ފަހި ފުލެޓުތަކުގައި އުޅޭ މީހުންގެ ރަށްވެހިކަމުގެ ރަޖިސްޓްރީއާ ގުޅޭ ގޮތުން، އެފްޑީސީއާއި ކައުންސިލުން މަޝްވަރާކުރަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އަޅައިފައިވާ ފުލެޓުތަކުގައި ދިރިއުޅޭ މީހުންގެ ރަށްވެހިކަން ރަޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން އެ ކޯޕަރޭޝަނުން މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރަން ނިންމައިފައިވާ ކަމަށް އެފްޑީސީން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ، އެފްޑީސީއާއެކު މިހާރު ހަދަނީ ކުލީގެ އެއްބަސްވުމަކަށްވާތީ، އެ އެއްބަސްވުމުގެ ދަށުން ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިނުދެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންވެ، މިހާރު ހަދާ އެއްބަސްވުމުގެ ދަށުން އެ ފުލެޓުތަކަށް ނިސްބަތްކޮށް ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިނުދެވޭ ނަމަ، އެ ފުލެޓުތަކުގައި ދިރިއުޅޭ މީހުންގެ ރަށްވެހިކަމަށް ވާނީ ކިހިނެއްތޯ، ކުޑޫ ވަނީ ސުވާލު ކުރައްވައިފައެވެ. https://sun.mv/221508 އެ ސުވާލުގެ ޖަވާބުގައި ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިއަދު ވިދާޅުވީ، ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިދެނީ ފުލެޓުވެރިން ފައިސާ ދައްކައި ނިމުމުން ކަމަށެވެ. މާލޭ ސިޓީ ކައުންސިލުން ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިނުދިނުމަކީ އާންމުންނަށް އުނދަގޫކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި މުއްޠަލިބު ވިދާޅުވީ، ސިޓީ ކައުންސިލުން ކޮށްފައިވަނީ ގާނޫނީގޮތުން ހުއްޖަތެއް އޮތް ކަމެއް ނޫން ކަމަށެވެ. މާލޭ ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިދިނުމަށް މިނިސްޓްރީން ވާނީ ކައުންސިލަށް އަންގައިފައި ކަމަށްވެސް، މުއްޠަލިބު ވިދާޅުވިއެވެ. ހައުސިން މިނިސްޓަރު މުއްތަލިބާއި މެންބަރު ކުޑޫ --- މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިނުދެވޭ ސަބަބު ހޯދުމަށް ސިޓީ ކައުންސިލާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ. "ހައުސިން މިނިސްޓްރީން އޮންނާނީ އެކޮޅަށް [ކައުންސިލަށް] އަންގައިފަ އެއްވެސް މައްސަލައެއް ނެތް ކަމަށް، އެ ބޭފެޅުން އޭތި [ރަށްވެހިކަމުގެ ރަޖިސްޓްރީ] ދޫނުކުރަންވީ ސަބަބެއް ނެތެއްނޫންތޯ؟" ޙަމްދާން ސުވާލު ކުރެއްވިއެވެ. ޙަމްދާން ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދެވޭ މައްސަލައިގައި ކައުންސިލުން އެފްޑީސީއަށް މިހާތަނަށް އެއްވެސް ސިޓީއެއް ނުފޮނުވާ ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް ސިޓީއެއް ލިބުނީ ހައުސިން މިނިސްޓްރީގެ ފަރާތުން އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން އޮންނާނީ ހައުސިން މިނިސްޓްރީއަށްވެސް ލިޔެފަ އެގޮތަށް [ސިޓީ ކައުންސިލަށް ހުއްދަދީފައިވާ] ކަމަށް، ސިޓީ ކައުންސިލަށްވެސް ސިޓީއެއް ލިޔެފަ އޮންނާނެ އަޅުގަނޑުމެން[ގެ އެއްވެސް] މައްސަލައެއް ނެތް ކަމަށް،" އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން މޭޔަރު އާދަމް ޢާޒިމްގެ ބަހެއް އަދި ސިޓީ ކައުންސިލުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ބައެއް ޓަވަރުތައް --- ސަން ފޮޓޯ މި މައްސަލައިގައި ޢާޒިމަށް މިއަދު ފޮނުއްވި ސިޓީގައި ކުޑޫ ވަނީ، މިނިސްޓްރީއާއި ކައުންސިލު މަޝްވަރާކޮށް، މާލޭގައި ދިރިއުޅޭ ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިނުދެވޭ މައްސަލަ ހައްލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެ ސިޓީއާއެކު ކުޑޫ ވަނީ، ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް ޢާޒިމަށް، އަދި ޙަމްދާން ޝަކީލަށް މިދިޔަ އޭޕްރިލް މަހު ފޮނުއްވި ސިޓީއެއްވެސް އެއްކަރުދާސްކުރައްވައިފައެވެ. އެ ސިޓީތަކުގެ ތެރެއިން ޢާޒިމަށް ޝާމިލް ފޮނުއްވި ސިޓީގައިވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު ފަރާތްތަކާއި އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް މާލޭ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީކޮށްދިނުމުގެ ހުއްދަ އެފްޑީސީން ދިނުމުން، ކަމާބެހޭ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ފަރާތްތައް މާލޭ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނުމަށް ދަންނަވައިފައެވެ. އަދި ޙަމްދާނަށް ފޮނުއްވި ސިޓީގައި ވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު ފަރާތްތަކާއި އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް މާލޭ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީކޮށްދިނުމުގެ ހުއްދަ ސިޓީ ކައުންސިލަށް ދިނުމަށް ދަންނަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ