އދ.އާ ވާދަވެރި ޓްރަމްޕުގެ 'ބޯޑް އޮފް ޕީސް' އިފްތިތާހުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 'ބޯޑް އޮފް ޕީސް' ނަމުގައި އާ މަޖިލީހެއް މިއަދު އިފްތިތާހު ކުރައްވައިފި އެވެ.
މި މަޖިލީހަކީ އަސާސީ ގޮތުން ގާޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް އުފެއްދި މަޖިލީހެއް ނަމަވެސް، މީގެ ދައުރު މިއަށް ވުރެ ފުޅާކުރުމަށް ޓްރަމްޕް ގަސްދުކުރައްވަ އެވެ. މިއީ ދުނިޔޭގެ ބޮޑެތި ބާރުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެއް ނަމަވެސް، ޓްރަމްޕް ވިދާޅުވީ މި ބޯޑުން މަސައްކަތް ކުރާނީ އދ.އާ ގުޅިގެން ކަމަށެވެ.
"މި ބޯޑު ފުރިހަމައަށް އެކުލަވާލެވުމުން، އަހަރެމެން ބޭނުން ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ. އަދި މިކަން ކުރާނީ އދ.އާ ގުޅިގެން،" ޓްރަމްޕް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އދ.އަށް ގާބިލުކަން ލިބިފައި ވިޔަސް، އެ ގާބިލުކަމުގެ ބޭނުން މިހާތަނަށް ފުރިހަމައަށް ހިފާފައި ނުވާ ކަމަށެވެ.
މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ޓްރަމްޕެވެ. އޭނާ ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނަށް މި ބޯޑުގައި ބައިވެރިވުމަށް ދައުވަތު އަރުވާފަ އެވެ.
ޓްރަމްޕް ބޭނުންވަނީ ހަމައެކަނި ގާޒާގެ މައްސަލައަށް ވުރެ ބޮޑަށް، ދުނިޔޭގެ އެކި ގޮތް ގޮތުން ދިމާވާ ގޮންޖެހުންތަކަށް މި ބޯޑުގެ ތެރެއިން ހައްލު ހޯދުމަށެވެ. މިއީ ބައިނަލްއަގުވާމީ ޑިޕްލޮމަސީ އާއި މައްސަލަ ހައްލުކުރުމުގައި އދ. އިން އަދާކުރާ މުހިންމު ދައުރަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ތުރުކީ، މިސްރު، ސައުދީ އަރަބިއްޔާ، ގަތަރު އަދި އިންޑޮނޭޝިއާ ފަދަ މެދުއިރުމައްޗާއި ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން މި ބޯޑުގައި ބައިވެރިވެފައިވީ ނަމަވެސް، ހުޅަނގުގެ ބޮޑެތި ބާރުތަކުން ތިބީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، މި ބޯޑުގެ ދާއިމީ މެންބަރުން ކޮންމެ ގައުމަކުން 1 ބިލިއަން ޑޮލަރުގެ ފަންޑެއް ދޭންޖެހޭނެ އެވެ. 
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، މި ބޯޑުގެ މައިގަނޑު އަމާޒަކީ ގާޒާގެ ސުލްހައިގެ މަޝްރޫއު ފުރިހަމައަށް ތަންފީޒުކުރުން ކަމަށާއި، ނަމަވެސް މިއީ ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ނަމޫނާއަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.
އެމެރިކާ ފިޔަވައި އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ އެއްވެސް މެންބަރަކު އަދި މި ބޯޑުގައި ބައިވެރިވުމަށް ނިންމާފައެއް ނުވެ އެވެ.
ރަޝިޔާއިން ބުނެފައިވަނީ މި ހުށަހެޅުން ދިރާސާކުރަމުންދާ ކަމަށެވެ. އެ ގައުމުގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވީ، އެމެރިކާގައި ހުރި ރަޝިޔާގެ ފްރީޒްކޮށްފައިވާ މުދަލުގެ ތެރެއިން 1 ބިލިއަން ޑޮލަރު ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދޭން ތައްޔާރަށް ހުންނެވި ކަމަށެވެ.
ފަރަންސޭސިވިލާތުން ބައިވެރިވާން ދެކޮޅު ހަދާފައިވާއިރު، އިނގިރޭސިވިލާތުން ބުނެފައިވަނީ މިވަގުތު ބައިވެރިނުވާނެ ކަމަށެވެ.
ޗައިނާއިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
މި ބޯޑު އުފެއްދުމަކީ ޓްރަމްޕްގެ ގާޒާގެ ސުލްހައިގެ މަޝްރޫއުގެ ދަށުން އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ކަމެކެވެ. އދ.ގެ ތަރުޖަމާނު ރޮލާންޑޯ ގޯމޭޒް ވިދާޅުވީ، އދ. އިން މި ބޯޑާ ގުޅިގެން މަސައްކަތް ކުރާނީ ހަމައެކަނި އެ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.
މި ބޯޑުގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި ޑިމޮކްރެޓިކް ގައުމުތައް މަދެވެ. ނަމަވެސް ޓްރަމްޕްގެ ގާތް އެކުވެރިން ކަމަށްވާ އިޒްރޭލް، އާޖެންޓީނާ އަދި ހަންގޭރީގެ ލީޑަރުން ވަނީ ބައިވެރިވެފަ އެވެ.
މި ބޯޑުގެ މެންބަރުންގެ ތެރޭގައި މާކޯ ރޫބިއޯގެ އިތުރުން ޖެރެޑް ކުޝްނާ، ސްޓީވް ވިޓްކޮފް އަދި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ހިމެނިވަޑައިގަންނަވަ އެވެ.
ކުޝްނާ ވިދާޅުވި ގޮތުގައި، ގާޒާގެ ސުލްހައިގެ ދެވަނަ މަރުހަލާގައި ހިމެނޭނީ ސުންނާފަތިވެފައިވާ ގާޒާ އާރާސްތުކުރުމަށް ބޭނުންވާ ފަންޑު ހޯދުމާއި ހަމާސް ޖަމާއަތުން ހަތިޔާރު ބެހެއްޓުމުގެ މައްސަލަ އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް 100 ދުވަހު އަމާޒު ހިފާނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި ދާއިމީ ހައްލަކަށް ބޭނުންވާ މަގު ތަނަވަސްކުރުމަށެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ޓެކްނޮކްރެޓިކް ކޮމިޓީގެ ލީޑަރު އަލީ ޝާތު ވިދާޅުވީ، ގާޒާގެ މައި ދޮރާށި ކަމަށްވާ ރަފަހް ބޯޑަރު އަންނަ ހަފުތާގައި ހުޅުވާލެވޭނެ ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހު އެއްބަސްވި ގާޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އޮތީ ނާޒުކު ފައްތަރެއްގަ އެވެ. އިޒްރޭލާއި ހަމާސްއިން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް އެއްބަސްވުމާ ހިލާފުވާ ކަމަށް ތުހުމަތު ކުރަމުންނެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ބޯޑުގައި ބައިވެރިވުމަށް ނިންމާފަ އެވެ. އަދި ފަލަސްތީނުގެ އެކި ޖަމާއަތްތަކުން ވެސް ވަނީ ޓްރަމްޕްގެ މި މަޝްރޫއަށް ތާއީދުކޮށް، ގާޒާގެ ހިންގުމަށް އެކުލަވާލާ ކޮމިޓީއަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު، ކުރިއަށް ހުރި މަރުހަލާތަކުގައި ހަތިޔާރު ބެހެއްޓުމާއި ސަލާމަތީ ކަންކަން ބެލެހެއްޓުން ފަދަ އުނދަގޫ މައްސަލަތަކަށް ހައްލު ހޯދަން ޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ