ދިވެހިރާއްޖެއަށް އެންމެ ފައިދާ ވާނީ ބައިނަލްއަޤްވާމީ ދުނިޔެއާ ގުޅިލާމެހުނު ވަރަކަށް: ރައީސް

ދިވެހިރާއްޖެއަށް އެންމެ ފައިދާ ވާނީ ބައިނަލްއަޤްވާމީ ދުނިޔެއާ ގުޅިލާމެހުނު ވަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިރޭ ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި އދ ގެ އާންމު މަޖިލީހާ އަދި އެކިއެކި ބައްދަލުވުންތަކުގައި ޤައުމަށް މުހިންމު ކަންކަމުގައި ރާއްޖޭގެ ބަސް އިއްވަވާނެކަމަށެވެ. އެގޮތުން ރާއްޖެއަށް ފައިދާކުރަނިވި އެކިއެކި ކަންތައްތައް ކޮށްދެވިދާނެ ފަރާތްތަކާއި ގިނަގިނައިން ބައްދަލުކުރައްވައި އެކުގައި މަސައްކަތް ކުރެވެންޖެހޭކަމަށާއި އަދި މިވަގުތު ރާއްޖޭގެ ހާލަތު އޮތްގޮތުންވެސް އދ އަށް ވަޑައިގެން ރާއްޖޭގެ ފަރާތުން ދައްކަވަންޖެހޭ ވާހަކަތައް ދެއްކެވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތިމާވެއްޓާއި ޓެކްނޮލޮޖީއާ ތަރައްޤީއާ ގުޅޭކަންކަންކަމާއި ރާއްޖޭގެ ކުރިމަގަށް މުހިންމު ކަންމުގެ ވާހަކަދައްކަވައި އދ އާއި އެކިއެކި ޤައުމުތަކާއި އެކިއެކި ޖަމާޢަތްތަކުގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ލިބުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޤައުމަށް ވަރަށް ފައިދާހުރި އަދި އޭގެ ނަތީޖާ ކުރިޔަށް އޮތް ތަނުގައި ލިބިގެންދާނެ ދަތުރުފުޅަކަށް ވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ