އެމްޑީޕީން މަޖީދިއްޔާ ސްކޫލަށް ވަދެ މުޒާހަރާ ކުރި ކަމަށް ބުނެ ޕީއެސްއެމްގެ މެނޭޖަރަކު ދޮގު މައުލޫމާތު ފަތުރަނީ އެމްޑީޕީން މަޖީދިއްޔާ ސްކޫލަށް ވަދެ މުޒާހަރާ ކުރި ކަމަށް ބުނެ ޕީއެސްއެމްގެ މެނޭޖަރަކު ދޮގު މައުލޫމާތު ފަތުރަނީ

އިދިކޮޅު އެމްޑީޕީން މަޖީދިއްޔާ ސްކޫލަށް ވަދެ މުޒާހަރާ ކުރި ކަމަށް ބުނެ ޕަބްލިސް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ސީނިއާ ސޭލްސް އެންޑް މާކެޓިން އެގްޒެކެޓިވް މެނޭޖަރު، އިބްރާހިމް އަބާން ހުސެއިން ދޮގު މައުލޫމާތު ފަތުރައިފި އެވެ.
އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލިސް ދޮށުގައި މުޒާހަރާ ކުރީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ނެގި ވޯޓާ ދިމާކޮށް، އެކަމާމެދު ނުރުހުން ފާޅުކުރުމަށެވެ.
އެ މުޒާހަރާގެ ފޮޓޯ އެއް ހިއްސާކޮށް އަމާންގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެމްޑީޕީގެ އެކްޓިވިސްޓަކު މަޖީދިއްޔާ ސްކޫލުގެ ތެރެއަށް ވަދެ އެ ތަނުގެ މައިކާއި ސައުންޑު ސިސްޓަމް ބޭނުންކޮށްގެން "ކައްޒާބު އިސްތިއުފާ،" މިހެން ގޮވިތަން ދެކުނު ކަމަށެވެ.
މިކަން ކުރި މީހާ ހައްޔަރުކޮށް، އެމްޑީޕީ އާ ދޭތެރޭ ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. މި ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު ވަނީ އެގޮތަށް ކަން ހިނގާފައި ނުވާ ކަމަށް ބުނެ ރައްދު ދެމުންނެވެ.
އަމާންގެ ޕޯސްޓު ހިއްސާކޮށް ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިޔަކު ސުވާލުކުރުމުން ފުލުހުން ވަނީ އެކަން ދޮގުކޮށް އެފަދަ ކަމެއް ހިނގާފައިވާކަމުގެ މައުލޫމާތު ނުލިބޭ ކަމަށް ބުނެފަ އެވެ. މުޒާހަރާ ކުރިއިރު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔަ އެވެ.
އަމާން ޕީއެސްއެމް އާ ގުޅުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ޕްރޮމޯޓު ކުރުމުގައި ސޯޝަލް މީޑިއާގައި އެކި ގޮތްގޮތުން ހަރަކާތްތެރިވެފައިވެ އެވެ. ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ވެސް އޭނާ ހަރަކާތްތެރިވި އެވެ.
އެމްޑީޕީގެ މިއަދުގެ މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ. މަދު ބަޔަކު އެއްވެ ކުރި މި މުޒާހަރާ ނިންމާލީ މަޖިލީހުގެ ޖަލްސާ ނިންމާލުމާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ