މެލޭޝިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

މެލޭޝިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނަށް އަންނަ މަހު އަމަލުކުރަން ފަށަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މެލޭޝިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ އެކައުންޓްތައް ހެދުމާއި އެފަދަ ވަސީލަތްތައް ބޭނުންކުރުން މަނާކުރާ އާ ގާނޫނަށް އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ. https://sun.mv/219817 މި ނިންމުމަކީ ކުޑަކުދިންނަށް ނޭދެވޭ އަދި ނުރައްކާތެރި މައުލޫމާތުތަކަށް ހުށަހެޅުމުން ސަލާމަތްކުރުމަށާއި، އެކުދިންގެ އުމުރާ ނުގުޅޭ ކަންކަމުން ރައްކާތެރިކުރުމުގެ މަގުސަދުގައި އެގައުމުގެ ކެބިނެޓުން މިދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފާސްކޮށްފައިވާ ނިންމުމެކެވެ. މި އާ ގަވާއިދުގެ ދަށުން ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރުކުރެވޭނެ ވަރުގަދަ ނިޒާމްތަކެއް ގާއިމްކުރަން ޖެހެއެވެ. އެގޮތުން އަލަށް އެކައުންޓް ހަދާ ކުދިންގެ އިތުރުން މިހާރުވެސް އެކައުންޓް ހަދާފައިވާ ފަރާތްތަކަކީ 16 އަހަރުން މަތީގެ މީހުންތޯ ބެލުމަށް މެލޭޝިއާ ސަރުކާރުން ނުވަތަ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ އައިޑީ ކާޑު ފަދަ ލިޔެކިޔުންތައް މެދުވެރިކޮށް އުމުރު ކަށަވަރުކުރަން ޖެހޭނެއެވެ. އުމުރު ކަށަވަރުކޮށްނުދެވޭ ފަރާތްތަކަށް އެކައުންޓް ހެދުން ބްލޮކްކުރުމާއި، މިހާރުވެސް ހުރި އެކައުންޓްތަކަށް ވަނުން މަނާކުރުމުގެ ބާރު ސޯޝަލް މީޑިއާ ކުންފުނިތަކަށް މި ގާނޫނުން ލާޒިމްކުރެއެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރާ ފަދަ ކޮންޓެންޓްތައް ރިޕޯޓް ކުރެވޭނެ ފަސޭހަ ނިޒާމްތަކެއް ގާއިމްކުރުމާއި، 16 އަހަރުން ދަށުގެ ކުދިން ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ އެކައުންޓްތަކާ މެދު އަވަސް ފިޔަވަޅު އެޅުމަށްވެސް ކުންފުނިތަކަށް ވަނީ އަންގާފައެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު މި ގާނޫނަށް އަމަލުކުރަން ފެށިނަމަވެސް، ސޯޝަލް މީޑިއާ ކުންފުނިތަކަށް މި ނިޒާމްތައް ފުރިހަމައަށް ގާއިމްކުރުމަށްޓަކައި އެކަށީގެންވާ މުއްދަތެއްގެ ގްރޭސް ޕީރިއަޑެއް (ލުއި މުއްދަތެއް) ދިނުމަށް މެލޭޝިއާ ސަރުކާރުން ވަނީ ނިންމާފައެވެ. މެލޭޝިއާގެ މި ނިންމުމަކީ އޮސްޓްރޭލިއާ އާއި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން ކުޑަކުދިން ސޯޝަލް މީޑިއާއިން ދުރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ނިންމި ނިންމުމެކެވެ. އަދި އިނގިރޭސިވިލާތާއި ސްޕެއިން ފަދަ ބައެއް ބޮޑެތި ގައުމުތަކުންވެސް މިފަދަ ގާނޫނުތަކެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ