ދިވެހިރާއްޖެއިން ކްލީން އެއަރ ވީކްގައި ބައިވެރިވެއްޖެ

ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް (އުނެސްކަޕް) އިން އިންތިޒާމް ކޮށްގެން ބޭއްވި "ކްލީން އެއަރ ވީކް" ގައި ދިވެހިރާއްޖެއިން ބައިވެރި ވެއްޖެއެވެ.
މި ހަފްތާގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ދިވެހިރާއްޖޭގެ މޫސުމީ ބަދަލުތަކާ ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާ އާއި ކޮރެއާގެ ތިމާވެށީގެ އިދާރާ (ކެކޯ) އާ ގުޅިގެންނެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ މި ހަފްތާގެ މައިގަނޑު އަމާޒަކަށްވީ ވައިގެ ތަޣައްޔަރުކަން މޮނިޓަރކުރުމުގައި ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރުން ކަމަށެވެ.
އެގޮތުން، ކޮރެއާއިން ސެޓެލައިޓް އަދި ރިމޯޓް ސެންސިންގ ޑޭޓާ ބޭނުންކޮށްގެން ވައިގެ ތަޣައްޔަރުކަން މޮނިޓަރކުރާ ގޮތުގެ ތަޖުރިބާ ހިއްސާކުރެވުނު ކަމަށާއި އަދި މިފަދަ ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ސިޔާސަތުތައް އެކުލަވާލުމުގައި ހިފުމުގެ މުހިންމުކަން ފާހަގަކުރެވުނު ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
ދުނިޔޭގެ ސާފު ވައިގެ ދުވަހާ ދިމާކޮށް ބޭއްވުނު މި ހަފްތާގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ވައިގެ ތަޣައްޔަރުކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިންމު ދައުރު ދައްކުވައިދޭ ކަމެކެވެ. އަދި މިކަމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކޮށްދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ