މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އިން ހިންގާ ތެލަސީމިއާ ސެންޓަރުގައި ގިނަ މައްސަލަތަކެއްގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް އެ ތަނުގެ ކޯޑިނޭޓަރަކަށް ހުންނެވި ފައިސަލް އިބްރާހީމް އެ މަގާމުން ދުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ތެލަސީމިއާއަށް ފަރުވާ ހޯދާ މީހުންނާއި އެމީހުންގެ އާއިލާތަކުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، އެމްބީއެސްގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން އެ ތަނުގެ މެނޭޖުމަންޓާ ބައްދަލުކުރުމަށް ފަހު ޖަވާބުތަކާ މެދު ހިތްހަމަނުޖެހިގެން އެ ރޭ ވަނީ މުޒާހަރާކޮށްފަ އެވެ.
އޭގެ ފަހުން މިދިޔަ އާދީއްތަ ދުވަހު އެ ތަނުގެ މެނޭޖުމަންޓުން ބައެއް މީހުން ވަކިކޮށްފައިވާކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ. އެގޮތުން:
ކޯޑިނޭޓަރު ކަމުން ވަކިކުރި ފައިސަލް އިބްރާހީމް، އެމްބީއެސްއާ ގުޅުން ނެތް މަގާމަކަށް ބަދަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭ
އެމްބީއެސްގެ ޑިރެކްޓަރެއްގެ ވަޒީފާގައި ހުރި އަހުސަން ހުސައިން ވެސް ވަނީ މަގާމުން ވަކިކޮށްފައި
ފާހަގަކޮށްލެވޭ - އެމްބީއެސްގައި ހުރި މައްސަލަތައްް ހައްލުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ އާދީއްތަ ދުވަހު ވިދާޅުވި ފަހުން، އެ ތަަނަށް ޑިރެކްޓަރު ޖެނެރަލެއް ކަނޑައަޅައި އިތުރު މުވައްޒަފުން ހޯދުމަށް އިއުލާންކުރި އެވެ. އެގޮތުން:
ޑިރެކްޓަރު ޖެނެރަލަކަށް އައްޔަންކުރީ، ކުރިން އައިޖީއެމްއެޗްގައި ވެސް މަސައްކަތްކުރައްވާފައި މެނޭޖުމަންޓް ދާއިރާގެ ތަޖުރިބާ ހުންނެވި އަހްމަދު މައުސޫމް
ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކަމަށާއި ޑިރެކްޓަރެއްގެ މަގާމަށް ބޭފުޅުން ހަމަޖައްސާނެ ކަމަށް ހެލްތު މިިނިސްޓްރީން ބުނި
ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހޯދާނެ
ފަސް ނަރުހުން ހޯދަން އިއްޔެ ވަނީ އިއުލާންކޮށްފައި
އިދާރީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން
އެމްބީއެސްގައި ހުރި މައްސަލަތައް ބައްލަވައި މީހުންގެ ޝަކުވާ އައްސަވަން ރައީސް މުއިއްޒު ވަނީ ހެލްތު މިިނިސްޓަރު އަބްދުﷲ ނާޒިމާ އެކު އެ ތަނަށް މިދިޔަ އާދީއްތަ ދުވަހު ވަޑައިގެންފަ އެވެ.
އެނގުން މުހިންމު - ބަލިމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަކީ އެމްބީއެސްއިން ލިބެންޖެހޭ ބޭސް ނުލިބުމާއި ލޭ ހޯދުން އެހާ އުނދަގޫއިރު ވެސް ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓު އުކާލަން ޖެހުމެވެ. އޭގެ އިތުރަށް ވެސް ފާހަގަކޮށްލެވޭ ކަންބޮޑުވުންތަކުގެ ތެރޭގައި:
ޕޭޝަންޓުންނާއި އެމްބީއެސްގެ އޮފިޝަލް ގްރޫޕުގައި މެނޭޖުމަންޓްގެ މީހަކު ނެތުމާއި ނަރުހުންގެ އިސް ބޭފުޅާ އާއި ސްޓޮކް ކީޕަރާ ގުޅޭ ބައެއް ޝަކުވާތައް
ޕޭޝަންޓްގެ މެޑިކަލް ހިސްޓްރީ އެމްބީއެސްގައި ނެތުން
ސަރުކާރު ބަންދު ދުވަސްތަކުގައި އެމްބީއެސް ބަންދުކުރުން
ދާއިމީ ފިޒީޝަނެއް އެމްބީއެސްގައި ނެތުން؛ ވިޒިޓިން ފިޒީޝަންގެ ހިދުމަތް ވެސް ހުއްޓާލާފައި އޮތުން
އެމްބީއެސްއިން ބޭސް ފޯރުކޮށްދިނުން ހުއްޓާލައި ފާމަސީތަކަށް ދޫކޮށްލަން ނިންމި ނިންމުމުގެ ސަބަބުން ބޭސް ލިބުން އިތުރަށް ދަތިވެގެން ދިއުން
އެމްބީއެސްގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރުކަމުން ފައިސަލް ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ