ނިންމާލި ކަމަށް ބުނި 'ތޯ'ގެ އާ ފިލްމެއް
މާވެލް ސިނެމޭޓިކް ޔުނިވާސް (އެމްސީޔޫ)ގެ އެންމެ މަގުބޫލު އެއް ސުޕަހީރޯ ކަމަށްވާ "ތޯ" ފްރެންޗައިޒް ނިންމާލުމަށް ފަހު އަނެއްކާ ވެސް ފްރެންޗައިޒްގެ އާ ފިލްމެއް ނެރުން ތައްޔާރުވެއްޖެއެވެ. ތޯ ފްރެންޗައިޒްގެ ހަތަރު ފިލްމު މިހާތަނަށް ނެރެފައިވާއިރު ތޯގެ ކެރެކްޓާ ވަނީ މާވެލްގެ އިތުރު ފިލްމުތަކުން ވެސް ފެނިފައެވެ. އޭގެ ތެރޭގައި އެވެންޖާސްއާއި ގާޑިއަންސް އޮފް ގެލެކްސީ ސީރީޒް ހިމެނެއެވެ. މީގެ ތިން އަހަރު ކުރީން ނެރުނު ތޯގެ ހަތަރުވަނަ ފިލްމު "ލަވް އެންޑް ތަންޑާ" ވީ ބެލުންތެރީންގެ މެދުގައި ކަމުދިޔަ ފިލްމަކަށް ނޫނެވެ. މި ފިލްމަށް ފަހު ފްރެންޗައިޒުން ނުފެންނާނެ ކަމަށް ތޯގެ އެކްޓަރު ކްރިސް ހެމްސްވޯތު ވަނީ ބުނެފައެވެ. ނަމަވެސް، މިހާރު އަނެއްކާ މިއޮތީ ތޯގެ އާ ފިލްމެއް ތައްޔާރުކުރަން މަސައްކަތް ފަށާފައެވެ. ހެމްްސްވޯތު ހާމަކޮށްފައިވަނީ ތޯގެ އާ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. އޭނާ ތޯގެ ރޯލުން ފެންނާނެ ކަމަށް ވެސް ހެމްސްވޯތު ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ފިލްމުގެ ޑައިރެކްޓަރު ތަފާތު ވާނެ ކަމަށް އޭނާ ހާމަކުރެއެވެ. އެންމެ ފަހުގެ ފިލްމު ޑައިރެކްޓު ކޮށްފައިވަނީ ޓައިކާ ވަޓީޓީއެވެ. ނަމަވެސް، އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު ޑައިރެކްޓު ކުރާނީ ސޭމް ހާގްރޭވްއެވެ. ހާގްރޭވްއަކީ ހެމްސްވޯތު ލީޑުން ފެންނަ "އެކްސްޓްރެކްޝަން"ގެ ދެ ފިލްމު ވެސް ތައްޔާރުކޮށްފައިވާ ޑައިރެކްޓަރެވެ. ތޯގެ އެންމެ ފުރަތަމަ ފިލްމެއް ނެރެފައިވަނީ 2011 ވަނަ އަހަރެވެ. އެ ފިލްމުގެ ކާމިޔާބީއާ އެކު ނެރުނު ތޯގެ ދެވަނަ ފިލްމަކީ މުޅި ފްރެންޗައިޒްގައިވެސް އެންމެ ގިނަ ބަޔަކު ފޫހިވާ ފިލްމެވެ. މިއީ ގިނަ ބަޔަކަށް އެއްގޮތަކަށް ވެސް ކަމުނުދާ ފިލްމެވެ. ނަމަވެސް އެއާ ޖެހިގެން ނެރުނު "ރެގްނަރޮކް" އަކީ މުޅި ފްރެންޗައިޒްގެ ވެސް އެންމެ ގިނަ ބަޔަކަށް ކަމުދާ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ