ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގެވަޅުތައް ކަށަވަރުވި ފަރާތްތަކަށް ބިންތައް ދިނުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އެގޮތުން ސަރަހައްދު ސާރވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އެޗްޑީސީން ބުންޏެވެ. މި މަސައްކަތްތައް ކުރިއަށްދަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެޗްޑީސީ ގުޅިގެންނެވެ.
ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށްގެންދިޔަ ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ނިމިފައިވަނީ، މިއަހަރުގެ ޖެނުއަރީމަހުގެ ފަހުކޮޅެވެ. ސަރުކާރުން ބުނެފައިވަނީ ފޭސް ތިނަކުން 1،351 ގޯތި ދޭން ނިންމައިފައިވާކަމަށެވެ.
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 24 ވަނަ ދުވަހުއެވެ. މި މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އެންމެފަހުން މި މަސައްކަތް ފަށާފައިވަނީ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ.
ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މަސައްކަތް ކޮށްފައިވަނީ ބިންހިއްކުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއްކުންފުނި، ނެދަލޭންޑްސްގެ ބޮސްކާލިސްގެ ޑްރެޖަރެއް ގެނެސްގެންނެވެ. އެއީ 22,000 ސީބީއެމްގެ ޑްރެޖަރެކެވެ.
މި ސަރުކާރުން ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލިއިރު، ކުރީ ސަރުކާރުން ފޭސް ތިނަކުން ގެވަޅުތައް ދީފައިވަނީ ބިން ނުހިއްކަނީސް ކަނޑުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ތައްޔާރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ