ސުވާލުތަކަށް ޖަވާބު ދޭން ދެކޮޅު ހެދި މުއްތަލިބު އަނެއްކާ ވެސް މަޖިލީހަށް ހާޒިރު ކުރަނީ ސުވާލުތަކަށް ޖަވާބު ދޭން ދެކޮޅު ހެދި މުއްތަލިބު އަނެއްކާ ވެސް މަޖިލީހަށް ހާޒިރު ކުރަނީ

ސަރުކާރުން ރަށްރަށުގައި ހިންގާ ކަމަށް ބުނާ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރުމުން ޖަވާބު ދެއްވަން ދެކޮޅު ހެއްދެވި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.
މާދަމާގެ ޖަލްސާއަށް މުއްތަލިބު ހާޒިރު ކުރަން ނިންމީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރައްވަން ހުށަހަޅާފައިވާ ސުވާލަކާ ގުޅިގެންނެވެ. އެންމެ ފަހުން މުއްތަލިބު މަޖިލީހަށް ހާޒިރުކޮށްފައި ވަނީ އޭޕްރީލް 28، ގަ އެވެ.
މަޖިލީހަށް އެންމެ ފަހުން ހާޒިރުވި ދުވަހު މުއްތަލިބު ވަނީ، އޭނާއާ ކުރަން ތާވަލުކޮށްފައި އޮތް ސުވާލުގެ އިތުރުން ކުރި ސުވާލުތަކަށް ޖަވާބު ދޭން ދެކޮޅު ހަދައިފަ އެވެ. އަދި ހާއްސަކޮށް، ނުނިމި ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން ސުވާލު ކުރުން އޭނާ ވަނީ ޖަވާބު ދޭން ދެކޮޅު ހަދައިފަ އެވެ.
"އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ މި ގޮތަށް ހުރިހާ ޕްރޮޖެކްޓަކަށް އަޅުގަނޑު ޖަވާބުދޭން ފަށައިފި ކަމަށްވަންޏާ ހުރިހާ މެންބަރުންގެ ސުވާލުތައް އަންނާނެޔޭ. އެހެންވީމާ އަޅުގަނޑަށް މުޅި ދުވަހު މި ސީދާ ޕްރޮޖެކްޓާ ގުޅޭ ގޮތުން ނުވަތަ ޕްރޮޖެކްޓާ ގުޅުންހުރި އެހެން ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ކުޑަވާނެތީވެ މި ޕްރޮޖެކްޓާ ގުޅުންހުރި އެހެން ކަންތައްތަކަކަށް ނޫން ގޮތަކަށް އަޅުގަނޑު ދެން ޖަވާބު ދޭން ގަސްދު ނުކުރާ ވާހަކަ ދަންނަވަން،" މުއްތަލިބު ވިދާޅުވެފައިވެ އެވެ.
ނަމަވެސް ކުރަން ތާވަލުކޮށްފައި އޮތް ސުވާލަކާ ގުޅިގެން ވަޒީރާ އިތުރު ސުވާލު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ލިޔެފައި އޮވެ އެވެ. މަޖިލިސް ގަވާއިދުގައި ބުނެފައި ވަނީ ނޯޓިސް ފޮނުވައި ކުރާ ސުވާލަކަށް ވަޒީރަކު ދޭ ޖަވާބަކާ ގުޅިގެން ނުވަތަ އޭނާއާ ކުރެވުނު ސުވާލަކާ ގުޅިގެން ނޯޓިސް ދިނުމެއް ނެތި އަނގަބަހުން އިތުރު ސުވާލު ކުރުމުގެ ފުރުސަތު އެ ސުވާލު ކުރި މެންބަރަށާއި އެހެން މެންބަރުންނަށް ލިބިގެންވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އެ ދުވަހު އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ސުވާލަށް ޖަވާބު ނުދިނުމުގެ ފުރުސަތު މުއްތަލިބަށް ފަހިކޮށްދީފަ އެވެ. ގިނަ މެންބަރުން ސުވާލު ކުރެއްވުމުން ނާޒިމް ވިދާޅުވަމުން ގެންދެވީ ވަޒީރު ބޭނުން ނަމަ އެ ސުވާލަށް ޖަވާބު ދެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ