'އަބަދަށް': ނޭވާ ހިފަހައްޓާލަން ޖެހޭނެ؛ ޓްރެއިލާއިން ބިރާއި ދަހިވެތިކަމާއި ނުރައްކާ

ހައިފާ
ހިނގާފައި އެ އަންނަނީ ސްލޯ މޯޝަންގަ އެވެ. މަތި މަރުވެ މީހާ އޮއްސިފަ އެވެ. ހިޔާލީ ދުނިޔެއެއްގެ
ތެރެއަށް ގެއްލިފަ އެވެ. ސިކުނޑީގައި އެނބުރެމުންދިޔަ ހިޔާލުތައް ނޭނގުނަސް، ފޮރުވާފައިވާ ހުރި ނުތަނަވަސްކަމާއި ބިރުވެރިކަން އޭނާގެ ލޮލުން ކަޝްފުކޮށްދެ އެވެ. ދުނިޔެއަށް ނީވޭ، ނަފްސުގެ އަޑުން ބުނާ ކަހަލަ އެވެ:
"އަހަރެންނަށް
މުޅި ދުނިޔެ ބަދަލުވެއްޖެ. ހަގީގަތް އޮޅިއްޖެ. އަހަރެންނަށް އަހަރެން
ބޭކާރުވެއްޖެ. ސިކުނޑި ބަންދުވެއްޖެ. ގޮތް ހުސްވެއްޖެ. ފޫހިވެއްޖެ. އަހަރެންނަށް،
އަހަރެން ގިނަވެއްޖެ."
ހައިފާ
ދުނިޔެ މަތިން ފޫހިވީ ކީއްވެ، ކޮން ކަމަކާ ހުރެ އެވެ؟ ބޭކާރުކޮށްލީ ކާކު ހެއްޔެވެ؟
ދުނިޔެއަށް ފޮރުވައިގެން އެ އުޅެނީ ކޮން ކަންތައްގަނޑެއް ހެއްޔެވެ؟ އެ
މާޔޫސްކަމުގެ ފަހަތުގައި އޮތީ ކޮން ސަބަބެއް ހެއްޔެވެ؟
---
ލޫތު
އީނީ ބަންދު ގުދަނެއްގެ ތެރޭގަ އެވެ. ބޯ ހާވާލައިގެން، ގޮނޑިއަކަށް ވެއްޓިގަނެގެންނެވެ.
ނުބައި ރޭވުންގަނޑެއް ރާވަނީ އެވެ. ރޯކޮށްގެން
ހުރި ސިނގިރޭޓުން އަރަމުންދިޔަ ދުންގަނޑުގެ ތެރެއިން އެކަން ކުރާނެ ގޮތް، ދަހިވެތިކަމާ އެކު ސިފަކުރަމުންނެވެ. މިހާރު އެ ހުރީ ސިންގާއެއް ޝިކާރަ
ކުރުމުގެ ކުރިން ފަހަތަށް އަޅާ ފުރަތަމަ ފިޔަވަޅު މަތީގަ އެވެ. އެއްވެސް ހަރަކާތެއް ނެތި، ފުންމައިގަންނަން ތައްޔާރަށެވެ. ނަމަވެސް އޭނާގެ ލޮލުން ބުނެދެނީ ދެނީ އެންމެ ކަމެކެވެ – އޭނާއަކީ ނުރައްކަލެކެވެ.
ބޮޑު ބިރެކެވެ.
މުޅި
މަންޒަރާއި ޖަޒުބާތުތައް އިދިކޮޅަށް ޖަހާލަން ނަގާނީ ސިކުންތުކޮޅެކެވެ. ދަހިވެތިކަން
ބަންޑުންވެ، ސިންގާއެއްހެން ފުންމައިގެން ގޮސް ޝިކާރަ
އަތުލައިގެންފި އެވެ. ބިންމައްޗަށް ވައްޓާލާފައި އޮތް މީހެއްގެ ހަށިގަނޑަށް ލޫތުގެ
ކޮޅުފައި ހެޔޮވަރުކޮށްލަނީ އެވެ. ނޭނގެނީ ކާކު ކަމެވެ. އެ މީހެއްގެ ކުށަކީ ކޮބާ
ހެއްޔެވެ؟
---
އަސްކަރީ މަރުކަޒެކެވެ. ތަމްރީނެއްގައި ބަޑި ހިފާލާފައި ތިބި ސިފައިން ފަރިތަކުރަނީ އެވެ. އެ މީހުންގެ ކުރިމަތީގައި ހުއްޓި އެ ހުރީ ކާނަލް
އެވެ. އެކަމަކު އޭނާގެ ސަމާލުކަން ހުރީ އެހެން ދިމާލެއްގަ އެވެ. ކޮންމެވެސް
ކަމަކަށް ކެތް މަދުވެފަ އެވެ. ނުދެވިގެން އެ އުޅެނީ ކޮން ތަނަކަށް ހެއްޔެވެ؟
ނުކުރެވިގެން ލަސްވެގެން އެ އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ މޫނުމަތީގައި ވަނީ ކޮން ހާސްކަމެއް ހެއްޔެވެ؟
ބާރު
އިސްޕީޑުގައި ދުއްވާފައި ގޮސް ލޯންޗު މަޑުކޮށްލީ ހުޅުމާލޭގެ ސިފައިންގެ
ޖެޓީއަށެވެ. ހަމަ އެ ބާރުމިނުގައި ލޯންޗުން ފައިބައިގެން ގޮސް ޕްރައިވެޓު ކާރަކަށް
އެ އެރީ ކާނަލް އެވެ. ހުންގާނު އޮތީ ކާކުގެ އަތުގައި ކަމެއް ނޭނގެ އެވެ. ދެން ދާ
މަންޒިލް ނިންމާނީ އެ މީހެކެވެ.
---
އަމްރު
ދޮރު ހުޅުވާލަނީ ހަމަޖެހުމާއި ނުރައްކަލުގެ ދުނިޔެއަކަށެވެ. އަތްފުޅާކޮށް
މަގުމަތިން ހިނގާފައި ދަނިކޮށް އިތުރު ދޮރެއް ހުޅުވެ އެވެ - މިފަހަރު ވޭނެއްގެ
ދޮރެވެ. އެތެރެއިން މީހަކު ސަލާންކުރަން ދިއްކޮށްލާ އަތުގައި އަމްރު ހިފަ އެވެ. އެކަމަކު
އެއީ ގޯހެކެވެ - އަތުގައި ހިފުމާ އެކު ވޭނުގެ އެތެރެއަށް އޭނާ އަމްރު ދަމައިގަނެ އެވެ. ގަދަހެދޭނެ ގޮތެއް ވެސް ނެތެވެ. ފަހަތުން އައި މީހަކު އޭނާ ވޭނުގެ ތެރެއަށް ކޮއްޕާލަ
އެވެ. ހަމަޖެހުމުން ނުރައްކަލަށް ވެއްޓެން މަދު ސިކުންތުކޮޅެކެވެ. ސަބަބަކީ ކޮބާ ހެއްޔެވެ؟ އަމްރު މިއީ ކޮންކަމެއް ކުރާ، ކާކު ހެއްޔެވެ؟
---
ދެން
ކަން ހިނގާ ގޮތް ރާސްލާފައި ކިޔައިދޭނަމެވެ؛ އަމްރު ގެންގޮސް ވައްދަނީ ބަންދު
ގުދަނެއްގެ ތެރެއަށެވެ. އެތަނުގެ ތެރޭގައި އަނެއްކާ ވެސް އަމްރު ނަގައި ހޫރުވާލަނީ
އެވެ. މިފަހަރު ސްލޯ މޯޝަންގައި ގޮސް އޭނާ ޖެހޭނީ ބިންމަތީގަ އެވެ. ދެން އޮތީ
ސުވާލު ފައްޗެކެވެ.
ދުވެފައި
އައިސް ލޫތު ދަގަނޑުބުރި އެ މަޅާލަނީ އަމްރުއާ ދިމާއަށް ހެއްޔެވެ؟ މޫނު ނިވާކޮށްގެން
ތިބި ފުލުހުންގެ ސްޕެޝަލް ފޯހުން މި ވަންނަނީ ކޮން ތަނަކަށް ހެއްޔެވެ؟ އިމާރާތެއްގެ
ތެރެއިންނާއި ފުރާޅުތަކުގެ މަތިން ފިލަން އެ ދުވަނީ ކޮން ބައެއް ހެއްޔެވެ؟
ހައިފާގެ
މަންމަ ފަރުޒާނާ ރުޅިއައިސްގެން މި އުޅެނީ ކާކު ދެކެ ހެއްޔެވެ؟ އޭނާ
ހޮސްޕިޓަލުގައި އެޑުމިޓުކުރަނީ ކީއްވެ ހެއްޔެވެ؟ މި ހުރިހާ ކަމެއްގެ ތެރޭގައި
ކާނަލްގެ ދައުރަކީ ކޮބާ ހެއްޔެވެ؟
ލޫތު
ދަހިވެތިވެގެން މި އުޅެނީ ކޮން ކަމަކަށް ހެއްޔެވެ؟ ހައިފާ ބިރުން މި އުޅެނީ ކޮން
ކަމަކާ ހެއްޔެވެ؟ އަބަދުގެ އަބަދަށް ހައިފާއަށް، އޭނާގެ ނަފްސު ގެއްލުނީ ކީއްވެ
ހެއްޔެވެ؟ އެ ދެ މީހުންގެ ދެމެދުގައި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟
މި ސުވާލުތަކުގެ
ޖަވާބު، 28 އޭޕްރީލް 2025ގައި އޮލިމްޕަސް ބޮޑު އިސްކްރީނުގައި އަޅުވާނެ އެވެ. ހުސައިން
ނޫރައްދީން ޕްރޮޑިއުސްކޮށް، މޫމިން ފުއާދު ޑައިރެކްޓުކޮށްފައިވާ 'އަބަދަށް' ފިލްމުގެ
ސިފައިގަ އެވެ. އެ ސުވާލުތަކަކީ އިއްޔެ ބެލުންތެރިންނަށް ދޫކޮށްލި އަބަދަށް
ފިލްމުގެ ޓްރެއިލާއިން ދައްކައިދިން މަންޒަރުތަކުން
އުފެދުނު ސުވާލުތަކެވެ.
މޫމިން
އާއި ނޫރު މިފަހަރު ބެލުންތެރިން ގެންގޮސްދޭނީ ބިރުވެރިކަމާއި ދަހިވެތިކަމުގެ
ދުނިޔެއަކަށެވެ. އެ ދެ ޖަޒުބާތުގެ އަޅުވެތިކަމުގައި ބަޔަކު ކުރަމުންދާ
ނުރައްކާތެރި، އަނދިރި ދަތުރަކަށެވެ.
ދިވެހި
ސިނަމާގެ ވައްޓަފާޅި އަބަދުގެ އަބަދަށް ބަދަލުކޮށްލި 'ހޭލާ' އާއި 'ލޫދިފާ'އަށް
ލިބުނު ތަރުހީބުގެ މައްޗަށް، ނޫރު އާއި މޫމިން އަނެއްކާ ވެސް މި ގުޅުނީ އެއަށްވުރެ
ރަނގަޅު ފިލްމެއް ގެނެސްދެވޭތޯ އެވެ.
ފިލްމުގެ ލީޑުންނަކީ ވާޝިޔާ މުހައްމަދު އާއި އަހްމަދު ޝާރިފް އެވެ. އަދި މުހިންމު ރޯލްތަކުން ފެންނާނީ އިތުރު ތައާރަފަކަށް ބޭނުންނުވާ، ތަޖުރިބާކާރު ތަރިންނެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަދި ސޫޒަން އިބްރާހިމް ފުޅު ހިމެނެ އެވެ.
ގިނަ ސުވާލުތަކެއް ހިތުގައި އުފައްދާލި ޓްރެއިލާއަށް
އިތުރު ސަސްޕެންސެއް ގެނެސް، ރަހަ ހެޔޮވަރުކޮށްލަނީ އިކުރާމްގެ މިއުޒިކް
ސްކޯއަކަށް ފަތުހުﷲ އަބްދުލް ފައްތާހު ލިޔެ، އޭނާ އާއި އިއުފާފް އިސްމާއިލް
ކިޔާފައިވާ އަބަދަށް ފިލްމުގެ ތީމް ލަވައިގެ ކަޑިއަކުންނެވެ: 
"ރޭ
ދުވާ، ކޮންމެ ހޭދަވާ، ވީބާ އުޅެން ވޭނުގާ،ދިރިއުޅެން
މަޖުބޫރުވީ، ހަނގުރާމަކޮށް މިތާ،ގޮތްދޫކުރުމެއް
ނެތްތާ، ފަސް ބެލުމެއް ނެތްތާ،އަމާންދީފިނަމަ،
ޖާގަ ލިބޭނީ ކަށްވަޅުންތާ."
ލަވައިގެ
މި ކަޑިއާއި ޓްރެއިލާއިން ފެންނަ މަންޒަރަކުން އަދި ސުވާލެއް ކޮށްލާނަމެވެ:
ކަކޫ
މައްޗަށް ތިރިވެ، ދެ އަތް މައްޗަށް ނަގަމުން ލޫތު އަމާން ދެނީ ކީއްވެ، ކާކަށް
ހެއްޔެވެ؟
'އަބަދަށް'
ފިލްމަކީ އަބަދުގެ އަބަދަށް ހަނދާނުގައި ހުންނާނެ ވަރުގެ ފިލްމެއްކަން ނިންމާނީ
ބެލުންތެރިންނެވެ. ގޮތް ނިންމަން ދެން އޮތީ މަހެއްހާ ދުވަހެވެ.
ޓިކެޓު ގަތުމަށް:
7447555 ނަންބަރަށް ގުޅާލާ
އޭޕްރީލް ފުރަތަމަ ހަފްތާގައި އޮލިމްޕަހުން އަދި އޮންލައިންކޮށް ވެސް ޓިކެޓު ވިއްކަން ފަށާނެ
ފިލްމުގެ ޓްރެއިލާ އާއި އިތުރު މައުލޫމާތު: ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ