110 ކިލޯގެ ޑުރަގާ އެކު ލަންކާ އެއާޕޯޓުން 22 ހާމުދުރުން ހައްޔަރުކޮށްފި

މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި ތައިލެންޑުން އެނބުރި އައި ސްރީ ލަންކާގެ 22 ބުޑިސްޓް ހާމުދުރުން ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު (ބީއައިއޭ)އިން ހައްޔަރުކޮށްފިއެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ 110 ކިލޯގެ މަސްތުވާތަކެއްޗާ އެކުގައެވެ. އެއީ، 1.1 ބިލިއަން ރުޕީސްގެ އަގުހުރި ތަކެއްޗެވެ. ލަންކާ ކަސްޓަމްސްގެ ތަރުޖަމާނު ވިދާޅުވީ، ހަތަރު ދުވަހުގެ މުއްދަތަށް ތައިލެންޑަށް ދިޔަ އެ ގްރޫޕްގެ އަތުން "ކުޝް" އާއި "ހަޝިޝް" ފެނިފައިވާ ކަމަށެވެ. މި ތަކެތި ފޮރުވާފައި ހުރީ ކޮންމެ ފާދިރީއެއްގެ ދަބަހުގެ ފުލުގައި އިތުރު ބައެއް ހަދައި އެއިން ކޮންމެ ދަބަހެއްގައި ފަސް ކިލޯ ޑުރަގުގެ މަގުންނެވެ. އަދި، ދަބަސްތަކުގެ ތެރެއަށް، ސްކޫލު ކުދިން ބޭނުންކުރާ ސާމާނާއި، އެކި ވައްތަރުގެ މެޓަ އާއި ފޮނިކާތަކެތި އަޅާފައި ހުއްޓެވެ. އެ 22 ހާމުދުރުންގެ ތެރޭގައި ގިނައީ ލަންކާގެ ފައްޅިތަކުގައި އުޅޭ ޒުވާނުން ކަމަށާއި އެ މީހުން ޗުއްޓީއަށް ގޮސް އުޅުނީ ވިޔަފާރިވެރިންގެ ސްޕޮންސާގައި ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ. ހައްޔަރުކުރި މީހުންގެ މޯބައިލް ފޯނުތައް ޗެކްކުރިއިރު، އެ މީހުން ގައުމުން ބޭރުގައި އުޅުނުއިރު އާންމު ހެދުމުގައި ތިބި ފޮޓޯއާއި ވީޑިއޯ ވެސް ފެނިފައިވެއެވެ. ކަސްޓަމްސްގެ އޮފިޝަލުން ބުނީ، މިއީ ލަންކާގެ މައި ބައިނަލްއަގުވާމީ އެއާޕޯޓުން އެންގެ ގިނައިން "ކުޝް" އެއްފަހަރާ ފެނުނު ފަހަރު ކަމަށެވެ. މިދިޔަ އަހަރުގެ މެއި މަހު ވެސް ލަންކާ އެއާޕޯޓުން 46 ކިލޯ (101 ޕައުންޑް) ގެ މަސްތުވާތަކެއްޗާ އެކު އިނގިރޭސި އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެނާ ދަތުރުކޮށްފައި ވަނީ ބެންކޮކުން ކޮލަމްބޯއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ