ޕަބްލިކް ސަރވިސް މީޑިއާގެ ޚަބަރު ފަތުރާ ޗެނަލް، ޕީއެސްއެމް ނިއުސްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެވޯޑު ދިނުމުގެ ޙަފްލާއެއް ކުލަގަދަކޮށް ބާއްވައިފިއެވެ. ޕީއެސްއެމް ނިއުސްއަށް 9 އަހަރު ފުރުމާ ގުޅުވައިގެން ބޭއްވި މި ހަފްލާގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފެންވަރުގެ މަސައްކަތްތައް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފައިވެއެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދުއެވެ. މި ޙަފްލާގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބާއި، ޗެއަރމަން އައިމިނަތު ނަމްޒާގެ އިތުރުން ނިއުސް އެންޑް ކަރަންޓް އެފެއާޒްގެ އެގްޒެކެޓިވް ޑިރެކްޓަރ ހުސެއިން އަމީން ނަސީރާއި ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ އަޙްމަދު ޝަކީބު ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ނަމުގައި ހިނގާތާ 9 އަހަރު ވީނަމަވެސް، މިއީ 48 އަހަރުގެ މުއްސަނދި ތާރީޚެއް އޮތް ނިއުސްރޫމެއް ކަމަށެވެ. މިހާ ދިގު މުއްދަތަކަށް މި މަސައްކަތް ދެމިއޮތީ މުވައްޒަފުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި އެއްބާރުލުމުގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް އަހަރު މީޑިއާ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށްވެސް ޝަކީބު ވިދާޅުވިއެވެ.
މި ޙަފްލާގައި އެކި ގިންތިތަކުން ވަނީ ވަނަތައް ހޮވާފައެވެ. އެގޮތުން އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް އަދި އެންމެ މޮޅު ނިއުސް އެޑިޓަރަކަށް ހޮވުނީ ސީނިއަރ އެޑިޓަރ ހަފީޒާ އަބްދުއްސައްތާރުއެވެ. އެންމެ މޮޅު ޕްރެޒެންޓަރަކަށް ސީނިއަރ އެޑިޓަރ އަޙުމަދު ރިޟުވާން ހޮވުނުއިރު، އެންމެ މޮޅު ނޫސްވެރިޔާގެ މަޤާމު ހާސިލްކުރީ މޫސާ މަތުލޫބެވެ. އަދި އެންމެ މޮޅު ސްޕޯޓްސް ޖާނަލިސްޓަކަށް ސާއިދު އަޙުމަދު ހޮވުނުއިރު، އޭނާ ވަނީ އެންމެ ހާޒިރީ ރަނގަޅު މުވައްޒަފުގެ އެވޯޑުވެސް ހާސިލްކޮށްފައެވެ.
އެހެނިހެން އެވޯޑްތަކަށް ބަލާއިރު، އެންމެ މޮޅު ވީޑިއޯ އެޑިޓަރަކަށް ޝުހާން، ކެމެރާމަނަކަށް ޝާޔަދު މުހައްމަދު ދީދީ، ފޮޓޯގްރަފަރަކަށް ޖަލްވާން ޖަމީލު އަދި އޮން-އެއަރ އޮޕަރޭޓަރަކަށް ހުސެއިން އިބްރާހީމް ވަނީ ހޮވިފައެވެ. ނިއުސް ޕްރޮޑިއުސަރަކަށް ފާޠިމަތު ޝިޔާޒާ ހޮވުނުއިރު، އަޙްމަދު ޝާފީޢު ވަނީ ޕްރޮގްރާމް ޕްރޮޑިއުސިންގ، ޑޮކިއުމެންޓްރީ އަދި ޕްރޮގްރާމް ދާއިރާއިން ތިން އެވޯޑެއް ހާސިލްކޮށްފައެވެ. މީގެ އިތުރުން މަރިޔަމް ވަފާއަށް އެންމެ މޮޅު އޮންކެމް ރިޕޯޓުގެ އެވޯޑު، އައިޝަތު ނީޒާއަށް ބެސްޓް ސެކެޓްރީ އެވޯޑު، އަދި އަޙުމަދު ޒޫޝަނަށް ސޯޝަލް މީޑިއާ ކޮންޓެންޓް ކްރިއޭޓަރ އެވޯޑު ލިބުނެވެ.
ޕީއެސްއެމް އިން މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ