ހަނދާ ގުޅޭ ގޮތުން އޮޅުންއަރާނެ ވާހަކަ ނުދައްކަން ޝަހީމް އިލްތިމާސްކުރައްވައިފި

ޝައްވާލު މަހުގެ ހަނދާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ޝައްކު އުފެދި، އޮޅުން އަރާނެ ގޮތަށް ވާހަކަ ނުދެއްކުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ ޝައްވާލު މަހުގެ ހަނދާ ގުޅޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެއާ އެކު، ހަނދުގެ މައުލޫގައި ރައްޔިތުންގެ ގިނަ ބަޔަކު ވެސް އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ.
ތަފްސީލް - އެކަމާ ގުޅިގެން ޝަހީމް މިއަދު ވިދާޅުވީ ތަރިރުހަނދާ ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރަންވާނީ އާންމު މަސްލަހަތަށް އަސަރު ނުކުރާނެ ގޮތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހާއްސަކޮށް، ރަމަލޯން މަހާއި ޝައްވާލު މަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުއީ އަހުކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއް ކަމުން، މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭ ގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް،" ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރޯދަ މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން ޝަރުއީ ހަމަތަކާއި ރާއްޖޭގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ހަރުދަނާ އުސޫލުތަކުގެ މަތިން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށެވެ. 
"އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލައަށް ރޯދަ އިއުލާންކުރުމާއި އީދު އިއުލާންކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް. ވީމާ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަން،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިއްމު - ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ވާނީ އަންނަ ހޯމަ ދުވަހަށެވެ.
ހަނދު ސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވާ ބައްދަލުވުން މިރޭ އޮންނާނެ އެވެ. އެ ބައްދަލުވުމުގައި ރާއްޖެއަށް ފިތުރު އީދު ވާނެ ދުވަސް ރަސްމީކޮށް ކަނޑައަޅައި އިއުލާންކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ