ތުއްތު ކުދިން ފޯސްޓާކުރާ ފަރާތްތަކަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސަނީ

ތުއްތު ކުދިން ޕޯސްޓާ ކުރާ ފަރާތްތަކަށް، ވިހެއުމުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ލިބޭފަދަ ޗުއްޓީއެއް ހަމަޖައްސަން ނިންމަވާފައިވާ ކަމަށް އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އައިޝަތު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓާކުރުމުގެ މަރުހަލާ ކުރިން އޮތްގޮތުން އެކަން ވަރަށް ދިގުލައިގެންދާ ކަމަށެވެ. އަދި އެކަމުގެ ޝައުގުހުރި އާއިލާތަކަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށްގެން ހިންގާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން އިޖުތިމާޢީ ދާއިރާއިން ކުރަން ރާވާފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ.
އަދި ސަރުކާރުން މިހާރު "ޓެމްޕަރަރީ ފޮސްޓަރިން"ގެ ނަމުގައި އެކަމުގައި ލުއިގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުދިން ފޮސްޓާކުރާ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތިކަން ހުރި އާއިލާތަކަށް ދައުލަތުގެ ތެރެއިން ކުއްޖަކަށް 5000 ރުފިޔާ މަހަކު ލިބޭގޮތަށް ހާއްސަ އެލަވަންސްއެއް މިހާރު ވާނީ ހަމަޖައްސާފައި." ވަޒީރު ވިދާޅުވިއެވެ.
ފޮސްޓާކުރާ ކުދިންގެ ތެރޭގައި ވަރަށް ތުއްތުކުދިން ތިބޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބައެއް ފަހަރު ހޮސްޕިޓަލްގެ ތެރެއިން ހަވާލުވާ ކުދިންވެސް ތިބޭކަމަށް ވިދާޅުވިއެވެ. އެފަދަ ކުދިންނާ ހަވާލުވާ އާއިލާތަކަށް ވަޒީފާގައި އުޅެމުން ތުއްތުކުދިންނާއެކު ވަގުތު ހޭދަކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެފަދަ އާއިލާތަކަށް ސިވިލް ސާވިސްގެ ތެރެއިން ހާއްސަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް އަންނަމަހު ހަމަަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މިއީ ކުދިންނާ ހަވާލުވާން ތިބި މީހުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔަކަށްވާނެ. އަދި ހޮސްޕިޓަލް ތެރެއިން ނޫނަސްވެސް ކުއްޖަކާ ހަވާލުވެފައި ގާތްގުޅުމެއް އުފައްދަން، އެކުއްޖާއާއެއްކޮށް ލޯބިވެތި ގުޅުމެއް އުފެއްދުމަށް ވަގުތުތަކެއް ބޭނުންވޭ އެކުއްޖާއާއެއްކޮށް ހޭދަކުރަން.".ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރާ މިންވަރު މިހާރު އިތުރުވަމުންދާކަމަށާއި، މިއީ އުފާކުރަންޖެހޭކަމެއްކަމަށެވެ. އެގޮތުން 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް 111 ކުއްޖަކު އާއިލާތަކާ ޙަވާލުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ