ޕީއެސްއެމް ނިއުސްގެ ޙައްޖު ކަވަރޭޖަށް، ޝާޒިޔާ މައްކާއަށް

މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ މަތިވެރި އަޅުކަމުގެ ޚަބަރުތަކާއި މަޢުލޫމާތުތައް ޕީއެސްއެމް ނިއުސްގެ ފަރާތުން ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ތަޖުރިބާކާރު ނޫސްވެރިޔާ އާމިނަތު ޝާޒިޔާއެވެ.
ޝާޒިޔާގެ މި ދަތުރުގައި ހައްޖާޖީންގެ އެންމެފަހުގެ މައުލޫމާތުތަކާއި ކަމާބެހޭ ފަރާތްތަކުގެ އިންޓަވިއުތަކުގެ އިތުރުން ތަފާތު އެކި ޚަބަރުތަކާއި ވީޑިއޯ ރިޕޯޓްތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މިދިޔަ އަހަރުން ފަށައިގެން، ރާއްޖެއިން ޙައްޖަށް ދާ މީހުން ސައުދީއަށް ދަތުރުކުރުމަށް ހަމަޖައްސާފައިވަނީ ޤައުމީ އެއާލައިން މޯލްޑިވިއަންއާއި ސައުދީ އެއަރލައިންއިނެވެ.
ހައްޖާޖީން ހައްޖަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ.
މިއަހަރުގެ ޙައްޖުގެ މަޝާޢިރުތަކަށް މިނާގައި ގިނަ އިންތިޒާމުތަކެއް ވަނީ ފުރިހަމަކޮށްފައެވެ. އެގޮތުން ދިވެހި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުވެސް ދިވެހިން ތިބި މިނާ ޓެންޓު ސަރަޙައްދުގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، ދިވެހިންނަށް ޚާއްސަކޮށްފައިވާ ފާހަނައިގެ އަދަދު ވަނީ ހަތަރު ގުނަ އިތުރުކޮށްފައެވެ. މިއީ ހަމައެކަނި ދިވެހި ހައްޖާޖީންނަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ވަސީލަތްތަކެކެވެ.
ދަތުރުފަތުރުގެ ނިޒާމަށް ބަލާއިރު، މިއަހަރުވެސް ދިވެހި ޙައްޖުވެރިން މަދީނާއަށް ދަތުރުކުރާނީ ހައިސްޕީޑް ރޭލުގައެވެ. މީގެ ސަބަބުން ކުރިން 7 ގަޑިއިރު ހޭދަވި ދަތުރު 2 ނުވަތަ 3 ގަޑިއިރަށް ކުރުވެގެންދާނެއެވެ. އަދި "މައްކާ ރޫޓު" ގެ ދަށުން ފްލައިޓް ދަތުރުތައް ހަމަޖެހިފައިވުމުން، އެއާޕޯޓުގެ އިމިގްރޭޝަން ކިއުތަކުގައި މަޑުކުރަން ނުޖެހި، ވަރަށް އަވަހަށް ކަންކަން ނިމިގެންދާނެއެވެ.
ރާއްޖެއިން މިއަހަރުގެ ޙައްޖުގައި ބައިވެރިވާ ޙައްޖު މިޝަންގެ ޓީމް، މިހާރު ވަނީ ސަޢުދީއަށް ފުރާފައެވެ. މިއަހަރުގެ ރާއްޖޭގެ ޙައްޖު މިޝަންގައި 10 މެމްބަރުން ހިމެނިވަޑައިގަންނަވާއިރު، މީގެ ތެރޭގައި ޕީއެސްއެމް ނިއުސްގެ ސީނިއާ ޖާނަލިސްޓް ޝާޒިޔާވެސް ހިމެނެއެވެ.
ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިން ފުރުމުގެ ކުރިން ސަޢުދީގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ބަލައި އިންތިޒާމުތައް ހަމަޖެހިފައިވާކަން މިޝަނުން ކަށަވަރު ކުރާނެއެވެ. އެގޮތުން މައްކާ ހޮޓަލާއި، ޙައްޖުގެ މަޝާޢިރުތަކާއި، ދަތުރުފަތުރާއި، ކެންއިންބުއިމާއި، ސިއްޙީ އެންމެހާ އިންތިޒާމްތަކާއި ތައްޔާރީތައް ބަލާ، ސަޢުދީ ޙައްޖު މިނިސްޓްރީގެ މިންގަނޑަށް ހަމަޖައްސަފަވާކަން ކަށަވަރު ކުރާނެއެވެ. އަދި ހައްޖު ކޯޕަރޭޝަނާއި އިސްލާމީ ވުޒާރާއާއި ގުޅިގެން މިކަމާ ގުޅޭ ހުރިހާ މައުލޫމާތުތަކެއްވެސް ޝާޒިޔާ ގެނެސްދޭނެއެވެ.
ނޫސްވެރިކަމުގެ ދާއިރާގައި 9 އަހަރުގެ ތަޖުރިބާ ހޯދާފައިވާ ޝާޒިޔާއަކީ މީގެ ކުރިންވެސް ދީނީ އަދި އިޖުތިމާޢީ ދާއިރާގެ ބޮޑެތި ކަވަރޭޖްތައް ގެނެސްދީފައިވާ ގާބިލް ނޫސްވެރިއެކެވެ. އެގޮތުން ނިމިދިޔަ އަހަރު ސައުދީ އަރަބިއްޔާގެ މުޤައްދަސް ބިމުގައި ހުރެގެން އުމްރާގެ މަތިވެރި އަޅުކަމުގެ ކަވަރޭޖް އޭނާ ގެނެސްދިނީ ވަރަށް ފުރިހަމަކަމާއެކުގައެވެ. އުމްރާގެ އަޅުކަމުގެ ތެރެއިން ޝާޒިޔާ ގެނެސްދިން ރިޕޯޓުތަކަކީ ދީނީ މައުލޫމާތުތަކުން ފުރިގެންވާ އަދި އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ރިޕޯޓުތަކަށެވެ.
މި ތަޖުރިބާތަކާއެކު، މިއަހަރުގެ ޙައްޖު ކަވަރޭޖް ގެނެސްދިނުމަށް ޝާޒިޔާ މިހާރު ހުރީ ތައްޔާރުވެފައެވެ. ރައްޔިތުންނާ ގުޅުންހުރި ކަންކަމާއި ތަރައްޤީގެ މަޝްރޫޢުތައް ގެނެސްދިނުމުގައި ދައްކާފައިވާ ފަދަ ފުރިހަމަ މަސައްކަތެއް، މިއަހަރުގެ ޙައްޖު މޫސުމުގައިވެސް ޝާޒިޔާގެ ފަރާތުން ފެނިގެންދާނެއެވެ. ޕީއެސްއެމް ނިއުސް މެދުވެރިކޮށް ގެނެސްދޭ މި ކަވަރޭޖަކީ ޙައްޖުގެ މަތިވެރި އަޅުކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭނެ އެންމެ އިތުބާރުހުރި ޚަބަރު ވަސީލަތަށް ވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ