ރޭސިން ޓްރެކްގެ މަސައްކަތް ކުރިއަށް އެބަދޭ: ރާފިއު ރޭސިން ޓްރެކްގެ މަސައްކަތް ކުރިއަށް އެބަދޭ: ރާފިއު

މާލެ އާއި ހުޅުމާލެ ގުޅުވާލާފައިވާ ހައިވޭއާ ޖެހިގެން އޮތް ތަން ހިއްކައިގެން ރޭސިން ޓްރެކެއް ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
މިދިޔަ ޑިސެމްބަރު މަހު، "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް"ގެ ނަމުގައި ޒުވާނުންނާ ބައްދަލުކުރައްވައި ރައީސް، ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގައި އަޅާ ރޭސިން ޓްރެކްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، މާލެ-ހުޅުމާލެ ގުޅުވާލާފައިވާ ބްރިޖުގެ ހައިވޭއާ ޖެހިގެން އޮތް މޫދުގެ ބައެއް ހިއްކައިގެންނެވެ.
ސްޕޯޓްސް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން، މައުލޫމާތު ދިނުމަށް އެންމެ ފަހުން، ރައީސް އޮފީހުގައި ބޭއްވި ދެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މިނިސްޓަރު، ރާފިއު ވަނީ ރޭސިން ޓްރެކުގެ ވާހަކަ ހިއްސާކުރައްވައިފަ އެެވެ.
އެ ގޮތުން، އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ރާފިއު ވިދާޅުވީ، ރޭސިން ޓްރެކްގެ މަސައްކަތަކީ ވަރަށް ގާތުން ބަލަމުން އަންނަ ކަމެއް ކަމަށެވެ.
"ވަރަށް ގާތުން ފޮލޯ އަޕް ކުރަމުން މި ދަނީ، ކުރީގެ ޕްރެސްގައި އަޅުގަނޑު ދަންނަވާލާފައި އޮންނާނެ ތިބޭފުޅުންނަށް އެތަން ބޮޑުހިލައާ އެއްޗެހި ގެނެސްގެން އެތަން އެ ޕްރޮޓެކްޓް ކޮށްގެންނޭ އެ ތަން ހިއްކެން އަންނަނީ، ނޫނީ އެތަނަށް އަޅާ ވެލިކޮޅު އެއްކޮށް ގިރާލައިގެން ގޮސްދާނެތީވެ އެ ޕްރޮޓެކްޝަންއާ އެކީގައި އެކަން ކުރެވެން ހުންނާތީވެ، އެސްޓީއޯ މެދުވެރިކޮށް އެ އެއްޗެހި ގެނައުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. ގެނެެވުނީމަ، އެމްޓީސީސީން އެކަން ކުރުމަށްފަހުގައި، އެމްއޭސީއެލް އިން އެތަން ބިން ހިއްކައިނިންމާނީ،" ރާފިއު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ވަނީ ތިލަފުށީގެ ފޭސް ދޭއްގައި، ރޭސިން ޓްރެކެއް ތަރައްގީ ކުރަން، 10 ހެކްޓަރުގެ ބިމެއް ހަމަޖައްސައިދީފަ އެވެ. އަދި، އެ ކަމަށްޓަަކައި، އެޗްޑީސީ އާއި ސްޕޯޓްސް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވެ އެވެ. މި ސަރުކާރުން، ރޭސިން ޓްރެކްގެ މަަސައްކަތް ފަށަން ނިންމާފައި މި އޮތީ، ހައިވޭގެ އަނެއް ފަރާތުން މޫދުން ބައެއް ހިއްކައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ