މި އަހަރު އެންމެ ގިނައީ އެކްސިޑެންޓުގެ ރިޕޯޓުތައް، މިހައިތަނަށް 762 މައްސަލަ
މި އަހަރުގެ މިހައިތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ. ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި 2008ވަނަ އަހަރުން ފެށިގެން 2024ވަނަ އަހަރާ ދެމެދު، ކޮންމެ އަހަރެއްގައި ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ދެން އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތެކެވެ. މި އަހަރުގެ މިހައިތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އެކްސިޑެންޓުތައް ހިނގައިގެންނެވެ. އެ ގޮތުން އެކްސިޑެންޓުގެ 762 މައްސަލައެއް މިހައިތަނަށް ހުށަހަޅާފައިވެއެވެ. އަދި ވައްކަމާ ގުޅުންހުރި 667 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އަހަރުގެ މިހައިތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތައް ޓްރެފިކް އެކްސިޑެންޓު: 762 ވައްކަން: 667 މަސްތުވާތަކެތި: 378 ގެއްލިގެން ހޯދާ ތަކެތި: 234 ތަކެއްޗަށް ގެއްލުންދިނުން: 151 މީގެ ތެރެއިން ހަމައެކަނި މި އަހަރުގެ ޖެނުއަރީ މަހު 234 އެކްސިޑެންޓުގެ މައްސަލަ ހުށަހަޅާފައިވާއިރު، ފެބްރުއަރީގައި އިތުރަށް 61 އެކްސިޑެންޓުގެ މައްސަލަ ހުށަހަޅާފައިވެއެވެ. ފުލުހުންގެ ތަފާސްހިސާބުން މި އަހަރުގެ އިތުރުން، މިދިޔަ 16 އަހަރުގެ ތެރެއިން ކޮންމެ އަހަރެއްގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދުތައް ވެސް ފެނެއެވެ. އެއިން ދައްކާ ގޮތުގައި އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތެކެވެ. މިދިޔަ 16 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތައް ވައްކަން: 95،064 މަސްތުވާތަކެތި: 41،316 ޓްރެފިކް އެކްސިޑެންޓް: 40،240 ގެއްލިގެން ހޯދާ ތަކެތި: 27،158 މާރާމާރީ: 20،966 މިިދިޔަ 2024ގައި ވަނީ އެކްސިޑެންޓުގެ މައްސަލަތައް ރިޕޯޓުކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގޮތުން 2023ގައި އެކްސިޑެންޓުގެ 2،300 މައްސަލަ ރިޕޯޓުކުރިިއިރު، މިދިޔަ އަހަރު 2،886 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ރާއްޖޭގައި ޓްރެފިކް އެކްސިޑެންޓުތައް އިތުރުވަމުން އަންނައިރު، މީގެ ތެރެއިން އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި، ފުރާނަ ވެސް ދަނީ ގެއްލެމުންނެވެ. މި މައްސަލަ ހައްލު ކުރުމަށް ޓަކައި ޓްރެފިކް ގަވާއިދުތަކާއި، ޤާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް، ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންވަނީ މީގެ ކުރިން ދެއްވައިފައެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ދިމާވާނެހެން، މި ސަރުކާރުން ވަނީ ފުލުހުންގެ ހަރަކާތްތެރިކަން ވެސް އިތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ