ރައީސުލްޖުމްހޫރިއްޔާ ބޮޑުތަނުން ފެއިލްވެއްޖެ: އަސްލަމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ބޮޑުތަނުން ފެއިލްވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އޮނަރަބަލް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ. އަސްލަމް އެހެން ވިދާޅުވީ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މިއަދު މަގާމުން ވަކިކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަދުލު އިންސާފު ކަށަވަރުކޮށް ނުދެވުނު ދައުލަތަކަށް އާއްމު ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމު ކޮށްދެވޭނެ ކަމުގެ އޮތީ ކޮން ޔަގީން ކަމެއްތޯ އަސްލަމް ސުވާލު އުފެއްދެވިއެވެ. 
"ދައުލަތުގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ މިވަނީ ބޮޑުތަނުން ފެއިލްވެފާ" ކަމަށް އަސްލަމް ވިދާޅުވިއެވެ. 
ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި އަލްއުސްތާޒް މަހާޒް އަލީ ޒާހިރު ބޭއިންސާފުން މިއަދު މަގާމުން ވަކިކުރީ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރަކު ވޯޓުދީގެންނެވެ. 
ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރީ އދ. މަޖިލީހުންނާއި އީޔޫއިންނާއި އައިޕީޔޫ އިންނާއި އޭސިއާގެ އެތައް ޖަމާއަތަކުން ޖަވާބު ދާރީވުމަށް ފަނޑިޔާރުންނަށް ފުރުސަތުދީ ޑިއު ޕްރޮސަސް ފުރިހަމަ ކުރުމަށް ގޮވާލަމުން ދަނިކޮށް އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއްނެތިއެވެ. ރާއްޖޭގެ ބާ ކައުންސިލާއި ފުންނާބު އުސް އެތައް ލޯޔަރުންނާއި ގާނޫނީ މާހިރުންގެ ގޮވާލުންތަކަށްވެސް އެއްވެސް އިހުތިރާމެއް ކުރުމެއް ނެތިއެވެ. 
ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ ދެކޮޅަށް އަޑު އުފުލި އެންމެހާ ފަރާތްތަކަށް ފަނޑިޔާރު މަހާޒް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މަހާޒު ވިދާޅުވާ ގޮތުގައި އަދި މިފެށުނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ