ޝީއީންނަކީ ކޮބައި ހެއްޔެވެ؟

ޝީއީން - ނަމުގެ މައްޗަށް އަވަސް ކަޅިއެއް ޝީއީން، މި ނަމުގެ އަސްލު ގުޅެނީ "شيعة علي" ("ޝީޢަތު ޢަލީ"، އަލީގެފާނުގެ ޕާޓީ)، މި އިބާރާތާއެވެ. މި އިބާރަތް އިޝާރަތްކުރަނީ އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅު - ހިޖުރީ ސަނަތުން ފުރަތަމަ ގަރުނުގެ ކުރީކޮޅު - ދިމާވި ހާދިސާއަކާއެވެ. އިސްލާމީ ތިން ވަނަ ޚަލީފާ މާތްﷲ ރުއްސުންލެއްވި އުޡްމާނުގެފާނު ޝަހީދުކޮށްލެވުމާއި ވިދިގެން އިސްލާމީ އުއްމަތުގެ ތެރޭގައި އުފެދުނު ސިޔާސީ ބޮޑު ދެބައިވުމެއް އުފެދުމުގެ ހާދިސާއާއެވެ. އެ ބައިވުމުގެ އެއްކޮޅުގައި ހުންނެވީ މާތްﷲ ރުއްސުންލެއްވި، ހަތަރު ވަނަ އަލީގެފާނެވެ. އަނެއްކޮޅުގައި ހުންނެވީ މާތްﷲ ރުއްސުންލެއްވި މުއާވިޔަތުގެފާނެވެ. އުމަވީ ދައުލަތުގެ މުއައްސިސެވެ. މި ސިޔާސީ ދެބައިވުމުގައި މާތްﷲ ރުއްސުން ލެއްވި އަލީގެފާނަށް ތާއީދު ކުރި މީހުންނަށް "شيعة علي" (އަލީގެފާނުގެ ޕާޓީ)އޭ ކިޔުނެވެ. މި ނަންގަތް ހާދިސާ ފެށުނު އިރު، ޝީއީންނަކީ ދީނީ ފިރުގާއެއް، ޖަމާއަތެއް، ނޫނެވެ. ސިޔާސީ ބައެކެވެ. ނަމަވެސް، ފަހުން، އިސްލާމީ އުއްމަތުގެ ތެރޭގައި ހިމެނުނު ދީނީ ޖަމާއަތަކަށް އެ މީހުން ބަދަލުވިއެވެ. އެ ބަދަލުވުން ގުޅިފައި އޮންނަނީ އެ މީހުންގެ އަގީދާގެ މަޒުހަބަކާއި އަދި ފިގުހުގެ މަޒުހަބެއް ވެސް އުފެދުމާއެވެ. ފަހުން، މީގެ ކުރު ތަފްސީލެއް ދެވޭނެއެވެ. މި ތަނުގައި މި ވަގުތު ހަނދާންކޮށްލަން ޖެހެނީ މި އަގަދީ އަދި ފިގުހީ މަޒުހަބަކީ ސުންނީ އަގީދާގެއާއި ފިގުހުގެ މަޒުހަބުތައް ފަދަ މަޒުހަބެއް ކަމެވެ. ފަހުން، ޝީއީންނަށް ތަފާތު ނަންނަން ކިޔުނެވެ. ޝީއީން އަމިއްލައަށް އެމީހުންނަކީ ޠާލިބީންނޭ، ޢަލަވީންނޭ އަދި ފާތިމީންނޭ ވެސް ކިޔައި އުޅެއެވެ. މީގެ ތެރެއިން ފުރަތަމަ ދެ ނަން ގުޅެނީ އަލީ ބިން އަބީ ތާލިބާއެވެ. ތިން ވަނަ ނަން ގުޅެނީ އެކަލޭގެފާނުންގެ އަނބިކަނބަލުން ފާތުމަތުގެފާނާއެވެ. މި ނަންތަކުން އިޝާރަތްކުރަނީ އެ މީހުންނަކީ (ސިޔާސީ ގޮތުން) އަލީގެފާނުންނަށް ތާއީދުކޮށް، އެކަލޭގެފާނަށް ތަބާވާ މީހުން ކަމުގައެވެ. މި ތިން ނަމުގެ އިތުރުން ޝީއީންނަށް އިމާމީންނޭ، އިޘްނަ އަޝަރީން، ސަބްޢީންނޭ ވެސް ކިޔެއެވެ. އިމާމީންނޭ ކިޔެނީ އެ މީހުންގެ އަގީދާ ނިޔާކުރާ ގޮތުން ކީރިތި ރަސޫލާ (ސ)އަށް ފަހު ވެރިކަން އޮންނަން ޖެހެނީ، އެކަލޭގެފާނުންގެ ދަރިކަނބލުން، ފާތުމަތުގެފާނާއި އެކަމަނާގެ ފިރިކަލުން އަލީގެފާނުންގެ ދަރިފަސްކޮޅުގެ ތެރޭގައެވެ. އެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބާރަ ބޭކަލުންނަކީ އެ މީހުންގެ އިމާމުން ކަމުގައި، އާދެ، ދީނީ އަދި ސިޔާސީ ލީޑަރުންކަމުގައި އެމީހުން ގަބޫލުކުރެއެވެ. އޭގެ ތެރެއިން ބާރަ ވަނަ އިމާމު ވަނީ ގެއްލިފައެވެ. އެހެންވެ، އެ މީހުން ގަބޫލުކުރާ ގޮތުގައި ފަހު ޒަމާނުގެ ދުވަސްވަރުގައި މި އިމާމު ފާޅުވާނެއެވެ. އޭނަ ފާޅުވެއްޖައުމަށްދާން ދެން، ދެން ހުންނާނީ އޭނަ ތަމްސީލުކުރާ ރޫހާނީ އަދި ސިޔާސީ ލީޑަރެކެވެ. އިޘްނަ ޢަޝަރަ - ބާރަ - އަށް ނިސްބަތްކޮށް އިޘްނަ ޢަޝަރީންނޭ ކިޔަނީއެވެ. އަދި، މި އިމާމުންގެ އަދަދު ހަތް އިމާމުންނަށް ކުރުކޮށްލާ މީހުންނަށް ސަބްޢީންނޭ (ސަބްޢަ - ހަތެއް) ކިޔެއެވެ. އަދި ހަމަ މީހުންނަށް އިސްމާއީލީންނޭ، ޙައްޝާޝީންނޭ، ވެސް ކިޔެއެވެ. ޝީއީންގެ މައިގަނޑު މި ދެ ބައިގެ ތެރެއިން (އިޘްނަ ޢަޝަރީންނާއި ސަބްޢީންގެ ތެރެއިން) ތަފާތު އެކި އެކީ ފިރުގާތައް އުފެދުނެވެ. ޒައިދީންނާއި ގަރާމިތާއިންނާއި ސަބްއީންނާއި އަލަވީންނާއި ނުސައިރީންނާއި ދުރޫޒުންނާއި ބާބީން ފަދަ ފިރުގާތަކެވެ. މި ފަދަ ބައެއް ފިރުގާތަކަކީ ފަހުން މުޅިން ވަކި ދީނެއްގެ ގޮތުގައި ބެލެވިފައި އޮންނަ ފިރުގާތަކެކެވެ. (މިސާލަކަށް އަލަވީންނާއި ދުރޫޒުންނާއި ބާބީން ފަދަ ފިރުގާތަކެވެ.) މިއާ ޚިލާފަށް ޒައިދީންނަކީ އަޒުހަރުގެ ފަތުވާއެއްގައި ބުނެފައިވާ ފަދައިން ސުންނީންގެ ތެރޭގައި ހިމަނާލެވިދާނެ ބައެކެވެ. (ޒައިދީ އިމާމުވެރި އިލްމުވެރިންގެ ބައެއް ފޮތްތައް - ތަފްސީރު އަދި ފިގުހުގެ ބައެއް ފޮތްތައް) މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ވެސް ކިޔަވައިދެވެއެވެ.) އިމާމު މުހައްމަދު އަލީ އައްޝައުކާނީގެ ފަތުހުލް ޤަދީރާއި ހަމަ އޭނަގެ ފިޤުހުއްސުއްނާ ފަދަ ފޮތްތަކެވެ.) މަތީގައި ނަންގަނެވުން ނަންތަކުގެ އިތުރުން، ޝީއީންނަށް އެ މީހުންނާ އިދިކޮޅު މީހުން، ރާފިޟީންނޭ ކިޔައެވެ. އެއީ ޝީއީން، އާންމު ގޮތެއްގައި، ގަބޫލުކުރާ ގޮތުގައި ކީރިތި ރަސޫލާ (ސ) އަށް ފަހު، ވެރިކަން އެންމެ ހައްގު ވަނީ އަލީގެފާނަށެވެ. އެހެންވެ، އެކަލޭގެފާނުންގެ ކުރީގެ ތިން ޚަލީފާގެ ވެރިކަމަކީ ހައްގު ވެރިކަމެއް ކަން އެމީހުން ބަލައެއް ނުގަނެއެވެ. މި ބަލައި ނުގަތުން، އާދެ، އިންކާރުކުރުން - ރަފަޟަ (އިންކާރު ކޮށްފި) - މިކަމާއި ރާފިޟީންގެ ނަން ގުޅުވާލެވެނީއެވެ. މި ގަބޫލުކުރުމުގައި ޒައިދީން ތަފާތެވެ. އެ މީހުން އެ ވެރިކަން ބަލައިނެއެވެ، ނަމަވެސް، އެ މީހުން ގަބޫލުކުރަނީ ކީރިތި ރަސޫލާ (ސ)އަށް ފަހު، މުސްލިމުންގެ ތެރެއިން އެންމެ މާތް ބޭކަލަކީ އަލީގެފާނު ކަމެވެ. ޝީއީންގެ އަގީދާއާއި ފިގުހުގެ މައްޗަށް އަވަސް ކަޅިއެއް ޝީއީންގެ އަގިދާއާއި ފިގުހޭ ބުނާ އިރު މިތާގައި އިޝާރާތް ކުރަނީ އިޘްނަ އަޝަރީންގެ އަގީދާއާއި ފިގުހުގެ ވާހަކައަށެވެ. ޝީއީންގެ އަގީދާގެ ވާހަކަތައް މައިގަނޑު ގޮތެއްގައި ހަ ނުކުތާއަކާ ގުޅެއެވެ. ފުރަތަމަ ނުކުތާއަކީ ތައުހީދެވެ. މާތްﷲގެ އެއްކައުވަންތަކަމެވެ. ސުންނީންނޭ އެއްފަދައިން، ޝީއީން ވެސް މާތްﷲ ވޮޑިގެންވާކަމާއި އެކަލާނގެ އެއްކައުވަންތަކަމާއި އަދި އެކަލާނގެ 'ޘުބޫތީ' ސިފަފުޅުތައް ގަބޫލުކުރެއެވެ. ޘުބޫތީ ސިފަފުޅުތަކޭ ބުނާ ބަހުގެ މުރާދަކީ އެކަލާނގެ ޒާތުފުޅާ ވަކި ނުވާ، އާދެ، ސާބިތުކޮށް ހުންނަ ސިފަފުޅުތަކުގެ ވާހަކައެވެ. މިސާލަކަށް، ދެނެވޮޑިގަތުމާއި ކުޅަދުންވަންތަކަމާއި އިރާދަފުޅު ފަދަ ސިފަފުޅުތަކެވެ. އިލާހީ ސިފަފުޅުތަކުގެ ވާހަކަ ދައްކާއިރު، ހަނދާނުގައި ބަހައްޓަންޖެހޭ ނުކުތާއެއް ފާހަގަކޮށްލަން ގަސްދުކުރަމެވެ. ސިފަފުޅުތަކުގެ ވާހަކަތަކުގެ ޚިލާފުތައް ގުޅެނީ ކޮންކަމަކާތޯ ހަނދާންކޮށްލަން ޖެހެއެވެ. ސުންނީ އަގަދީ މަޒުހަބުތަކުގައި ވެސް މި ކަމުގައި ތަފާތުތަކެއް އޮވެއެވެ. ސަލަފީ މާނަކުރުމާއި އަޝްއަރީ މާނަކުރުމާއި މާތުރީދީ މާނަކުރުމާއި މުއުތަޒިލީ މާނަކުރުމުގައެވެ. މި ތަފާތުތައް ގުޅޭ މައިގަނޑު ސަބަބަކީ ލަފްޒުތަކުގެ މާނަ ދެނެ ގަންނަ ގޮތެވެ. ލަފްޒެއްގެ މާނަ ގުޅެނީ އިންސީނީ ތަޖުރިބާއާއެވެ. މިސާލަކަށް ފޮތެކޭ ބުނުމުން ހިތަށް ވަކި އެއްޗެއް ގެނެވެއެވެ. ފޮތުގެ ސޫރަ ހިތުގައި ކުރަހާލެވެއެވެ. ހަމަ އެހެންމެ ދެނެގަތުމޭ ބުނުމުން ވެސް އޭގެ މާނަ ހިތަށް ގެނެވެއެވެ. ނަމަވެސް، އެ މާނަ ގުޅެނީ އިންސާނީ ތަޖުރިބާއާއެވެ. އިލާހީ ދެނެވޮޑިގަތުމުގެ އެންމެ ފަހުގެ ހަގީގަތް ހިތަށް ތަސައްވުރު ކުރުން އިންސާނާގެ އުފެދުން ނިޔާކުރާ ގޮތުން ނުކުރެވެއެވެ. އޭނަގެ ސިކުނޑިއަކީ އޭގެ ކުޅަދާނަކަމަށް ހައްދެއް އޮންނަ އެއްޗެކެވެ. އެހެންވިމާ ލާ ނިހާއީ ދެނެގަތުން ހިތަށް ތަސައްވުރު ނުކުރެވެނީއެވެ. މި ސަބަބަށްޓަކައި މުއުތަޒިލީން އިލާހީ ދެނެގަތުން މާނަކުރަނީ އެކަލާނގެ ދެނެވޮޑި ނުގަންނަވާ އެއްޗެއް ނެތްކަމޭ ބުނެއެވެ. އެހެން ބުނަނީ ފަހަރެއްގއި ވެސް އެ ސިފަފުޅަށް އިންކާރުކުރާތީއެއް ނޫނެވެ. އެ ސިފަފުޅުގެ ތަސައްވުރު، އިންސާނީ ދެނެގަތުމެގެ ތަސައްވުރާ ދުރުކުރުމުގެ ނިޔަތުގައެވެ. އާދެ، ތަޝްބީހަކުރުން، އެއްގޮތް ކުރުން، މި ކަމާ ދުރުވުމަށްޓަކައެވެ. މިއާ ޚިލާފަށް، ސަލަފީން މި މާނަ ކުރަނީ ލަފްޒަށް ރިއާޔަތްކޮށްގެންނެވެ. އިންސާނުންނަށް ދެނެގަތުން އެނގެއެވެ. ނަމަވެސް، އިލާހީ ދެނެވޮޑިގަތުމުގެ ފުރިހަމަކަން ހިތަށް ތަސައްވުރު ނުކުރެވެއެވެ. އެހެންވެ، ސަލަފުން މި ފަދަ ސިފަފުޅުތައް މާނަކުރުމުގައި ބުނަނީ އެ ދެނެވޮޑިގަތުން ގުޅިފައި އޮންނަނީ އިލާހީ ދެނެވޮޑިގަތުމާ އެކަށޭނަ ސިފައަކަށެވެ. އިލާހި ސިފަފުޅުތަކުގެ ވާހަކަދައްކާ އިރު، އެކަލާގެ އަދުލުވެރިކަމުގެ މައްޗަށް ޚާއްސަ ސަމާލުކަމެއް ޝީއީން ދެއެވެ. އެކަލާނގެއީ އަދުލުވެރި ރަސްކަލާނގެ ކަމާއި އެއްވެސް އެއްޗަކަށް އަނިޔާވެރިވެ ވޮޑި ނުގަންނަވާނެކަން، ހަމަ ސުންނީނޭ އެއްފަދައިން ގަބޫލުކުރެއެވެ. ޝީއީންގެ އަގީދާގެ ދެވަނަ ނުކުތާއަކީ ނަބީކަމެވެ. މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މާތްﷲ ނަބީބޭކަލުން ފޮނުއްވިކަމެވެ. އަދި އެ ނަބީބޭކަލުންނަކީ އިސްމަތްތެރި - އެއްވެސް ކުށްފާފައެއް ނުކުރާ ބައެއްކަމުގައި - ސުންނީންނޭ އެއްފަދައިން ޝީއީން ވެސް ގަބޫލުކުރެއެވެ. މީގެ އިތުރުން، ސުންނީންނެކޭ އެއްފަދައިން، މުހައްމަދުގެފާނަކީ (ސ) ޚާތިމުއް ނަބިއްޔީން، އެންމެ ފަހުގެ ރަސޫލާކަމަށާއި އަދި އެކަލޭގެފާނަކީ ވެސް އިސްމަތްތެރި ރަސޫލުބޭކަލެއްކަމުގައި ގަބޫލުކުރެއެވެ. ހަމަ އެހެންމެ، ކީރިތި ގުރުއާނަކީ އެކަލޭގެފާނުންގެ މައްޗަށް ބާވާލެއްވުނު ފޮތެއްކަމާއި އެ ފޮތް ތަހުރީފު ނުކުރެވޭކަމާއި - އެއްވެސް ބަދަލެއް ގެނެވިފައި ނުވާކަމާއި - އެ ފޮތަކީ އެކަލޭގެފާނުންގެ ދެމިހުރި މުއުޖިޒާތްކަން ވެސް، ހަމަ ސުންނީންނޭ އެއްފަދައިން، ޝީއީން ވެސް ގަބޫލުކުރެއެވެ. ޝީއީންގެ އަގީދާގެ މައިގަނޑު ނުކުތާތަކުގެ ތެރެއިން ތިން ވަނަ ނުކުތާ ގުޅެނީ އިމާމުވެރިކަމާއެވެ. އާދެ، ކީރިތި ރަސޫލާއަށް ފަހު، އިސްލާމީ އުއްމަތުގެ ވެރިކަން އޮންނަން ޖެހޭނީ ކޮން ބައެއްގެ އަތްމަތީކަމާއެވެ. މި ގޮތުން، މަތީގައި ބަޔާންކުރެވުނު ފަދައިން، އެކަން އޮންނަން ޖެހޭނީ ކީރިތި ރަސޫލާގެ ދަރިފަސްކޮޅުގައި ކަން ސުންނީންނާ ޚިލާފަށް، ޝީއީން ގަބޫލުކުރެއެވެ. މި އިމާމުންނަށް ވެސް ޝީއީން އިސްމަތުގެ ދަރަޖަދެއެވެ. މިއީ އަގީދާގެ މައްސަލައަށް ބަލާއިރު ސުންނީނާއި ޝީއީންގެ ދެމެދުގައި އޮންނަ މައިގަނޑު ތަފާތެކެވެ. ޝީއިންގެ އަގީދާގެ މައިގަނޑު ނުކުތާތަކުގެ ތެރެއިން ހަތަރު ވަނަ ނުކުތާ ގުޅެނީ އާޚިރަތް ދުވަހަށް އީމާން ވުމާއެވެ. ސުންނީންނެކޭ އެއްފަދައިން، އާޚިރަތް ދުވަހަކީ ހަގީގަތެއްކަމާއި އެ ދުވަހުން މީސްތަކުންގެ އަމަލުތަކުގެ ހިސާބު ބެއްލެވޭނޭ ކަމާއި އޭގެ މައްޗަށް ބިނާކޮށް ސުވަރުގޭގެ ނިއުމަތް ނޫނީ ނަރަކައިގެ އަޒާބު ދެވޭނޭކަން ޝީއީން ވެސް ގަބޫލުކުރެއެވެ. ޝީއީންގެ ފިގުހީ މައްސަލަތަކުގެ ތެރެއަށް ބަލާލާ އިރު، މައިގަނޑު ގޮތެއްގައި، ގިނަ ކަންކަމުގައި ސުންނީނާ ގިނަ ކަންކަމުގައި އެއް ގޮތެވެ. ނަމާދުކުރުމާއި ރޯދަ ހިފުމާއި ޒަކާތް ދިނުމާއި ހައްޖުގެ ކަންކަމަކީ ސުންނީންނޭ އެއްފަދައިން ޝީއީން ވެސް ދިނީ އަސާސީ ކަންކަމެވެ. (ޝީއީންގެ ތެރެއިން އުފެދުނު ބައެއް ފިރުގާތަކުގައި - އަލަވީންނާއި ނުސައިރީންނާއި ދުރޫޒުން ފަދަ ފިރުގާތަކުގައި - މިކަންކަމުގެ ބޮޑު ތަފާތުތަކެއް ހުރެއެވެ.) ޝީއީންނާއި ސުންނީންގެ ދެމެދުގައި ފިގުހީ ގޮތުން އޮންނަ އެންމެ ބޮޑު ތަފާތަކީ މުތުއާ ކައިވެނީގެ - ވަގުތީ ކައިވެނީގެ - މައްސަލައެވެ. ސުންނީން އެކަން ހަރާންކުރާ އިރު ޝީއީން އެކަން ހުއްދަ ކުރެއެވެ. ދެ ފަރާތުގެ މިކަމުގެ ހެކިތަކަށް ބަލާލާ އިރު، ބުނެވޭނީ ސުންނީންގެ ހެކިތައް ވަރުގަދަ ކަމަށް ބެލެވެއެވެ. ޝީއީ ސުންނީންގެ އަދުގެ މައްސަލަ - ދީނީ ކަމެއް ހެއްޔެވެ؟ ނޫނީ ސިޔާސީ ކަމެއް ހެއްޔެވެ؟ ސުންނީންނާއި ޝީއީންގެ އަދުގެ ދެކޮޅުވެރިކަމުގެ މައްސަލައަށް ބަލާލާއިރު، މިސުރުގެ މުފައްކިރެއްކަމުގައިވާ ފަހުމީ ހުވައިދީގެ 'އަލްޢަރަބު ޥަ އީރާން'، މި ފޮތުގައި ބަޔާންކުރާ ގޮތުން، މިކަން ބޮޑަށް ގުޅެނީ ދީނީ ތަފާތުތަކެއް އޮތުމަށް ވުރެ ބޮޑަށް ސިޔާސީ ވާދަވެރިކަމާއެވެ. އޭނަ ބަޔާންކުރައްވާ ގޮތުގައި އީރާނާއި ސައުދީ އަރަބިޔާ ފަދަ ބައެއް އަރަބި ގައުމުގެ ސިޔާސީ ޚިލާފުތައް، ރަނގަޅުކުރުމަށްޓަކައި ދީނީ ތަފާތު ކަމުގެ ވާހަކަތައް އާންމުންގެ ކުރި މައްޗަށް ހުށަހަޅައި، ކޮންމެ ބައެއްގެ ސިޔާސަތަކީ ރަނގަޅު ގޮތްކަން ދެއްކުމަށްޓަކައެވެ. މި ވާހަކައަށް ހެކި ލިބޭ ކަންކަން ވެސް އެބަ ހުއްޓެވެ. އީރާނުގެ އިސްލާމީ އިންގިލާބުގެ ކުރިން، މާނައަކީ 1979ގެ ކުރިން އީރާނާއި ސައުދިގެ ގުޅުން ވަރަށް ވެސް ރަނގަޅެވެ. އޭރު ޝީއީ ސުންނީންގެ ދީނީ ތަފާތުތަކުގެ ވާހަކަތަކެއް ފާހަގަ ނުކުރެވެއެވެ. ނަމަވެސް، އީރާނުގެ މި ނަންގަތް އިންގިލާބަށް ފަހު، މި ފަދަ އިންގިލާބެއް ސުންނީންގެ ތެރެއަށް ވެސް އަތުވެދާނެ ކަމުގެ ބިރު އުފެދި، އެކަން ހުއްޓުވުމުގެ ގޮތުން ސުންނީ ޝީއީ ދީނީ ތަފާތުތަކުގެ ވާހަކަތައް ނެގި، އީރީނާއި އިރާގުގެ ހަނގުރާމަ ވެސް ކުރަން މެދުވެރިވިއެވެ. މި ހަނގުރާމައިގެ ނަތީޖާ ވަރަށް ވެސް ހިއްޗެވެ. އަރަބި ދުނިޔޭގައި އޭރު އޮތް އެންމެ މުއްސަނދި އަދި ބާރުވެރި އެއް ގައުމުކަމުގައިވި އިރާގު ފުނޑުފުނޑުވެ ބައިވެރިވާން މި ނަންގަތް ހަނގުރާމަ ސަބަބަކަށް ވިއެވެ. ހިތާމައަކީ އަދިވެސް މިފަދަ ކަންކަމުން މުސްލިމުން އިބުރަތް ލިބި ނުގަންނަކަމެވެ. އަދިވެސް، އެހެން ހެއްކެކެވެ. މިހާރު ސުންނިންގެ ދީނީ އަދި ސިޔާސީ ޖަމާއަތެއްކަމަށްވާ އަލް އިޚްވާނު އަލް މުސްލިމޫން، މިހާރު އޮތީ އަރަބި ދުނިޔޭގައި ވެސް، ނިރުބަވެރި، އިރުހާބީ، އާދެ، ޓެރަރިސްޓުންގެ ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅިފައެވެ. އަދި، އެ މީހުންގެ އަގީދާއަކީ ވެސް ރަނގަޅު ނޫން އަގީދާއެއް ކަމުގައި ނިންމާފައެވެ. އާދެ، ސިޔާސީ ޚިޔާލުގެ ތަފާތުކަންކަމުގައި ދީނީ ކުލަޖެއްސެނީއެވެ. މިސުރުގެ ޖަލުތަކުން އިޚުވާނުންގެ މެމްބަރުން ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅު މިނިވަންކުރެވުމުން، ވަރަށް ގިނަ ބަޔަކު ގަލްފުގެ އަރަބި ގައުމުތަކުގައި ކިޔަވައިދޭން އުޅުނެވެ. އޭގެ ތެރޭގައި މަޝްހޫރު ސުންނީ އިލްމުވެރިން ކަމުގައިވާ މަރުހޫމު މުހައްމަދު ޤުޠުބާއި މަރްހޫމު ޔޫސުފު އަލްގަރުޟާވީ ހިމެނެއެވެ. މަތީގައި ނަންގަނެވިފައިވާ ހުވައިދީގެ ފޮތުގައި ބަޔާންކުރެވިފައިވާ ފަދައިން، އީރާނަކީ އަރަބިންގެ އަވައްޓެރި ގައުމެކެވެ. އެކަމަކީ ފިލައިގެން ނުދާނޭ ހަގީގަތެކެވެ. އެހެންވެ، ބުއްދިވެރި ގޮތަކީ ދެބައި މީހުން ވެސް ސުންނީނައި ޝީއީން އެއްގަލަކަށް އެރުމަށްޓަކައި މަސައްކަތްކުރުމެވެ. އަދި، މުސްލިމުންގެ ގޮތުގައި، އަވައްޓެރިންގެ ގޮތުގައި، އެއްބަޔަކު އަނެއްބަޔަކަށް ގެއްލުން ދިނުމުން އެއްކިބާވެ ތިބެ، އެކުގައި އުޅުމުގެ މަގުފަހިކުރެވޭތޯ ބެލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ