޘްފުޅުތަކުގައިވާ ފަދައިން ކަންކަން އަންނަނީ ހިނގަމުންނެވެ. ވިސްނޭނީ ގުއްދީގެ ބޭނުންކުރާ މީހަކަށެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
18 މީޓަރު ކަނޑު އަޑީގައި ހުޅުވާލެވިފައި އޮތް ކީރިތި ޤުރްއާނުގެ މުޞްހަފެއް ވަނީ ފެނިފައެވެ. ހުޅުވާލެވިފައި އޮތް ޞަފްޙާއިން ފެންނަ އާޔަތްތަކުގެ ތެރޭގައި އަންނަނިވި ދެ އާޔަތް ހިމެނެއެވެ.
"ތިޔަބައިމީހުންނަށް އިންޛާރު ކުރެއްވުމަށާއި، ތިޔަބައިމީހުން ތަޤްވާ ވެރިވުމަށާއި، ތިޔަބައިމީހުންނަށް رحمة ލައްވާތޯ، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ހަނދާން ކޮށްދިނުމެއް ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން ޙައިރާން ވީހެއްޔެވެ؟"
"ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި ތިމަންރަސްްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ޣަރަޤް ކުރެއްވީމެވެ. ހަމަކަށަވަރުން، އެމީހުންވީ (ޙައްޤުގެ މަގު ނުފެންނަ) ކަނު ބަޔަކު ކަމުގައެވެ."
)އަލް އަޢްރާފް: 63،64)
މިކަމުގެ މައްޗަށް ޢިލްމުވެރިން ގެންދަވަނީ ބަސްފުޅު ވިދާޅުވަމުންނެވެ. ބައެއް ބޭކަލުން ސުވާލުކުރައްވައެވެ؟ "ކަނޑުގެ އަޑީގައި އެމުޞްޙަފް ހުޅުވާލެވިފައި އޮތީ ކީއްވެގެން ހެއްޔެވެ؟ ހުޅުވާލެވި ފެންނަން އޮތް ޞަފްޙާގައި މިދެއާޔަތް ފެންނަން އެއޮތީ ކީއްވެގެންހެއްޔެވެ؟"
ޖަވާބުވެސް ދެއްވައެވެ. "އެއީ ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް ދެއްވެވި ވަރުގަދަ އިންޒާރެވެ. އެއިންޒާރު ދެއްވެވުމުންވެސް އެކަލޭގެފާނުގެ ޤައުމުގެ މީހުން ބިރުނުގަތީއެވެ. ﷲ ތަޢާލާއަށް އީމާން ނުވީއެވެ. ޖާހިލުކަމުގައި ދެމިތިބީއެވެ. ނަތީޖާއެއްގެ ގޮތުން އެމީހުން ޣަރަޤްކުރެއްވެވީއެވެ.
އަހުރެމެންވެސް މިކަން ނަގަން އޮތް އެންމެ ރަނގަޅު މާނައަކީ ހަމައެއީއެވެ. މިއީ ދެއްވެވި ވަރަށް ވަރުގަދަ އިންޒާރެކެވެ. ﷲ ތަޢާލާގެ ކޯފާ ބާވައިލެއްވެވުމުގެ ކުރިން ތައުބާވެ އިޞްލާޙްވާންވީއެވެ. ނޫންނަމަ އަހުރެމެންނަށްވެސް ހަމައެކަންކަން އައިސް ބައްދަލުކުރާނެތެވެ.
މީސްތަކުންނޭވެ! ވިސްނައިލާށެވެ! ކަނޑުއަޑީގައި މުރަކަތަކާއި އެނޫންވެސް ތަކެތީގެ ތެރޭގައި ސަލާމަތްކަން ލިބިގެން ކީރިތި ޤުރްއާނަށް އޮވެވުނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ވަނީ ދާދިފަހުން ތުރުކީންވެސް ފެނިފައެވެ. ބޮޑު ބިންހެލުމެއް އައިސް ގިނަ ޢަދަދެއްގެ ބޮޑެތި ޢިމާރާތްތައް ވެއްޓިގެން ދިއައީއެވެ. އެތަންތަނުން ފެނުނު މުޞްޙަފްތައް ހުރީ ސަލާމަތުންނެވެ.
މިފަދަ ހުރިހާ ކަމަކުންވެސް އެނގިގެންދަނީ ﷲ ތަޢާލާ ކީރިތި ޤުރްއާން ޙިމާޔަތް ކުރައްވަވާނެ ކަމެވެ. އެކަމަށް އޮތް ވަޙީބަސްފުޅުގެ ތެދުކަމެވެ. ވީމާ އަހުރެމެންނަށް އޮތީ ޢިބްރަތް ޙާޞިލްކޮށް ތައުބާވުމަށް އަވަސްވެގަތުމެވެ.
ލިޔުމުގައިވާ ޓްވީޓް ބައްލަވާލައްވާ!:
A copy of the Qurʾān was found 18 metres deep in the ocean by Ian Haggerty, a scuba diver in South Africa.The opened pages revealed verses of the Prophet Nuh and his people. pic.twitter.com/dnqo1gDKgf
— • (@Alhamdhulillaah) April 13, 2023
ﷲ ތަޢާލާ ދެއްވަވަމުން ގެންދަވާ ގަދަފަދަ އިންޒާރުތަކުގެ ތެރެއިން ދާދިފަހުން ދެއްކެވި ވަރުގަދަ އިންޒާރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ