ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުއްޝަކޫރުގެ ކަށުނަމާދު މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެ އަވަހާރަވި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުއްޝަކޫރު އަބްދުﷲގެ ކަށުނަމާދު މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތާއި ސިފައިންގެ ހިދުމަތުގައި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގައުމަށް ހިދުމަތް ކުރެއްވި ޝަކޫރު އަވަހާރަވީ އުމުރުން 75 އަހަރުގައެވެ. ޝަކޫރު އަވަހާރަވީ އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ޝަކޫރުގެ ހަށިގަނޑު ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.
ކަށުނަމާދު ޕޭޖުގައިވާ މައުލޫމާތަށް ބަލާއިރު، އޭނާގެ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު މާލޭގެ އިސްލާމީ މަރުކަޒުގައެވެ.
އަބްދުއްޝަކޫރު އަބްދުﷲ ފުލުހުންގެ ހިދުމަތުން ރިޓަޔާކުރެއްވީ 2009 ވަނަ އަހަރުގެ މާޗު 5 ގައެވެ. ރިޓަޔާކުރެއްވުމާ ގުޅޭގޮތުން އޭރު އޭނާ ވިދާޅުވެފައިވަނީ، ފުލުހުންގެ މުއައްސަސާއަށް ކޮށްދެވުނު ހިދުމަތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ހިދުމަތުގައި 43 އަހަރު ވުމުން މަގާމުން ވަކިވުމަށް ކުރިންވެސް ނިންމަވައިގެން ހުންނެވި ކަމަށާއި، ފުލުހުންގެ ގާނޫނުގެ ދަށުން ވޮލަންޓްރީކޮށް ރިޓަޔާކުރުމުގެ ފުރުސަތު ލިބުމުން އެގޮތަށް އަމަލުކުރެއްވީ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޝަކޫރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ޝަކޫރަކީ ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް، އަދި ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއްކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ