ކަރަންޓަކީ ދިރިއުޅުމުގެ ހުރިހާ ކަމަކާއި ގުޅިފައިވާ ޚިދުމަތެކެވެ. އަސާސީ ޚިދުމަތެއްގެ ގޮތުގައި ރައްޔިތުންނަށް ކަށަވަރުވާންޖެހޭ މުހިއްމު ޚިދުމަތެކެވެ. އެހެންނަމަވެސް ރާއްޖޭގެ ބައެއް ކުދި ރަށްރަށާއި އާބާދީ ބޮޑެތި ބައެއް ސަރަޙައްދުތަކުގައިވެސް ކަރަންޓު ކެނޑުމުގެ މައްސަލަދަނީ ކުރިމަތިވަމުންނެވެ. އެކި ސަރުކާރުތަކުން ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރިނަމަވެސް އިތުރުވަމުންދާ އާބާދީއާއެކު ކަރަންޓުގެ ޑިމާންޑަށް އެކަށީގެންވާގޮތުގައި ބައެއް ސަރަޙައްދުތަކަށް ޚިދުމަތް ނުދެވޭ ކަމުގެ ޝަކުވާވަނީ ބޮޑުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ސިލްސިލާކޮށް ބޭއްވެވުމަށް ނިންމަވާ ފެއްޓެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވީ، ކަރަންޓާއި ގުޅުހުންހުރި މައްސަލަތައް ހައްލުކުރުމަށް ދެކަމެއް ސަރުކާރުން ކުރައްވަމުންދާކަމަށެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މުވައްސަސާތައް އިސްލާޙުކުރުމުގެ މަސައްކަތާއި ކަރަންޓު އުފެއްދުމަށް އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
"ޖުމްލަގޮތެއްގައި އަޅުގަނޑުމެންނަށް ވާރުތަވީ ގިނަ ކުންފުނިތަކުގެ މާލީ ހާލަތު ހުރީ އެހާ ރަނގަޅަކަށް ނޫން. އޭގެތެރެއިންވެސް ވަރަށް ބޮޑެތި ދަރަނި ހުރި ފެނަކައިގެ. އެހެންކަމުން ފެނަކައިގެ ހިންގުމަށް ބަދަލު ގެނެސް، އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް މަޑުމަޑުން ރަނގަޅުކުރެވޭތޯ މަސައްކަތްކުރަމުންދަނީ. ދުނިޔޭގެ ކަންކަން ހިނގަމުންދާގޮތަށް ބަލާއިރު މުސްތަޤުބަލަށް ވިސްނަވާ ރައީސްވަނީ ރާއްޖޭގައި ސޯލާ ބޭނުންކުރާ ނިސްބަތް އިތުރުކުރުމަށް ނިންމަވާފައި. އޭގެދަށުން ބައެއް މަޝްރޫޢުތައް ފެށިފައިވާއިރު ބައެއް މަޝްރޫޢުތައް ފެށުމަށްވެސްވަނީ ތައްޔާރުވެފައި." ތަރުޖަމާން ވިދާޅުވިއެވެ.
ފެނަކައިން ޚިދުމަތްދޭ އާބާދީ ބޮޑެތި ބައެއް ސަރަޙައްދުތަކުގައި ބޭނުންކުރާ ކަރަންޓުގެ ކެޕޭސިޓީއަށް ބަލާއިރު ހައި ސްޕީޑު ޖެނެރޭޓަރސް ތަކުގެ ބަދަލުގައި ލޯ ސްޕީޑު ޖެނެރޭޓަރުތައް ބޭނުންކުރުމަކީ، ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށް މުހިއްމު ފިޔަވަޅެއްކަމަށް ކަރަންޓުގެ މައްސަލައާއި ގުޅިގެން އޭރު ފެނަކައިންވަނީ ހާމަކޮށްފައެވެ.
އަތޮޅުތަކުގެ ރަށްރަށުގައި ހުރި ކަރަންޓު ނެޓްވޯކްތަކަކީ މީގެއެތައް އަހަރެއް ކުރީގެ ނެޓްވޯކްތަކެކެވެ. އެހެންކަމުން ކެޕޭސިޓީ އިތުރުވެ އިންޖީނުތައް ބަދަލުކުރިނަމަވެސް ފެންވަރު ރަނގަޅު ޚިދުމަތެއް ކަށަވަރުނުކުރެވެއެވެ. މިމައްސަލަ ހައްލުކުރުމަށް ރަށްރަށުގައި އޮތް ދުވަސްވީ ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ. ހަމައެއާއެކު ރަށްރަށުގެ އިންޖީނުގެތަކުގައި ހުރި ދުވަސްވީ އިންޖީނުތައް ބަދަލުކުރުމާއި، އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތްވެސް އެކި މަރުޙަލާތަކުގައިދަނީ ކުރަމުންނެވެ. ސަރުކާރުން ވިދާޅުވާގޮތުގައި މިމަސައްކަތްތައް ނިމޭއިރު މިހާރު ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް އަންނާނެއެވެ.
އަތޮޅުތަކުގެ ކަރަންޓު މައްސަލަ ޙައްލުކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ