ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް ގ. ސިލްވަރުގެއާގެ، އާއިޝަތު އަސްނާ ހަމްދީ މިއަދު އައްޔަން ކުރައްވައިފިއެވެ. އަސްނާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ. އަސްނާ މި މަގާމަށް އައްޔަން ކުރުމަށް ރުހުން ދިނީ މަޖިލީހުގެ އިއްތިފާގުންނެވެ. މިއަދު ނެގި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ހިމެނޭހެން 73 މެންބަރުން ވޯޓު ދެއްވީ އަސްނާ އެ މަގާމަށް އައްޔަނުކުރުމަށެވެ. އަސްނާ އެ މަގާމަށް އައްޔަނުކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. https://sun.mv/205910 މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާތު މަގާމުތަކުގައި 17 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިވާ އަސްނާ، ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އައްޔަން ކުރެއްވިއިރު ހުންނެވީ އެ އިދާރާގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓްގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައެވެ. ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މިދިޔަ މަހު 17ގައި އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އެމްއެމްއޭއިން ހުޅުމާލޭން ބިމެއް ގަނެގެން ދައުލަތަށް 15 ބިލިއަން ރުފިޔާ ނަގަން އުޅޭ ވާހަކަދެކެވުނު ދުވަސްވަރު ފައިސާ ޗާޕުކުރުމާ ދެކޮޅު ހައްދަވަމުންނެވެ. އަދި އިސްތިއުފާދެއްވިއިރު، އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން އޮތީ މަސައްކަތް ވެސް ފަށައިފައެވެ. https://sun.mv/203778 އަސްނާ ވަނީ 2014 ވަނަ އަހަރު ޔުނިވަސިޓީ އޮފް ނޮޓިންގްހަމުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލު ކުރައްވައިފައެވެ. މީގެ އިތުރުން، 2007 ވަނަ އަހަރު ޔުނިވާސިޓީ އޮފް އީސްޓް ލަންޑަނުން ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނާސް)، 2005 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސްއިން އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، އަދި 2001 އިން 2003 އަށް، އިނިގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން، ޑިޕްލޯމާ އެންޑް ސެޓިފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވެއެވެ. އަސްނާ ވަނީ މާލީ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ އެވޯޑު ހާސިލުކުރައްވައި، ދިރާސީ ކަރުދާސްތައް ވެސް ޝާއިއު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ