މުންތަގިމް ދެއްކެވީ ކުޅިވަރުގެ ވޯޓުގައި އޭނާ ބަލިނުކުރެވޭނެކަން، އެކަމަކު ބައެއް މީހުންނަށް އެކަން ގޯސް

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި، މިދިއަ ހޯމަދުވަހު، ހިނގީ ހަގީގަތުގައި ވަރަށް އާދަޔާ ހިލާފު ކަމެކެވެ.
އެ އިންތިހާބުގައި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަން އެތުލެޓިކްސް އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމިޓީން ފާސްކުރީ އެ އެސޯސިއޭޝަންގެ ރައީސް މުސްތޮފާ މުހައްމަދެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް އޮތީ އޭނާ ވެސް ވާދަކުރައްވާނެކަމާއި ގިނަ ވޯޓުތަކެއް ޔަގީންކުރައްވާފައި އޮތް ކަމަށް، އެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.
އޭރު ވެސް އޮލިމްޕިކް ކޮމިޓީގެ އެއް ނައިބު ރައީސްއަކީ މުންތަގިމް އެވެ. އެތުލެޓިކްސް އެސޯސިއޭޝަންގައި އޭނާ މަސައްކަތްކުރައްވާތާ 35 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ ބޭނުން ނަމަ އެ އެސޯސިއޭޝަންގެ ރައީސްކަން ހޯއްދެވޭހާ ވެސް ބާރު އޮވެ އެވެ. ނަމަވެސް އޭނާ މި ދިގު މާޒީގައި މުޅިން ވެސް ހިޔާރުކުރެއްވީ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނަވާށެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ކަމަށް އެންމެ ފަހުން އޮތް އިންތިހާބުގައި މުސްތޮފާ ގެނައީ ވެސް، އެތެރޭގެ މައުލޫމާތު ހުރި ބައެއް މީހުން ދެކޭ ގޮތުގައި، މުންތަގިމްގެ ބާރުގަ އެވެ. އޭނާގެ ނުފޫޒު އޮންނަ ކްލަބެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި މުސްތޮފާ ނެރުއްވައިގެންނެވެ.
އެކަމަކު އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަން އޭނާ ތައްޔާރުވަމުން ގެންދަވަނިކޮށް މުސްތޮފާ ވެސް އެ ޝައުގުވެރިކަން ހާމަކުރައްވައި، އަދި އެ އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމިޓީން އެ ފުރުސަތު ނުދިނުމުން، މުންތަގިމް ހަތިޔާރު ބެހެއްޓެވީކީ ނޫނެވެ.
އޭނާ އިންތިހާބަށް ނުކުމެވަޑައިގަތީ ޗެސް އެސޯސިއޭޝަންގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އޮލިމްޕިކް ކޮމިޓީގައި ތިއްބަވާ ދެ ނައިބު ރައީސުންގެ ވޯޓުގެ ނަތީޖާއަކީ މި އެވެ:
އަހުމަދު އިސްމާއިލް، 15 ވޯޓު (މިހާރު ވެސް ނައިބު ރައީސް)
އަހުމަދު މުންތަގިމް، 12 ވޯޓު (މިހާރު ވެސް ނައިބު ރައީސް)
މުސްތޮފާ މުހައްމަދު، ތިން ވޯޓު (އަލަށް ވާދަކުރެއްވި)
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ މީހަކު ކޮންމެހެން އޭނާ ނިސްބަތްވާ އެސޯސިއޭޝަނަކުން ނޮމިނޭޓްކުރާކަށް ނުޖެހެ އެވެ. އެހެންކަމުން މުންތަގިމް އޭނާގެ އެސޯސިއޭޝަންގެ ރައީސްއާ ދެކޮޅަށް ވާދަކުރެއްވުމަކީ ގަވާއިދާ ހިލާފު ކަމެއް ނޫނެވެ. ނަމަވެސް ކުޅިވަރުގެ ބައެއް މީހުންގެ ފާޑުކިއުން އެބަ އޮތެވެ. އެ ނަޒަރުން ވިސްނާ މީހުން ބުނާ ގޮތުގައި އަމިއްލަ އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމިޓީން ވަކި މީހަކު ނެރެން ތާއީދުކޮށްފައި އޮއްވާ އެ ނިންމުމަށް އިހުތިރާމްނުކުރައްވައި، އެހެން އެސޯސިއޭޝަނެއްގެ ފަރާތުން ނުކުމެވަޑައިގަތުމަކީ، މުންތަގިމް ކުރެއްވި ގޯސް ކަމެކެވެ.
ނަމަވެސް ކުޅިވަރުގެ އިންތިހާބީ ކަންކަން ވެސް ހިނގަނީ އެހާ ރީތިކޮށެއް ނޫނެވެ. ސިޔާސީ ދެބަސްވުންތަަކާއި ރުޅިވެރިކަން އޮންނަ ގޮތަށް އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގެ ފަހަތުގައި ވެސް އޮންނަނީ އެފަދަ ވާދަވެރިކަމެކެވެ. ތަފާތަކީ ސިޔާސީ ކަންކަން އާންމުންނަށް އެނގޭ ވަރާ ގާތަށް ވެސް ކުޅިވަރުގެ އެ 'އަނދިރި' ވާދަވެރިކަން ތިލަނުވުމެވެ.
އިންތިހާބަކާ ނުލާ މިފަހަރު އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް ހޮވުނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ. އޭނާއާ ވާދަކުރައްވާނެ ކެންޑިޑޭޓަކު ނެތެވެ.
އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ހިނގަނީ މިހެންނެވެ. އެންމެ މަތީ ތިން މަގާމަކީ ރައީސް އާއި ދެ ނައިބު ރައީސުންނެވެ. އެންމެ ފުރަތަމަ ދެ އިންތިހާބުގައި ސެކްރެޓަރީ ޖެނެރަލް ވެސް އިންތިހާބުކުރަނީ އެވެ. ނަމަވެސް މިހާރު އެއީ އައްޔަންކުރާ މަގާމެކެވެ.
ރައީސް އާއި ދެ ނައިބު ރައީސުންގެ މަގާމަށް އެ ތިން ބޭފުޅުން ނުކުންނަވަނީ ޓީމެއްގެ ގޮތުގަ އެވެ. އެކަކަށް ވޯޓު ދޭ ހުރިހާ އެސޯސިއޭޝަނަކުން އަނެއް ދެ ބޭފުޅުންނަށް ވެސް، އާންމުކޮށް، ވޯޓު ދެ އެވެ. ނުވަތަ މަދު އެސޯސިއޭޝަނަކުން އެހެން ކެންޑިޑޭޓަކަށް ވޯޓު ދީފާނެ އެވެ. މިސާލަކަށް މިފަހަރުގެ އިންތިހާބުގައި މުސްތޮފާ ހޯއްދެވި ތިން ވޯޓެވެ. މުންތަގިމްއަށް އެ ތިން ވޯޓު ގެއްލުނެވެ. އެކަމަކު އަހުމަދު އެ އޮތީ އެ ތިން ވޯޓު ވެސް ހޯއްދަވައިގެން 15 ވޯޓު ހަމަކުރައްވައިފަ އެވެ.
މެޖޯރިޓީ އެސޯސިއޭޝަންތަކުގެ ވޯޓު ކަށަވަރުކުރަން އަޑިން ހިންގަނީ އެހާ ރީތި ކެމްޕޭނެއް ނޫނެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ވޯޓު 'ވިއްކުން' ވެސް އޮވެ އެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި އަބްދުއްސައްތާރާއި އަހުމަދު އަދި މުންތަގިމްއާ ވާދަކުރެވޭނެ ޓީމެއް ނުފެނުނެވެ. އެއް ބަޔަކު ބުނަނީ ސަރުކާރުން ވެސް އޮތީ އެ ތިން ބޭފުޅުންނަށް ރުހުން ދީގެން ކަމަށެވެ. އެހެންވެ ޝައުގުވެރިކަން ހުރި ބައެއް މީހުންގެ މަސައްކަތް މާ ކުރިން ހުއްޓުވީ އެވެ.
އެހާ ފަސޭހައިން އިންތިހާބުގެ ކަންކަން ކުރިއަށް ދިޔަސް އެ ބޮޑު ކޮންގްރެސް ބޭއްވީ ސިއްރުން ކަހަލަ ގޮތަށެވެ. އެ ކޮންގްރެސް ކަވަރުކުރަން މީޑިއާއަށް ދައުވަތެއް ނުދެ އެވެ. އޮލިމްޕިކް ކޮމިޓީގެ މީޑިއާ ގްރޫޕަށް ރަސްމީ މެސެޖެއް އައީ، ކުޅިވަރުގެ ބައެއް ރިޕޯޓަރުން ބުނި ގޮތުގައި، ހޯމަދުވަހުގެ ހަވީރު 5:00 ގެ ފަހުންނެވެ. އޭގައި އޮތީ 5:30ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ބުނެފަ އެވެ.
މި އިންތިހާބުގައި ކިރިޔާ ވެސް ވާދަވެރިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ މުންތަގިމްއަށެވެ. އޭނާ ދެއްކެވީ ކުޅިވަރުގެ ވޯޓުގައި އޭނާ ކަޓުވާލެވޭނެ ވަރުގެ ބާރެއް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްއަށް ވެސް ނެތް ކަމެވެ.
ޗެސް އެސޯސިއޭޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ނުކުންނެވުމުން ބައެއް މީހުންގެ ފާޑުކިޔުން ކުރިމަތިވިޔަސް މި އިންތިހާބުން ދައްކައިދިނީ ކުޅިވަރުގައި ވެސް ބާރު އޮންނަ ފަރާތްތަކުން އެ ބާރުގެ ބޭނުންކުރާނެ ކަމެވެ. ބާރެއް ލިބި، އެ ބާރު ދޫކުރެއްވި ކުޅިވަރުގެ ވެރިޔަކު ވެސް ރާއްޖޭގައި ނެތެވެ. ކޮންމެ ބޭފުޅަކު ވެސް ދުރަށް ޖެހިވަޑައިގަންނަވަނީ މަޖުބޫރުންނެވެ. އިންތިހާބު ކާމިޔާބުކުރެއްވޭނެކަމުގެ ޔަގީންކަން ނެތުމުންނެވެ.
އޮލިމްޕިކް ކޮމިޓީގެ އާ ރިޔާސަތު 2029އާ ހަމައަށް ދެމިގެންދާނެ އެވެ. ދެ ދައުރަށް ފަހު އަބްދުއްސައްތާރާއި އަހުމަދު އަދި މުންތަގިމް އެ މަގާމުތަކުން ދުރަށް ވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯ ސުވާލުކުރަން އަދި މާ އަވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ