ޖަޕާނުން އެންޑީއެމްއޭއަށް 4 މިލިއަން ޑޮލަރުގެ ތަކެތި ހަދިޔާކޮށްފި

ޖަޕާނުން ރާއްޖޭގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އަށް 4.3 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ތަކެތި މިއަދު ހަދިޔާކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. އަދި، އެންޑީއެމްއޭގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެލެއްވީ އެ އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަނެވެ. އެއީ، ޖަޕާންގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމުގެ ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ތަކެތި ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. https://x.com/NDMAmv/status/2048298781318463824 އެންޑީއެމްއޭއިން ބުނީ، މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ފަޔާ ފައިޓިންއާއި ފެންހިންދުމުގެ އިތުރުން ރަށްރަށުގެ މި ފަދަ ޚިދުމަތްތައް ވަރުގަދަކުރަން ވަރަށް ބޮޑަށް އެހީއަކަށްވާނެ ކަމަށެވެ. ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި އަލިފާން ނިއްވާ ޕަންޕާއި، ފެން ހިންދާ ޕަންޕުގެ އިތުރުން އެ ފަދަ ކާރިސާތަކުން ސަލާމަތްވާން ބޭނުންކުރާ އިތުރު ސާމާނު ހިމެނެއެވެ. އެ ތަކެތީގެ ޖުމުލަ އަގު 4.3 މިލިއަން ޑޮލަރަށް އަރާއިރު އެއީ ގާތްގަނޑަކަށް 66 މިލިއަނެއްހާ ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ