އެސްއީޒެޑްގެ ދަށުން ނ.އަތޮޅުގައި މުއްސަނދިންނަށް ގެދޮރުވެރިކަމުގެ މަޝްރޫޢުއެއް ހިންގަނީ!

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ.އަތޮޅުގައި މަތީފަންތީގެ މީހުންނަށް ހާއްސަކޮށް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ.
މިކަމާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ހުއްދަ ދީފައިވަނީ، ކްރިސްޓަލް ހޯލްޑިގްސް ޕްރައިވެޓް ނަމަކަށްކިޔާ ކުންފުންޏަކަށެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމުގެ ހުއްދަ ދީފައިވަނީ އެކަމަށް ކުރަންޖެހޭ ދިރާސާތައް ކުރުމަށްފަހު، ބޯޑު އޮފް އިންވެސްޓްމަންޓުންނެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ނ.އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ޖުމްލަގޮތެއްގައި މަތީފަންތީގެ މީހުންނަށް ހާއްސަކޮށް ގެދޮރުވެރިކަމުގެ މަޝްރޫޢުތައް މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާއިރު، އެތަނުގައި ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތްލިބޭ ތަންތަން ޤާއިމްކުރާނޭކަމަށެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ ވަސީލަތްތަކަށް ބޭނުންކުރެވޭ ހަކަތައިގެ 60 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ހަދަންޖެހެއެވެ.
Advertisement
މި މަޝްރޫޢުގެ ދަށުން އެތަނުގައި އާބާދުވާ މީހުންނަށް ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް ޒަމާނީ ދަނޑުވެރިކަމާއި، އެކުއާކަލްޗާރ ޤާއިމްކުރެވިގެންދާއިރު، ތައުލީމީ ހިދުމަތްތައްވެސް ޤާއިމްކުރެވިގެންދާނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ކްރިސްޓަލް ހޯލްޑިގްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ހުއްދައިގެ ދަށުން 180 ދުވަހުގެ ތެރޭގައި ފީސިބިލިޓީ އެސެސްމަންޓްތަކާއި، ތަނުގެ އުމްރާނީ ތަރައްޤީގެ މާސްޓަރ ޕްލޭނާއި އިންޖިނިއަރިން އަދި ތިމާވެށީގެ ތަހުލީލުތަކާއި ތަފްސީލީ ވިޔަފާރީ ޕްލޭން ހުށަހަޅަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ