މޫސުމީ ބަދަލުގެ ދަތިތަކުން އަރައިގަތުމަށްޓަކައި އޭޑީބީއިން ރާއްޖެއަށް ފަންޑިން ދީފި

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ދަތިތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް އެހީތެރިކަން ދިނުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމެންޓު ބެންކުން ރާއްޖެއަށް 21.95 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.
މޫސުމީ ކާރިސާތައް ގިނަވެ އެކަމުގެ ސަބަބުން އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް އެކި ގައުމުތަކަށް ލިބެމުންދާއިރު ގުދުރަތީ ގޮތުން އުފެދިފައި އޮންނަ ގޮތުން ރާއްޖެއަށް މިފަދަ ނުރައްކާތައް އިންތިހާއަށް ބޮޑެވެ. ސަރުކާރުން ދަނީ އެފަދަ ހާލަތެއް މެދުވެރިވުމުގެ ކުރިން އެކަމުން ރައްކައުތެރިކުރުމަށްޓަކައި މަސައްކަތްތައް ކުރަމުންކަމަށްވާއިރު، ބައިނަލްއަގުވާމީ މާލީ އެހީތެރިކަންދޭ ވުޒާރާއެއްކަމަށްވާ އޭޑީބީއިންވަނީ ދިވެހިރާއްޖެއަށް އެ ދާއިރާއިން އެހީދިނުމަށް ނިންމާފައިވާޚަން ހާމަކޮށްފައެވެ.
އެ ބެންކުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމަށާއި ރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓިނިވިކަން ކަށަވަރުކުރުމުގެ ގޮތުން ދީފައިވަނީ 21.95 މިލިއަން ޑޮލަރުގެ ފައިނޭންސިންގް ޕެކެޖެކެވެ. މީގެ ތެރެއިން 4 މިލިއަން ޑޮލަރަކީ ކޮންސެޝަނަލް ލޯނެއްކަމަށްވާއިރު 17.95 މިލިއަން އަކީ އޭޝިއަން ޑިވެލޮޕްމެންޓު ފަންޑުގެ ގްރާންޓެއްކަން ފާހަގަކުރެވެއެވެ. މިއީ ގުދުރަތީ ކާރިސާތަކާއި މޫސުމީ ގޮންޖެހުންތަކުން ރާއްޖެއަށް ރައްކައުތެރިކަން ލިއްބައިދިނުމަށްޓަކައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
އޭޝިއަން ޑިވެލޮޕްމެންޓް ފަންޑުން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން އެ ފަންޑުން ގްރާންޓު ދޫކުރާނީ އެންމެ ފަގީރު އަދި އެންމެ ހާލަތު ދެރަކަމަށް ފެނިގެންދާ ކުރިއަރަމުންދާ ގައުމުތަކަށެވެ. އަދި ރާއްޖެއަށް ދީފައިވާ ފަންޑިންގް އަކީ ރާއްޖެއަށް ކާރިސާތަކުން އަރައިގަތުމުގައި ގާބިލިއްޔަތު އިތުރުކުރުމަށާއި މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތައް ކުޑަކުރުމަށް ދެވިފައިވާ އެހީތެރިކަމެއް ކަމަށެވެ. މި އެހީތެރިކަން މެދުވެރިކޮށް އެންހޭންސިންގް ރެސިލިއަންސް އެންޑް ފޫޑް ސެކިއުރިޓީގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން  އައްޑޫ ސިޓީ އާއި މާލޭގެ އާލީ ވޯނިންގް ނިޒާމުތައް ވަރުގަދަކުރެވޭނެކަމަށެވެ.
އޭޑީބީގެ ޕްރިންސިޕަލް ނެޗުރަލް ރިސޯސަސް އެންޑް އެގްރިކަލްޗާ އިކޮނޮމިސްޓު މިޗީކޯ ކަޓަގާމީ ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަަކުގެ ފަސްގަނޑު އުފުލިފައިވަނީ ކަނޑުގެ ލޮނުގަނޑަށްވުރެ އެއް މީޓަރު އުހަށްކަމަށާއި އެހެންކަމުން ކަނޑުގެ ލޮނުގަނޑު އުފުލުންފަދަ މޫސުމީ ބަދަލުތަކުގެ ނަތީޖާތަކުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑުކަމަށެވެ. އެގޮތުން ރަށް ގިރުމާއި ކަނޑުގެ ލޮނުގަނޑު އުފުލިގެންދިއުމުގެ ސަބަބުން ފެންބޮޑުވުމާއި ތޫފާންތައް ކުރިމަތިވުންވެސް އިތުރުވެފައިވާކަމަށް ހިއްސާކުރެއްވިއިރު މިއީ ރާއްޖޭގެ އާބާދީއަށް ކާބޯތަކެތީގެ ރައްކައުތެރިކަމާއިމެދު ކަންބޮޑުވުންތައް އުފެދޭ ސަބަބުތަކެއްކަމަށްވެސް އިޝާރާތްކުރެއްވިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކެއިންބުއިމަށްޓަކައި އިމްޕޯޓު މުދަލަށް ބަރޯސާވާ ގައުމުތަކަށް ކާބޯތަކެތީގެ ސަޕްލައި ކެނޑިގެންދިއުމުގެ ނުރައްކާވެސް އޮތްކަމަށް މިޗީކޯ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއު މެދުވެރިކޮށް ވަށާޖެހިފައިވާ ގޮތެއްގައި މިކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް ފުރުސަތު ފަހިވެގެންދާނެކަމަށާއި އީޖާދީ ވިސްނުންތަކުގެ މައްޗަށް ބިނާކޮށް ހައްލުތައް ގެނައުމަށްޓަކައި އިންފްރާސްޓްރަކްޗާ ބިނާކުރުމަށްޓަކައި ވެއްޓާއި ގުޅޭގޮތަށް މަސައްކަތްތަކެއް ކުރުމަށްވެސް ފުރުސަތު ފަހިވެގެންދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ދެމެހެއްޓިނިވިކަން އިތުރުކުރުމަށްޓަކައި އާބަން ފާމިންގް މަސައްކަތްތައްވެސް ކުރެވޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ