ޓާގެޓަކީ މެޗުތަކުން މޮޅުވުން، މަސައްކަތް ކުރާނަން: އީތަން ޓާގެޓަކީ މެޗުތަކުން މޮޅުވުން، މަސައްކަތް ކުރާނަން: އީތަން

ޒުވާން ގައުމީ ފުޓުބޯޅަ ޓީމުން 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ދިޔައީ ހުރިހާ މެޗަކުން ވެސް މޮޅުވެ، ކާމިޔާބު ހޯދުމުގެ އަޒުމުގައި ކަމަށް ގައުމީ ޒުވާން ޓީމުގެ މުހިންމު ކުޅުންތެރިޔެއް ކަމަށްވާ އީތަން އިބްރާހީމް ޒަކީ ބުނެފި އެވެ.
ގައުމީ ފުޓުބޯޅަ ޓީމުން މިއަދު ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބަންގްލަދޭޝް އިން ވަނީ ދެ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. އެކަމަކު ރާއްޖެއިން ވަނީ ފަހު ހާފުގައި ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އީތަން، ސާފްގެ މީޑިއާ އަށް ދިން އިންޓަވިއުގައި ބުނީ، މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުގެ ކުޅުން ދަށްވި ނަމަވެސް ދެ ވަނަ ހާފުގައި ރާއްޖެއިން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ކަމަށެވެ. އަދި ރާއްޖެއިން ޖެހި ދެ ގޯލުގެ އިތުރުން ލީޑު ނަގަން ފުރުސަތު ލިބުނު ކަމަށް ވެސް އީތަން ވަނީ ބުނެފަ އެވެ.
"މި މުބާރާތައް އައިސް މިތިބި އެހެން ޓީމުތަކެކޭ އެއްގޮތައް އަހަރެމެންވެސް އައިސް މިތިބީ ހުރިހާ މެޗަކުން މޮޅުވާން،" ބަންގްލަދޭޝް ކޮޅަށް ރާއްޖެ އަށް އެއްވަރުކޮށްދިން ގޯލު ޖެހި އީތަން ބުންޏެވެ.
އަރުނާޗަލް ޕްރަދޭޝްގެ ގޯލްޑަން ޖޫބިލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބަންގްލަދޭޝް އިން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލު ކުރީގައި އޮވެ އެވެ. އެ ޓީމުން ލީޑުނެގީ، 13 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، ނަޒްމުލް ހުދާ ފައިސަލް ޖެހި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާބޭރުން ފޮނުވާލި ބޯޅައަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ރާއްޖެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ބަންގްލަދޭޝްގެ ދެ ވަނަ ގޯލު ޖެހީ، އެ ޓީމުގެ ރިއްފަތު ގާޒީ ބޮލުންނެވެ.
ދެ ވަނަ ހާފުގައި ރާއްޖޭން ބަދަލުތަކެއް ގެނެސްގެން ކުޅުން ރަނގަޅުކުރި އެވެ. އެޓޭކަށް ދިޔަ ބޯޅަތަކުގައި ރަނގަޅު ހަމަލާތަކެއް އުފެއްދި އެވެ.
ރާއްޖޭން ފުރަތަމަ ލަނޑުޖެހީ، މެޗުގެ 57 ވަނަ މިނިޓްގައި، ނައްސާހު އިބްރާހިމް ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅައަކުން، އަނޫފް އަބްދުﷲ އެވެ. އަދި، ރާއްޖެ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ، މެޗުގެ 74 ވަނަ މިނިޓްގައި، އީތަން އެވެ. ރާއްޖެ ޓީމުގެ ކެޕްޓަން، އަހުޒަމް ރަޝީދު (އަހު) ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލައި، އީތަން ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ދަތުރުފަތުރުގައި ދިމާވި ކުއްލި ކަމެއްގެ ސަބަބުން، ފްލައިޓެއް ކެންސަލްވެ، ރާއްޖޭގެ ޓީމު މުބާރާތް ކުޅޭ އަރުނާލް ޕްރަދޭޝް އަށް ގޮސް ޓީމު ހަމަވީ މިއަދުގެ މެޗަށް 24 ގަޑިއިރަށް ވުރެ ކުޑަވެފަ އެވެ. އެހެންވެ، ޕްރެކްޓިހެއް މުބާރާތް ބާއްވާ ދަނޑުގައި ރާއްޖެ އަށް ނުކުރެވުނެވެ. ރާއްޖޭން މި މެޗު ފަސްކުރަން ހުށަހެޅި ނަމަވެސް ސާފުން އެ ޕްރޮޕޯސަލް އަނބުރާފޮނުވާލި އެވެ.
މި ގްރޫޕްގެ ދެ ވަނަ މެޗުގައި، އާދިއްތަ ދުވަހު، ބަންގްލަދޭޝް އިން ކުޅޭނީ ބޫޓާންއާ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، އަންގާރަ ދުވަހު ރާއްޖޭން ބޫޓާނާ ކުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ