ކުޑަކުދިންގެ ދުވަހު ކުދި ވިޔަފާރިވެރިންގެ ފެއާއެއް

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން، ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި 'ޔަންގް އޮންޓަޕްރެނުއާ ފެއާ'ގެ ނަމުގައި އާޓިފިޝަލް ބީޗުގައި މާދަމާ ހަވީރު ހަރަކާތެއް ކުރިއަށްގެންދަން ނިންމައިފި އެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ބުނިގޮތުގައި 18 އަހަރުން ދަށަށް އަމާޒުކޮށްގެން ބާއްވާ މި ފެއާގެ މަގުސަދަކީ ވިޔަފާރި އާއި އަމިއްލަ އުފެއްދުންތެރިކަމަށް ކުޑަކުދިންގެ ހިތުގައި ޝައުގުވެރިކަން އުފައްދައި މާލީ މުއާމަލާތްކުރާނެ ގޮތުގެ ހުނަރު ކުދިންގެ މެދުގައި ކުރިއެރުވުމާއި ކުދިންނަށް އަމިއްލަ ހިޔާލާއި ވިސްނުން ކުރިއަށް ނެރެ ޕްރޮމޯޓްކުރުމުގެ މުހިއްމުކަން ދަސްކޮށްދިނުމެވެ.
މާދަމާ ހަވީރު 4 އިން ފެށިގެން ކުރިއަށްގެންދާ މި ފެއާގައި 24 ސްޓޯލެއް ހުންނާނެ އެވެ.
ފެއާގެ އެންމެ ހާއްސަ އެއް ކަމަކަށް، ކުދިން ވިއްކާނީ އެ ކުދިންގެ އަމިއްލަ ހިޔާލުގެ މައްޗަށް އަމިއްލައަށް އުފައްދައިގެން ގެންދާ ތަކެއްޗެވެ. ފެއާގައި ތަމްސީލުކުރާނެ އެއްޗެއް ވިސްނުމާ ހަމައިން ފެށިގެން ގޮސް، ސްޓޯލްގައި އެ ހިޔާލެއް ޕްރޮޑަކްޓެއްގެ ގޮތުގައި މާކެޓްކޮށް ވިއްކަން ތައްޔާރުކުރުމާ ހަމައަށް ފެނިގެންދާނީ ކުދިންގެ އަމިއްލަ މަސައްކަތެވެ.
"ފެއާގައި ބައިވެރިވާ ކުދިންގެ ތެރޭގައި އަމިއްލައަށް ބޭކް ކޮށްގެން ތަކެތި އުފައްދާ ކުދިންނާއި އެޕް ޕިޗް ކުރާ ކުދިންނާއި އަމިއްލަ ގަހަނާ އުފައްދާ ކުދިންނާއި ތަފާތު އަތްތެރި މަސައްކަތް ކުރާ ކުދިންނާއި އާޓިސްޓިކް މަސައްކަތާއި ކަލިނަރީ ހުނަރު ދައްކާ ކުދިން ހިމެނޭ،" ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
 ފެއާ ހިނގަމުންދާ ވަގުތުގައި ސްޓޯލްގެ ހުރިހާ ކަމެއް ވެސް ކުރާނީ ބައިވެރިވާ ކުދިންނެވެ.
"ކުއްޖެއްގެ ޕްރޮޑަކްޓް މާކެޓް ކުރުމުން ފެށިގެން ގޮސް ވިއްކުމުގެ ހުރިހާ ކަމެއް ވެސް ކުރާނީ ކުދިން. ބެލެނިވެރިން ތިއްބަވާނީ ކުދިންގެ ހުނަރު ބައްލަވަން،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ކުޑަކުދިން ދުވަސް މި އަހަރު ކުލަގަދަކޮށް ފާހަގަ ކުރުމަށް މާދަމާ ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް އެކި ފަރާތްތަކުން އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ