ހަނގުރާމައިގެ ނުތަނަވަސްކަމާއެކު މިޞްރުގެ އިޤްތިޞާދު ދަށަށް

ހުޅަނގު އޭޝިޔާގައި އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލި، މުދަލާއި ޚިދުމަތުގެ އަގުގެ (އިންފްލޭޝަން) ފިއްތުންތައް އިތުރުވުމާ ގުޅިގެން މިޞްރުގެ އިޤުތިޞާދީ ކުރިއެރުން ދަށްވާނެކަމަށް މާހިރުން އަންދާޒާކޮށްފިއެވެ. އެޕްރީލު މަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، މި ހިނގާ މާލީ އަހަރާއި ކުރިއަށް އޮތް އަހަރު މިޞްރުގެ އުފެއްދުންތެރިކަން ހުންނާނީ %4.6 ގައެވެ. މިއީ، ހަނގުރާމައިގެ ކުރިން އަންދާޒާކުރި %4.9 އަށްވުރެ ދަށް އަދަދެކެވެ. ބީއެންޕީ ޕަރީބާސްގެ މާހިރުން ބުނީ، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު ޢާންމު ޙާލަތަކަށް ރުޖޫޢަކުރެވުނު ނަމަވެސް، ހަކަތައިގެ އަގުތައް އުފުލުމަކީ މިޞްރުގެ އިޤުތިޞާދީ ހަރަކާތްތައް މަޑުޖެހި، ތަކެތީގެ އަގުތައް އުފުލުމަށް މެދުވެރިވާނެ މައިގަނޑު ސަބަބެއް ކަމުގައެވެ.
މިޞްރުގެ މަރުކަޒީ ބޭންކުން 2025/26 ވަނަ އަހަރުގެ ކުރިއެރުން %4.9 އަށް ދަށްކޮށްފައިވާއިރު، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން (އައިއެމްއެފް) ވަނީ އެ އަދަދު %4.2 އަށް ތިރިކޮށްފައެވެ. މި ހީނަރުކަމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު އުފުލުމާއި، ފަތުރުވެރިކަމަށް ކުރާ އަސަރާއި، ސުވަޔިސް މަގު ނުވަތަ ކޯރުގެ (ސުއެޒް ކެނޭލް) އާމްދަނީ ދަށްވުމެވެ. ކެޕިޓަލް އިކޮނޮމިކްސްގެ މާހިރުންގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މިދިޔަ މާރިޗު މަހު މިޞްރުގައި މުދަލާއި ޚިދުމަތްތަކުގެ އަގު ވަނީ %15.2 އުފުލިފައެވެ. މީގެ ސަބަބުން 2025/26 ގައި އިންފްލޭޝަން އެވުރެޖުކޮށް %13.5 ގައި ހުންނާނެ ކަމުގައި މިހާރު ބެލެވެއެވެ. މިއީ، ކުރިން އަންދާޒާކުރި %11.6 އަށްވުރެ ބޮޑު އިތުރުވުމެކެވެ.
އިންފްލޭޝަން ހިފެހެއްޓުމަށް ޓަކައި އިންޓްރެސްޓް ރޭޓް ދަށްކުރުމުގެ ދުވެލި މަޑުޖައްސައިލުމަށް މަރުކަޒީ ބޭންކަށް މަޖުބޫރުވެފައިވާ ކަމުގައި ވެސް މާހިރުން ބުންޏެވެ. ލޯނު ދޫކުރާ މިންވަރު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް %20 ގައި ހުންނާނެ ކަމުގައި ބެލެވޭއިރު، 2027 ގެ ނިޔަލަށް އެ އަދަދު %17 އަށް ތިރިވާނެ ކަމުގައި ވެސް މާހިރުން ލަފާކުރެއެވެ. މީގެ އިތުރުން، އެމެރިކާ ޑޮލަރަކަށް ޖެހޭ މިޞްރު ޕައުންޑްގެ އަގު 2026 ގެ ނިޔަލަށް 51.58 އަށް ދަށްވާނެ ކަމުގައި ބެލެވެއެވެ. މި ބަދަލުތަކަކީ އައިއެމްއެފްގެ 8 ބިލިޔަން ޑޮލަރުގެ އެހީގެ ދަށުން ގެންނަ އިޞްލާޙުތަކެއް ނަމަވެސް، އެމެރިކާގެ ހަނގުރާމައިގެ ސަބަބުން މި މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި މާހިރުން ބުންޏެވެ.
2023/24 ގައި ކުރިއެރުން %2.4 އަށް ވެއްޓުމަށްފަހު، ފައިސާގެ އަގު ދަށްކޮށް އިންޓްރެސްޓް ރޭޓް މަތިކުރުމުން އިޤުތިޞާދަށް ކޮންމެވެސް ވަރެއްގެ ދިރުމެއް އައި ނަމަވެސް، އެމެރިކާގެ ހަނގުރާމައިގެ ސަބަބުން އެ ކުރިއެރުން މިހާރު ވަނީ މަޑުޖެހިފައެވެ. މާހިރުން ލަފާކުރާ ގޮތުގައި 2027/28 އާ ހަމައަށް އިންފްލޭޝަން %9 އަށް ތިރިވެ، އިޤުތިޞާދީ ކުރިއެރުން %5.5 އަށް އުފުލޭނީ ސަރަޙައްދީ ހަމަނުޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންނެވެ. އެހެންކަމުން، ކުރިއަށް އޮތް މާލީ ކުއާޓަރުތަކުގައި މިޞްރުގެ އިޤުތިޞާދީ މުސްތަޤުބަލު ދެމިއޮންނާނީ ހަކަތައިގެ ބާޒާރާއި ސިޔާސީ މަސްލަޙަތު ބަދަލުވާ ގޮތެއްގެ މައްޗަށް ބިނާވެފައި ކަމުގައި ވެސް މާހިރުން ހާމަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ