މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ބުދަ ދުވަހު ނިންމަނީ!
ސިޔާސީ ޕާޓީން ވަކިކޮށް މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްކުރުމުގެ އަޑުއެހުން އަންނަ ބުދަ ދުވަހު އެ ކޯޓުގައި ބާއްވަން ތާވަލުކޮށްފި އެވެ.މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ހުށަހެޅީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.އެ މައްސަލާގެ އަޑުއެހުންތައް މި މަހު ސުޕްރީމް ކޯޓުން ނިންމާލާފައިވާއިރު، ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނު އެވެ.އެ މައްސަލަ ނިމެންދެން، ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެދޭން އަލީ ހުސައިންގެ ފަރާތުން އެދުނަސް ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރާ ހުކުމަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ނުހަނު މުހިންމު ނިންމުމަކަށް ވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ