ދަރަނިތައް އަދާކުރުމާއެކު ދައުލަތުގެ ރިޒާވް 46 ޕަސެންޓަށް ދަށަށް
މިދިޔަ އޭޕްރީލް މަސް ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރި މިންވަރު 46 ޕަސެންޓަށް ދަށަށް ހިނގައްޖެއެވެ. ދައުލަތުގެ ރިޒާވް މިހާ ދަށްވެފައި މިވަނީ ފާއިތުވި ދެ މަސްތެރޭ، ރާއްޖެއިން ބޮޑެތި ދަރަނިތައް އަދާކޮށްފައި ވަނިކޮށެވެ. މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަސް ނިމުނު އިރު ރަސްމީ ރިޒާވް ހުރީ 718 މިލިއަން ޑޮލަރުގައެވެ. އޭގެ ކުރީ މަހު ރަސްމީ ރިޒާވްގައި ހުރީ 1.3 ބިލިއަން ޑޮލަރެވެ. އެއީ 46 ޕަސެންޓުގެ ދަށްވުމެކެވެ. ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވް ވެސް ވަނީ 40 ޕަސެންޓަށް ދަށްވެފައެވެ. މިދިޔަ މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 244 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު ޔޫޒަބަލް ރިޒާވްގައި 400 މިލިއަން ޑޮލަރު ހުއްޓެވެ. https://www.sun.mv/221827 މި އަހަރުގެ ފުރަތަމަ ތިން މަހު ވެސް ޔޫޒަބަލް ރިޒާވްގައި އެއް ބިލިއަން ޑޮލަރަށް ވުރެ މަތީ އަދަދެއް ހުއްޓެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ރިޒާވްގައި 856 މިލިއަން ޑޮލަރު ހުރިއިރު މި އަހަރުގެ އޭޕްރީލް މަހުގެ ރިޒާވް ވަނީ މިދިޔަ އަހަރުގެ އެ މަހަށް ވުރެ 16 ޕަސެންޓް ދަށަށް ގޮސްފައެވެ. ސަރުކާރުން މި އަހަރު ވަނީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައެވެ. އެ ގޮތުން، މި އަހަރުގެ ބަޖެޓުން އެކަނި ވެސް ދަރަނި އަނބުރާ ދެއްކުމާއި، ލޯންތަކުގެ އިންޓްރެސްޓަށް 10 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ވަނީ ހޭދަކޮށްފައެވެ. އޭގެ ތެރޭގައި އެމްއެމްއޭއިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ދައްކައި ވަނީ ޚަލާސްކޮށްފައެވެ. https://sun.mv/221809 އެމްއެމްއޭގެ ބޭނުންކުރާ ރިޒާވް މިހާރު ހުރީ އެންމެ ދެ އަދަދަށް ދަށްވެފައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މިފަހުން ފާޑުވިދާޅުވެފައެވެ. ރާއްޖެއިން އަދާކުރަންޖެހޭ ދަރަނި މިފަހުން ސަރުކާރުން އަދާކުރި ގޮތާ ގުޅޭ ގޮތުން ވެސް ޔާމީން ވަނީ ސުވާލުއުފައްދަވައިފައެވެ. އެގޮތުން ރާއްޖެއަށް ލޯނެއް ދޭނެ ބޭރުގެ ފަރާތެއް ވެސް ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ