ސުކޫކް ދައްކާ ގޮތުގެ ތަފުސީލު ދޭނީ ފައިސާ ދެއްކުމަށްފަހު، ރޭޓިން އޭޖެންސީތަކުން ދެކޭ ގޮތް ބަދަލުވާނެ: ޒަމީރު

ސަރުކާރުން އަންނަ މަހުގެ އަށެއްގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާނީ ރީފައިނޭންސް ކޮށްގެން ކަމަށާއި، އެ ގެންނަ ބަދަލުގެ އިންޓްރެސްޓް ރޭޓާއި ތަފުސީލުތައް ހާމަކުރެވޭނީ އެ ތާރީޚަށް ފަހު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭން މި އަހަރު އެކަނިވެސް އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދަކަށް ދަރަނި އަނބުރާ ދައްކަން ޖެހޭއިރު، އަންނަ މަހު އެއް ފަހަރާ ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަންޏާ ގުޅޭ ގޮތުން ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. މި ސަރުކާރުން މީގެ ކުރިން ވެސް ވަނީ އެ ސުކޫކް ދައްކާނީ ރީފައިނޭންސް ކޮށްގެން ކަމަށާއި، ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޒަމީރު ވަނީ، ވިސްނުމަކީ އެ ސުކޫކުގެ އެއްބައި ރީފައިނޭންސްކޮށް، ބާކީ ސަރުކާރުން ދެއްކުމަށް ކަމަށް ވިދާޅުވެފައެވެ. އެއާއެކު، އެހެން މަޝްރޫއުތަކަށް ފައިނޭންސްކުރުމަށް މަގުފަހިވާނެ ކަމަށާއި އައިއެފްއެފް ފަދަ މާލީ އިދާރާތަކާއި ރޭޓިން އެޖެންސީތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް ސުކޫކް ރީފައިނޭންސް ކުރުމުން އަންނާނެ ބަދަލުތަކާ ގުޅޭ ތަފުސީލެއް ޒަމީރު ނުދެއްވައެވެ. އަޅުގަނޑު ސީދާ އަދަދެއް ނުދަންނަވަނީ މިހާރު މިކުރާ މަސައްކަތްތަކަށް ބަދަލު އަންނާނެތީ. އެކަމަކު، އަޅުގަނޑުމެން [ސުކޫކު] ދައްކާ ނިމުނީމަ ދެން ޕަބްލިޝް ކުރާނަން މި ދެއްކީ ކިހިނެތް ތޯއާއި ކޮން އިންޓްރެސްޓް ރޭޓެއްގައިތޯ މި ނަގާފައި މިހުރީ މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، މިމަހުގެ ދެވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސުކޫކު ދެއްކުމަށްޓަކައި ޖުމްލަ 650 މިލިއަން ޑޮލަރު ރައްކާކޮށްފައިވާ ކަމަށާއި، އެ ފައިސާ ދެއްކުމަށްފަހު ވެސް ސަރުކާރުގައި ބާކީ ފައިސާ ހުންނާނެ ކަމަށެވެ. އޭގެ ކުރިން، ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ، ސުކޫކުގެ އެއްބައި ދެއްކުމަށްފަހު ރީފައިނޭންސްކުރާނީ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ވުރެ އިތުރުނުވާނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވެފައެވެ. https://sun.mv/217641 އެ ވާހަކަފުޅާ ގުޅުވައި، މިދިޔަ މަހުގެ ފަހެއްގައި ޒަމީރު ވިދާޅުވެފައިވަނީ ސުކޫކު ރީފައިނޭންސްކުރުމަށް 150 މިލިއަނެއްހާ ޑޮލަރުގެ ދަރަނި ނަގަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ވަރަށް ކުޑަ އިންޓްރެސްޓު ރޭޓެއްގައި އެ ފައިސާ ހޯދޭނެ ހާލަތަކަށް ރާއްޖޭގެ މާލީ ހާލަތު އައިސްފައިވާ ކަމަށެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، އިންވެސްޓަރުންގެ އިތުބާރު ކުޑަވާނެ ކަމަށް ލަފާކޮށް، ދުނިޔޭގެ އެންމެ ބޮޑު ރޭޓިން އޭޖެންސީތަކުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ޖަންކް' ރޭޓިންގައި ދަމަހައްޓައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ