ރެފެރެންޑަމް ހުއްޓުވަން ހުށަހެޅި މައްސަލަ މާދަމާ ފަށަނީ

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ރެފެރެންޑަމް ވޯޓު ހުއްޓުވުމަށް އެދި ހުށަހެޅި މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ.
ވީކިހިނެއް؟ - އަންނަ މަހު 4 ވަނަ ދުވަހު ކައުންސިލް އިންތިހާބާ އެކު އޮންނަ މި ރެފެރެންޑަމްގައި އަހާ ސުވާލަކީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
އެ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ.
ތަފްސީލް - މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ވަކީލު އައިކު 'ދައުރު'އަށް ވިދާޅުވީ މާދަމާ ހެނދުނު 10 ޖަހާއިރު އަޑުއެހުން އޮންނާނެ ކަމަށް ކޯޓުން މިހާރު ޗިޓު ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލާގައި ބުނެފައިވަނީ:
ވޯޓަށް އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހެއް ގެނައުމަށް ރުހޭތޯ އަދި އެ އިސްލާހުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރެވެގެންދާތީ އެކަމަށް ރައްޔިތުން ރުހޭތޯ
ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިއުލާނުގައިވާ އިންތިހާބުގެ ސުވާލުގައި އެ ބައެއް ނުހިމެނޭ
ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުން ވެސް ކަންކަން ހިމަނާފައިވޭ
ފާހަގަކޮށްލެވޭ - މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް އޮތް މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ބިލު ބާތިލްކޮށްދިނުމަށް އެދިވަޑައިގެން ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވެސް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލަ ބަލައިގަތުމަށް ކޯޓުން ގޮތެއް ނިންމިކަން އަދި ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ