ފަސް އަހަރުތެރޭ މުދަލު ޒަކާތުގެ ގޮތުގައި 483 މިލިއަން ރުފިޔާ ލިބުނު، އެންމެ ގިނައިން ލިބުނީ މިދިޔަ އަހަރު
މުދަލު ޒަކާތް ނަގަން ފެށިފަހުން އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ލިބުނީ މިދިޔަ އަހަރު ކަމަށް، ޒަކާތު ހައުސްއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޒަކާތު ހައުސްއިން މިއަދު ވަނީ، ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބު އާންމުކޮށްފައެވެ. އެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި 2021ވަނަ އަހަރުން ފެށިގެން ނިމިދިޔަ 2025ވަނަ އަހަރުގެ ނިޔަލަށް، ކޮންމެ އަހަރަކު 90 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ. އެގޮތުން އެންމެ މަތިން މުދަލު ޒަކާތް ލިބިފައިވަނީ މިދިޔަ އަހަރެވެ. އެއީ 107.21 މިލިއަން ރުފިޔާއެވެ. ދެހާސް ސައުވީސް ވަނަ އަހަރު 102.28 މިލިއަން ރުފިޔާ ލިބުނުއިރު، ތިންވަނައަށް އެންމެ ގިނައިން ލިބުނު އަހަރު ކަމަށްވާ 2022ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 92.70 މިލިއަން ރުފިޔާ ލިބުނު ކަމަށް، އެ ތަފާސްހިސާބުތަކުން ދައްކައެވެ. https://x.com/ZakatHouseMv/status/2014301727726723491 މިދިޔަ ފަސް އަހަރު މުދަލު ޒަކާތުގެ ގޮތުގައި ވަނީ ޖުމުލަ 483.79 މިލިއަން ރުފިޔާ ލިބިފައެވެ. ފާހަގަކުރެވޭ ގޮތުގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު، ޒަކާތު ހައުސްއިން ވަނީ މިދިޔަ ޑިސެންބަރު މަހުގެ 21ވަނަ ދުވަހު ބޮޑުކޮށްފައެވެ. ޒަކާތު ހައުސްއިން އެކަން ހާމަކޮށް ނެރުނު އިއުލާނުގައިވާ ގޮތުން، އެ ދުވަހުން ފެށިގެން ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 19،527.90 ރުފިޔާއެވެ. އެއީ, އޭގެ ފަސް މަސް ކުރިން ނިޞާބު ކަމަށް ކަނޑައެޅި 11،191.95 ރުފިޔާއަށް ވުރެ 8،335.95 ރުފިޔާ އިތުރު އަދަދެކެވެ. https://sun.mv/215626 އެހެންކަމުން މިއީ މިހާތަނަށް ރާއްޖޭގައި ކަނޑައެޅި އެންމެ ބޮޑު ނިޞާބުގެ އަދަދެވެ. ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވާނެއެވެ. މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ޒަކާތް ދިނުން ގާނޫނީ ގޮތުން ލާޒިމުކުރާ ގާނޫނަށް އަމަލުކުރަން ފެށީ މިއަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ